ހަޤީޤީ ޙާދިސާ: ފިރިމީހާއަށް ޖެހުނު ވަރަށް ނުރައްކާތެރި ބަލިކަމަށްވީ ވަގަށް ޅަކުންދިންނާ ކައިވެނިކުރާހިތްވުން! ބައްޔަށް ސަމާލުވާން އެބަޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ހަޤީޤީ ޙާދިސާ: ފިރިމީހާއަށް ޖެހުނު ވަރަށް ނުރައްކާތެރި ބަލިކަމަށްވީ ވަގަށް ޅަކުންދިންނާ ކައިވެނިކުރާހިތްވުން! ބައްޔަށް ސަމާލުވާން އެބަޖެހޭ!

އަޅުގަނޑު ނިޞްބަތްވަނީ މާލެއަށެވެ. ފިރިމީހާ ނިޞްބަތްވަނީ އުތުރުގެރަށަކަށެވެ. ދެމީހުން ދިރިއުޅެމުން އައީ އަޅުގަނޑުގެ މައިންބަފައިންގެ ގެއިން ލިބިފައިވާ ފްލެޓެއްގައެވެ. ދެމީހުންގެ ކައިވެންޏަށް 7 އަހަރުވީއިރު 3 ދަރިން ވަނީ ލިބިފައެވެ. 

ފިރިމީހާ މަޑުމަޑުން ބަދަލުވާން ފަށައިފިއެވެ. މަސައްކަތުން ނިމިގެން އައުން ލަސްވާން ފަށައިފިއެވެ. އަވަހަށް އާދެވޭ ރެއަކުވެސް ކޮންމެވެސް ބަހަނާއެއް ދައްކާފައި ބޭރަށްދާން ފަށައިފިއެވެ. ހަމައެއާއިއެކު ލިބޭ މުސާރައިން ގެއަށްކުރާ ޚަރަދުތައް މަދުވާން ފަށައިފިއެވެ. 

މިހުރިހާ ކަންކަން އައިސް ވަށާޖެހުމުން ފިރިމީހާ އާއި ސުވާލުކުރުމުން ބުނަނީ އޭނާގެ ސިކުނޑިއަށް ނުބައި ބައްޔެއް ޖެހިފައިވާ ކަމަށެވެ. އެބައްޔަށް ބޭހެއްވެސް ނެތްކަމަށާއި އޮތް ފަރުވާއަކީ އުފާކުރުން ކަމަށެވެ. އެހެންވެ އެކުވެރިންނާއިއެކު ހޭދަކުރާ ވަގުތު ގިނަކުރެވެނީ ކަމަށެވެ. 

ފިރިމީހާއަށް އެފަދަ ބޮޑު ބައްޔެއް ޖެހިފައިވުމުން ވަރަށް ދެރަވިއެވެ. އަދި ނުބައި ތުހުމަތުތަކެއް ކުރެވުނީތީ ވަރަށް ދެރަވެސްވިއެވެ. އެހެންވެ އަލުގަނޑުގެ ބެސްޓް ފްރެންޑާއި އެވާހަކަ ޙިއްޞާކޮށްލުމުން އޭނާ ވަރަށް އިތުބާރުކުރާ ޑޮކްޓަރެއްގެ ވާހަކަ ބުނެފައި ބުނީ އެޑޮކްތަރުގެ ލަފާ ހޯދުން ބުއްދިވެރިކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ ޚަރަދުތައްވެސް އެކުވެރިޔާ ކޮށްދޭނެ ކަމަށެވެ. 

އެވާހަކަ ފިރިމީހާ އާއި ޙިއްޞާކުރުމުން އެ ޑޮކްޓަރަށް ދައްކަން ދާން އެއްބަހެއް ނުވިއެވެ. އަދި އޭނާ ދައްކާ ޑޮކްޓަރަށް އަޅުގަނޑާއިއެކު ގޮސް ދައްކަންވެސް އެއްބަހެއް ނުވިއެވެ. އެހިސާބުން އަނެއްކާވެސް ހިތުގައި އިތުރު ޝައްކުތަކެއް އުފެދުނެވެ.

ކަމުގެ ޙަޤީޤަތް ހޯދަން ކުރި މަސައްކަތުން އެނގުނީ ހަމަ ޙަޤީޤަތުގައިވެސް ފިރިމީހާގެ ސިކުނޑިއަށްވަނީ ޒިންމާދާރު ފިރިއެއްގެ ސިކުނޑިއަށް ޖެހޭނެ އެންމެ ނުރައްކައުތެރި ބަލި ޖެހިފައިކަމެވެ. އެބައްޔަކީ އަނބިމީހާ އަށާއި ދަރިންނަސް ކުރަންޖެހޭ ޚަރަދުކުރާނެ ފައިސާ ނުލިބޭއިރުވެސް ޒުވާންކުދިންނާއި ކައިވެނިކުރާހިތް ޖެހުމުގެ ބައްޔެވެ. އެބަލި ޖެހުނުލެއް ބޮޑުކަމުން 35 އަހަރުގެ ފިރިމީހާ ވަނީ 19 އަހަރުގެ ފުވައްމުލަކަށް ނިޞްބަތްވާ އަދި މަސްތުވާތަކެތިވެސް ބޭނުންކުރާ އަންހެން ކއްޖަކާއި ކައިވެނިވެސް ކުރެވިފައެވެ. ކުލި ދައްކާނެ ފައިސާ ނުލިބޭއިރުވެސް ވަނީ ދިރިއުޅެން ކޮޓަރިއެއް ކުއްޔަށްވެސް ހިފައިފައެވެ. 

މިހާނުރައްކާތެރި، ޚާއްޞަކޮށް މަސްތުވާތަކެއްޗާއިވެސް ގުޅުންހުރި ނުރއްކައުކެރި ބައްޔެއް ޖެހިފައިވާ ފިރިއަކާއިއެކު ދިރިއުޅުމަކީ ކުރެވޭނެވަރުގެ ކަމަކަށް ނުވާތީ އަޅުގަނޑު އަވަސްއަވަހަށް ވަރިވީމެވެ. އަދި ގެއިން ފިރިމީހާ ނެރެލީމެވެ. އެއީ އެބަލީގެ އަސަރު އަޅުގަނޑުގެ ދަރިންނަށްކުރަން ބޭނުން ނުވާތީއެވެ. 

ވަރިވެ އަހަރެއްހައި ދުވަހު އެކަނި އިނީމެވެ. ބޭބެމެންނާއި ކޮއްކޮމެން 3 ދަރިންނާއި އަޅުގަނޑުގެ ކަންކަން ބަލަހައްޓައިދިނެވެ. އެހެންވެ އަޅައިވެސްނުލާ ދަރިން ބެލުމާއި އަޅުކަމުގައި ވަގުތު ހޭދަކުރަމުން ދަނިކޮށް ދޮށީ ބޭބެގެ ރައްޓެއްސަކު ކައިވެނިކުރަން އެދުމުން އޭނާ އާއި ކައިވެނިކޮށްގެން ދިރިއުޅެމުން މިދަނީ ހަމަ އުފަލުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްބަކޮށް އުޚުތުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުގެ ކުރީގެ ފިރިމީހާގެ ސިކުނޑިއަށް ޖެހުނު ނުރައްކައުތެރި ބަލި ޖެހޭ ފިރިން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ. މިބަލިން ސަލާމަތްވެ ތިބެވެން އޮތީ އަނބިން ވަރަށް ބޮޑަށް ހޭލުންތެރިވެ ތިބެގެންނެވެ. ފަރުވާއަކީ ކެންސަރު ޖެހުމުން ކިތަންމެ ލޯބިވާ ގުނަވަންވެސް ކަނޑާލާ އުޞޫލުން ބަލިޖެހޭ ފިރިންގެ ކިބައިން ސަލާމަތްވުމެވެ. 

- ޝަރޫ / މިއަދުނޫހުގެ ކިޔުންތެރިއެއް  

މިއަދު އޮންލައިން