އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ލޯބިން އެކުގައި ދިރިއުޅޭ ކޮންމެ ދެމަފިރިއަކުވެސް ދަރިއަކު ބޭނުންވާނެއެވެ. ހަމަގައިމުވެސް ކައިވެނި ކުރީންސުރެ އަޅުގަނޑުމެން ދެމަފިރިން ދަރިއަކަށް ބޭނުންވިއެވެ. އެކަމަށް މަސައްކަތްވެސްކުރީމެވެ. ނުކުރާ މަސައްކަތެއް ނުއޮންނާނެކަމަށް ބުނެވޭ ވަރަށް މަސައްކަތްކުރީމެވެ.
ކައިވެންޏަށް 4 ވަނަ އަހަރު އަޅުގަނޑު ބަލިވެއިނެވެ. ބަލިވެ އިނުމާއިއެކު ދަރިފުޅަށް މަރުޙަބާކިޔަން ތައްޔާރުވީމެވެ. އަޅުގަނޑުމެންނަށް ވެވުނު އެންމެ ފުރިހަމައަކަށެވެ. ދުވަސްފުރެމުން އައިއިރު ދަރިފުޅު ދެކޭހިތުން ތިބީ ކެތްމަދުވެފައެވެ.
ވިހަން ހޮސްޕިޓަލަށް ދިއައީވެސް އުފާވެރިކަމުން ފުރިގެން ތިބެއެވެ. ވިހެއުމުގައި މައްސަލަތަކެއް ކުރިމަތިވެގެން ޖެހުނީ ސިޒޭރިއަންހަދާށެވެ. ހޭއެރިއިރު ކައިރީގައި އިނދެގެން ފިރިމީހާ ރޮނީއެވެ. ދަރިފުޅެދެކޭހިތުން ދަރިފުޅު ގެނެސްދޭން އެދުމުން ބުނީ ދަރިފުޅު ސަލާމަތްނުކުރެވި މަރުވީ ކަމަށެވެ. ދެން ވީގޮތް ކިޔައިދޭންވެސް ނޭނގެއެވެ.
އެއަށްފަހު އަހަރުވީއިރުވެސް ދެމަފިރިންނަސްވެސް ތިބެވެނީ ރޮވިފައެވެ. ހިތާމައިގައެވެ. އެ ހިތާމަތަކުން ސަލާމަތްވޭތޯ ބަލަން އަވަށްޓެރި ވަރަށް ފަޤީރު އަންހެނަކު ވިހެއުމުން އޭނާ އާއި ދަރިފުޅު (ދެމައިން) ގެއަށް ގެނައިމެވެ. އޭނާގެ ފިރިމީހާވެސް ވަނީ ނިޔާވެފައެވެ. ވީމާ އެއީ އަޅައިލާނެ އެއްވެސް މީހަކު ނެތް އެކަނިވެރި ދެމައިންނެވެ.
އެހިސާބުން ކޮންމެވެސްވަރަކަށް ހިތްހަމަޖެހުން ލިބެން ފަށައިފިއެވެ. އެދެމައިން ބަލަހައްޓަމުން ގެންދާތާ އަހަރުވެސް ނުވަނީސް އަޅުގަނޑު ބަލިވެއިނދެއްޖެއެވެ. އެފަހަރު ލިބުނީ ލޯބިލޯބި އަންހެން ކުއްޖެކެވެ.
އެހެނަސް ގެންގުޅެން ނުލިބުނު ދަރިފުޅުގެމަތިން ހަނދާން ނައްތައެއް ނުލެވުނެވެ. ދެކުދިން ގޮވައިގެން ކުޅެންއުޅޭއިރުވެސް އެދަރިފުޅުމަތިން ވަރަށް ބޮޑަށް ހަނދާންވެއެވެ. އެއީ ހޮނިހިރު ދުވަހެކެވެ. ދެކުދިން ގޮވައިގެން އަޅުގަނޑުމެން އުޅުނީ ގޮނޑުދޮށުގައެވެ. އާދައިގެމަތިން މަތިބަލައިލެވުނު ވަގުތެކެވެ.
އަޅުގަނޑަށް އިވެނީ އަޑެކެވެ. "މަންމާއެވެ! ދެރަނުވާށެވެ! ކޮއްކޮމެން ގޮވައިގެން މަންމަމެން އުފާކުރާތަން ދޮންބެ އެބަ ބަލަމެވެ. މަންމަމެންނާއި ބައްދަލުކުރެވޭނެ ދުވަސް އަދި އަންނާނެއެވެ! އުފާކުރާށެވެ! އެދުވަހުން އަޅުގަނޑު ހުންނާނީ މަންމަ އާއި ބައްޕަގެ އެންމެ ގާތުގައެވެ."
އެއަޑަކީ ޙަޤީޤަތަކަށް ނުވެދާނެއެވެ. އަޅުގަނޑަށް ކުރެވުނު އިޙްޞާޞްތަކަކަށްވެސް ވެދާނެއެވެ. ކޮންމެއަކަސް އެކަން މެދުވެރިވިފަހުން ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބުނެވެ. އެއީ އެދަރިފުޅު ވާނީ ﷲ ތަޢާލާގެ ރަޙްމަތުގައި ސުވަރުގޭގައިކަމާއި އަދި ޤިޔާމަތް ދުވަހު އަހަރެމެން ސުވަރުގެ ވައްދަން މަސައްކަތްކުރާނެކަން ވިސްނުމުންނެވެ.
ގެއަށް ގޮސް އެރޭ ކާންތިބެގެން ފިރިމީހާ ގާތުގައި އެވާހަކަބުނުމުން ފިރިމީހާ ބުންނެވެ. "ތިއައީ ވަރަށް ވަރުގަދަ މެސެޖެކެވެ. ދެން މަސައްކަތްކުރަންވީ އަވަހަށް ޙައްޖަށް ދިއުމަށެވެ. އަދި އަޅުކަންކުރުން މިހާރަށްވުރެވެސް އިތުރުކުރަންވީއެވެ. އެއީ ދަރިފުޅާއި ބައްދަލުވެވޭނީ ސުވަރުގެ ވައްދަވާ އަޅުންކަމުގައި ވެވިއްޖެނަމައެވެ.
ކޮންމެއަކަސް އެއިގެ ފަހުންވެސް 3 ދަރިން ލިބުނެވެ. އަޅުގަނޑުމެންގެ ޢުމުރު މިހާރުމިވަނީ 50 އަހަރުންމަތީގައެވެ. ޔަޤީންކަމާއިއެކު ބުނަމެވެ. އެދުވަހަށްފަހު ފާފައަކަށްވެދާނެކަމަށް ޝައްކުކުރެވޭ އަމަލެއްވެސް ދެމީހުންކުރެ މީހަކު ނުކުރަމެވެ. އަދި ކުރެވުނުހައި ގިނައިން މިގެންދަނީ އަޅުކަންކުރަމުންނެވެ.
- ދިޔާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް