ޙަޤީޤީ ޙާދިސާ: އުޚުތާގެ ދިރިއުޅުމަށް ހުރަސް އަޅައި ވަރިކުރުވައިގެން ކައިވެނިކުރި އަންހެނަކަށް އިސާހިތަކު އުޚުތާގެ ފައިބުޑަށް ވެއްޓެންޖެހުނު ގޮތުގެ ވާހަކަ-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ޙަޤީޤީ ޙާދިސާ: އުޚުތާގެ ދިރިއުޅުމަށް ހުރަސް އަޅައި ވަރިކުރުވައިގެން ކައިވެނިކުރި އަންހެނަކަށް އިސާހިތަކު އުޚުތާގެ ފައިބުޑަށް ވެއްޓެންޖެހުނު ގޮތުގެ ވާހަކަ-!

އަޅުގަނޑާއި ރަމީޒްގެ ކައިވެނި ކުރެވުނީ އަޅުގަނޑުގެ އުމުރުން 21 އަހަރު އަދި އޭނާގެ އުމުރުން 24 އަހަރުގައެވެ. ކައިވެނީގެ ފުރަތަމަ 3 އަހަރު ހޭދަކުރެވުނީ ވަރަށް އުފަލުގައެވެ. ނަމަވެސް ހަތަރުވަނަ އަހަރު މުޅި ދިރިއުޅުން ފުނޑުފުނޑުވެގެންދިއައީ އަޅުގަނޑުގެ ކޮއްކޮއާއި ފިރިމީހާ އާއިދެމެދުގައި ލޯބީގެ ގޮތުން ގުޅުން އުފެދުމުންނެވެ.

ފިރިމީހާއަށް ވިސްނައިދޭން މަސައްކަތްކުރުމުން ބުނީ އެކަން ހުއްޓާލެވެން ނެތްކަމަށެވެ. ކޮއްކޮ ދެކެ މާބޮޑަށް ލޯބިވާކަމަށެވެ. ކޮއްކޮވެސް ބުނީ ހަމަ އެފަދަ ބަހެކެވެ. އެހިސާބުން އަޅުގަނޑު ވަރިވީމެވެ. އަދި ގެ ދޫކޮށް ތަނެއް ކުއްޔަށް ހިފައިގެން ދިރިއުޅެން ފެށީމެވެ. އެއީ އެދެމީހުންގެ ލޯބީގެ ކުޅިގަނޑު، ނުވަތަ ކައިވެނިކޮށްގެން އެކުގައި އުފަލުގައި އުޅޭތަން ދެކެން އަޅުގަނޑަށް ކުލަދާނަ ނުވާނެތީއެވެ. އަދި ކޮއްކޮއާއި ކުރިމަތިލައި މޫނުކުނިކޮށްގެން އުޅެން ބޭނުން ނުވާތީއެވެ.

ދިރިއުޅޭކަށް ދައްޗެއް ނޫނެވެ. ލިބޭ މުސާރައިން ފުދެއެވެ. މަދީ އަޅުގަނޑު ދެކެ ލޯބިވާނެ ފިރިއެކެވެ. މަސައްކަތްކުރީ ކެތްތެރިވެވޭތޯއެވެ. އެހެންވެ ކައިވެންޏެއް ކުރަން އަވަސް އަރައިގަނެގެނެއްވެސް ނުއުޅެމެވެ. ނަމަވެސް އަޅުގަނޑަށް ފިރިމީހާގެ ހަނދާންތަކާ ދުރެއް ނުވެވުނެވެ. ފިރިމީހާއަށާއި ކޮއްކޮއަށް ނަފްރަތުކުރެވެއެވެ. ޙަޤީޤަތުގައި ފިރިމީހާގެ ހަނދާންތައް ކުރާކަށްވެސް ބޭނުމެއް ނުވެއެވެ. ދެމީހުންނަށް ނަފްރަތުކުރާކަށްވެސް ބޭނުމެއް ނުވެއެވެ. 

އަޅުގަނޑުގެ ހިތުގައި އަޅަމުންދިއަ ވޭންތަކަށް ޙައްލެއް ދެއްވެވުން އެދި ދުޢާކުރަމުން ދަނިކޮށް އަޅުގަނޑާއި ޒުވާނަކާއި ބައްދަލުވެ އެކުވެރިކަން އުފެދުނެވެ. އަދި އެކުވެރިކަން ލޯތްބަށް ބަދަލުވެ ކައިވެނިވެސް ކުރެވުނެވެ. ކައިވެންޏަށްފަހުގައިވެސް އެ ހިތި ހަނދާންތަކާއި ދުރަށް ދެވުނީ ބަލިވެ އިނުމުންނެވެ. ހުރިހާ ކަމަކަށްވުރެ ދަރިފުޅު މުހިންމުވުމުންނެވެ. 

ކޮންމެއަކަސް ގެއިން ނުކުތްފަހުން އަޅުގަނޑަށް ކޮއްކޮ އާއި ބައްދަލުވީ އަޅުގަނޑު ވިހައިގެން ހޮސްޕިޓަލުގައި އޮއްވައި މަންމައާއިއެކު އައުމުންނެވެ. އައީ ދެމަފިރިންނަށް ލިބިފައިވާ ލޯބިލޯބި ދަރިފުޅުވެސް ގޮވައިގެންނެވެ. ވަރަށް ލޯބިން އުރައިލީމެވެ. އަދި ކޮއްކޮގެ ބައްޕަ ނުގެނައީ ކީއްވެގެންތޯ ސުވާލުވެސް ކުރީމެވެ. 

ކޮއްކޮ ފެށީ ރޯށެވެ. ދަރިފުޅު ލިބުނުތަނުން ވަރިކޮށްލާފައި ދިއައީއެވެ. އުޅޭތަނެއްވެސް ނުއެނގެއެވެ. އަޅުގަނޑު ބުނީމެވެ. "ތިއަ އެނގުނީތާއެވެ! ދެރަނުވާށެވެ. ކޮއްކޮ އާއި ދަރިފުޅުވެސް ބަލައިދޭނަމެވެ. ދައްތަގެ ފިރިމީހާއަކީ ދައްތައަށް ވަރަށް ރަނގަޅު މީހެކެވެ. އޭނާ ރުހޭނެއެވެ." 

ހޮސްޕިޓަލުން ދޫކޮށްލުމުން މަންމަގެ އެދުމަށް އަނެއްކާވެސް ދިއައީ ގެއަށެވެ. ޢާއިލާ އާއިއެކު ދިރިއުޅުމަށެވެ. އެހާ ފަސޭހައިން މަންމަގެ އެދުން ޤަބޫލުކުރެވުނީ އަޅުގަނޑަށް ލިބުނު ދަރިފުޅާއި ނުލައި މަންމައަށް ދިރިއުޅެން ފަސޭހަނުވާނެތީއެވެ. މަންމައަށް ލިބުނީ އަޅުގަނޑުމެން ދެބެއިންނެވެ. ވަރަށް ކުޑައިރުންސުރެ އެކަނިވެރިމައެއްގެ ގޮތުގައި އިނދެ ވަރަށް ބުރަ މަސައްކަތުން ދެބެއިން ބަލައިބޮޑުކުރީ މަންމައެވެ. ދެބެއިން ދެކެވެސް މަންމަ ވަރަށް ލޯބިވެއެވެ. ވީމާ މަންމަގެ ހިތުގައި ޖައްސަން ބޭނުން ނުވީއެވެ. އެހެންވެ ގެއަށް ގޮސް ގޭގެ ހުރިހާ ޒިންމާތަކެއް އުފުލައިގެން ދިރިއުޅެން ފެށީއެވެ. ކޮއްކޮ އާއި ކޮއްކޮގެ ދަރިފުޅުގެވެސްމެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑަށް މިދިމާވި ކަންތަކަކީ މިއަދު ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އެފަދަ މައްސަލަތަކުގެ ސަބަބުން ދެ އުޚުތުން ހަތުރުންނަށްވެ މުޅި އުމުރުގައިވެސް ކުރިމަތިލެވެން ނެތް ޙާލަތަށްވެސް އެބަ ކަންކަން ދެއެވެ. މިއީ އަޅުގަނޑުގެ ކޮއްކޮއަށް އެކަނި ބުނާ ބަހެއް ނޫނެވެ. ނަމަވެސް އަޅުގަނޑު ބުނެލަން ބޭނުމީ އަޅުގަނޑާއި އިނދެގެންހުރެ އަޅުގަނޑަށް ބޭވަފާތެރިވެ އަޅުގަނޑު ނިކަމެތިކޮށްލި ފިރިހެނަކު ތިމާ ނިކަމެތިކޮށްނުލާނެ ކަމުގެ އޮތީ ކޮން ގަރަންޓީއެއް ހެއްޔެވެ؟ 

މިޙާލަތު އަޅުގަނޑަށް ދިމާވުމުން އަޅުގަނޑު އަމިއްލަ ގޮތުން ބައެއް މައުލޫމާތު ހޯދީމެވެ. މިގޮތަށް ދިމާވެފައި ތިބި 23 އަންހެނުންގެ މައުލޫމާތު ލިބުނެވެ. އެއިގެ ތެރެއިން ކިރިޔާވެސް ދެމެހެއްޓިފައިވަނީ 4 ކައިވެންޏެކެވެ. އެއިގެ ތެރެއިން 3 އަންހެނަކު ވަރިނުވެ ތިބީ އެމީހުން ބުނާ ގޮތުން އިތުރު ގޮތެއް ނެތި ބަނދެވިފައިވާތީއެވެ.  

ވީމާ މިއީ އަޅުގަނޑުމެން އަންހެނުން، އުޚުތުން ވިސްނައިލުން މުހިންމު ކަމެއްކަމުގައި ދެކޭތީ ހަމަ އަޅުގަނޑުގެ ވިސްނުން ހާމަކޮށްލީއެވެ.

 

- ސަލްވާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން