އަނބިމީހާ ނިޔާވުމުން ދެވަނަ ކައިވެންޏަށް ފަނަރަ އަހަރުވީއިރުވެސް ނިޔާވި އަނބިމީހާދެކެ ލޯބިން އޭނާގެ ހަނދާނުގަ ދިރިއުޅުނު މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
އަނބިމީހާ ނިޔާވުމުން ދެވަނަ ކައިވެންޏަށް ފަނަރަ އަހަރުވީއިރުވެސް ނިޔާވި އަނބިމީހާދެކެ ލޯބިން އޭނާގެ ހަނދާނުގަ ދިރިއުޅުނު މީހެއްގެ ވާހަކަ-

އަޅުގަނޑު ބޮޑުވީ ދޮންމަންމައާއި ބައްޕަގެ ގާތުގައި ހުރެއެވެ. ނަމަވެސް އެއީ ދޮންމަންމަ ކަމެއް އަޅުގަނޑަކަށް ނުއެނގެއެވެ. އޭނާ އަޅުގަނޑަށް ވަރަށް ރަނގަޅެވެ. ވަރަށް ހެޔޮކޮށް ކަންކަންވެސް ކުރެއެވެ. ލޯބިވެސްދެއެވެ. ނަމަވެސް ބައްޕަގެ ކިބައިން އެއްވެސް ވަރަކަށް ލޯތްބެއް ނުލިބެއެވެ. ބައްޕަ ގާތަށ ހިނގައްޖެނަމަ އަބަދުވެސް ބުނަނީ ދުރަށް ދިއުމަށެވެ. ފިލާވަޅުދަސްކުރަން ނުވަތަ ކުޅެން އުޅުމަށެވެ. 

އެހެންކަމުން ޤަބޫލުކުރެވިފައި އޮތީ ބައްޕަ އަޅުގަނޑުދެކެ ލޯބިނުވަނީ ކަމަށެވެ. ނަމަވެސް ބައްޕަ އަޅުގަނޑަށް ބޭނުންވާހައި ކަންކަން ކޮށްދޭތީ ބައްޕަ އަޅުގަނޑުދެކެ ލޯބިނުވާކަމަށް ނިންމަންވެސް އުދަގުލެވެ. 

ކޮންމެއަކަސް އަޅުގަނޑަށް 15 އަހަރުވީފަހުން ތިމާގެ މީހެއްގެ ކިބައިން އެނގުނީ އަޅުގަނޑުގެ މަންމަ ވަނީ ނިޔާވެފައިކަމާއި ނިޔާވީ ވިހހެއުމުގެ ތެރޭގައިކަމެވެ. އަދި އޭނާ ބުނިގޮތުން ބައްޕަ އަޅުގަނޑާއި ދުރުހެލިވެގެން އުޅެނީ މަންމަ ނިޔާވީ އަޅުގަނޑުގެ ސަބަބުން ކަމަސް ބައްޕައަށް ޤަބޫލުކުރެވޭތީއެވެ. 

މަންމަ ނިޔާވުމަށްވުރެ އަޅުގަނޑަށް ބޮޑު މައްސަލައަކަށްވީ މަންމަ ނިޔާވީ އަޅުގަނޑުގެ ސަބަބުނަކަމަށް ބައްޕަ ޤަބޫލުކުރުމުން އެމައްސަލައެވެ. ދުނިޔެއަށް އުފަންނުވާ ކުޑަކުއްޖެއްގެ އޮންނާނީ ކޮންކުށެއްކަން ނުވިސްނޭތީއެވެ. 

ކޮންމެއަކަސް ގެއަށް ދެވުމާއިއެކު ބައްޕަ އާއި ބައްދަލުކޮށް އެވާހަކަތަކާއި ބެހޭގޮތުން ސުވާލުކުރީމެވެ. ބައްޕަ ރޮމުން ކިޔައިދިނެވެ. "މަންމަ މަރުވުމުގެ ޒިންމާ އެއްވެސް މީހެއްގެ ބޮލުގައި އަޅަންޖެހޭނަމަ އެމީހަކީ ހަމަ ބައްޕައެވެ. އެއީ މަންމަ ގާތުގައި ހޭދަކުރެވުނު ވަގުތުމަދުކަމުންނެވެ. އެއިރު އަތުގައި އެއްވެސް ވަރަކަށް ތަނަވަސްކަން ނެތުމުން އަބަދުހެން މަސައްކަތުގައި އުޅެންޖެހުމުން މަންމަގާތު ހޭދަކުރަންލިބުނީ ވަރަށް މަދުވަގުތުކޮޅެކެވެ. އެހެންވެ ވިހަމް ހޮސްޕިޓަލަށް މަންމައަސް ދާންޖެހުނީވެސް ދަރިފުޅުގެ މާމައާއިއެކުގައެވެ. މަސައްކަތުގައި ހުއްޓާ ގުޅުމުން ދެވުނުއިރު ވިހައިފިއެވެ. އަދި މަންމަ ދުނިޔެ ދޫކޮށްފިއެވެ. 

ދަރިފުޅު ބައްޕަގެ ގާތަށް އައުމުން ދުރަށް ފޮނުވާލެވެނީ ފޮނުވާލަން ބޭނުންވެގެނެއް ނޫނެވެ. ނަމަވެސް ދަރިފުޅާއި ދަރިފުޅުގެ މަންމައާއި ވައްތަރުކަން ބޮޑުކަމުން ބައްޕަގެ ހިތަށް އަސަރުކުރަނީއެވެ. މަންމަ ނިޔާވިތާ 15 އަހަރުވީއިރުވެސް ބައްޕަގެ ހިތުން އަދިވެސް ލޯބިވެވެނީ މަންމަ ދެކެއެވެ. ދޮންމަންމައަކު ހޯދީ އެކަނި ދުނިޔޭގައި ނުއުޅެވޭނެތީއެވެ. ރަނގަޅު ގޮތުގައި ދަރިފުޅު ތަރުބިއްޔަތުކުރަން ބޭނުންވާތީއެވެ. އެއްވެސް ޙާލެއްގައި ދޮންމަންމަ ދެކެ ލޯބިތަކެއް ވެވިގެނެއް ނޫނެވެ. އެކަން ދޮންމަންމައަށްވެސް އެނގޭނެއެވެ. ދޮންމަންމަ ދަރިފުޅު ދެކެ އެހައި ބޮޑަސް ލޯބިވަނީވެސް މިބުނި ކަންކަން ދޮންމަންމައަށް ރަނގަޅަށް އެނގޭތީއެވެ. ދަރިފުޅުގެ ހިތުގައި ޖައްސައިފިނަމަ އެކަން ބައްޕަ ބަލައިނުގަންނާނެކަން ރަނގަޅަށް ދޮންމަންމައަށް އެނގޭތީއެވެ. މިހާރުވެސް ބައްޕަ ލޯބިވަނީ ދަރިފުޅުގެ މަންމަ ދެކެކަންވެސް ދޮންމަންމައަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ." 

އުފަލުން ގޮސް ހުރެވުނުތަންވެސް ނުއެނގުނެވެ. ދުވެފައިގޮސް ބައްޕަގެ ގައިގައި އޮޅުލައިގަތީމެވެ. ބައިވަރު "އުންމަ" ދިނީމެވެ.

މިއީ އަޅުގަނޑު ވެސް ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ ވަރަށް މަތިވެރި މަޤްޞަދެއްގައެވެ. ތެދުވެރި ލޯބިވާ މީހުން މިހާރު ދުނިޔޭގައި ނެތްކަމަށް ބުނާ މީހުންނަށް ފިލާވަޅެއް ދިނުމުގެ ބޭނުމުގައެވެ. ތެދުވެރި ލޯބިވާ މީހުން މިޒަމާނުގައިވެސް އެބަ އުޅެއެވެ. މަދީއެވެ. މަދުކަމުން އެފަދަ ބަސްތައް ބުނެވެނީއެވެ. 

އަދި އިތުރު އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެތިމާގެ މީހާ އެކުއްޖާއަށް ވިސްނައިދިން ގޮތް ނިކަން ދެކިބަލާށެވެ! ބައްޕަގެ ބޮލުގައި އެއެޅުވީ ކިހާ ނުބައި އިލްޒާމެއް ހެއްޔެވެ؟ އުފައްދަން އެ މަސައްކަތްކުރީ ކިހައި ބޮޑު ފިތުނައެއް ހެއްޔެވެ؟ މިއީ ވަރަށް ދެރަކަމެކެވެ. ދަރިންގެ ހިތުގައި މައިންބަފައިންނާއިމެދު ނުބައި ޝައްކުތައް އުފެދޭނެ ފިތުނަވެރި ވާހަކަތައް ދައްކަން ހެޔޮނުވާނެއެވެ.

މިސާލަކަށް އެމީހާގެ ވާހަކަތައް ޤަބޫލުކޮށް އެކުއްޖާގެ ހިތުގައި ބައްޕައަށް ނަފުރަތު އުފެދި އެހަސަދަވެރިކަންމަތީގައި އެކުއްޖާ ހުރިނަމަ ދެން ކަންކަން ވެގެންދާނީ ކިހިނަކުންހެއްޔެވެ؟ ވީމާ މިހުންނަނީ ދައްކަން ހެޔޮނުވާ ޒާތުގެ ވާހަކަތަކެވެ.

- ފަހީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން