ޙަޤީޤީ ޙާދިސާ: ހިފިނުހުރެގެން އުޅޭ ފިރިން އިޞްލާޙްކުރަން ދަމާވާންކޮށްލަންވެސް ޖެހެއެވެ! އެޅިހާބަތަކަށް ރިހަވެގެން ނުތިބޭނެކަން ދައްކަން ޖެހެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 39ސ
ޙަޤީޤީ ޙާދިސާ: ހިފިނުހުރެގެން އުޅޭ ފިރިން އިޞްލާޙްކުރަން ދަމާވާންކޮށްލަންވެސް ޖެހެއެވެ! އެޅިހާބަތަކަށް ރިހަވެގެން ނުތިބޭނެކަން ދައްކަން ޖެހެއެވެ!

އަޅުގަނޑުމެންގެ ކައިވެންޏަށް 6 އަހަރުވީއިރު 2 ދަރިން ލިބިފައިވެއެވެ. އެއް ދަރިފުޅުގެ އުމުރަކީ 4 އަހަރެވެ. އަނެއް ދަރިފުޅުގެ އުމުރަކީ 2 އަހަރެވެ. ފިރިމީހާއަކީ އެއްގޮތަކަށްވެސް ގޭގެ އެއްވެސް މަސައްކަތެއް ކުރާ މީހެއް ނޫނެވެ. އަދި ކުދިން ބަލައިލުމަކީ އޭނާ އެއްގޮތަކަށްވެސް ކުރަން ޝައުޤުވެރިވާވެސް ކަމެއް ނޫނެވެ. 

އެހެންވެ 2 ދަރިން ގޮވައިގެން ގޭގެ މަސައްކަތްތައް ކުރަމުން އުޅެންޖެހުނީ ވަރަށް އަވަދިނެތި ހަމަ އެހައިމެ ބުރަކޮށެވެ. ނަމަވެސް ފިރިމީހާގެ ކިބައިން ޝުކުރުގެ ބަހެއް އަޑުނުއިވޭތަނުގައި އޭނާގެ ކަމަކީ އަބަދުވެސް ނުކުރެވި ހުންނަ ކަންކަމުގެ ވާހަކަދެއްކުމެވެ. ގެއަށް ވަދެއްޖެނަމަ ދެދަރިންނަށް ކޮށްދޭންޖެހޭ ކަންކަމަށްވުރެ ފިރިމީހާއަށް ކޮށްދޭންޖެހޭ ކަންކަން އޮންނަނީ ގިނަވެފައެވެ. 

އެހެންވެ ދިރިއުޅުންމަތިން ފޫހިވާންފެށިއެވެ. މިހާރުގެ ގޮތަށް ބުނާނަމަ އެހެން ގޮތެއް ހޯދަން ވިސްނަން ފެށުނެވެ. އެދުވަސްވަރު ކުރީގެ އެކުވެރި ފިރިހެނަކު ގުޅަން ފެށިއެވެ. ކައިވެނިކުރުމަށްފަހު ހިލޭ ފިރިހެނުންނާ ފޯނުންވާހަކަދެއްކުމަކީ ކުރިކަމެއް ނޫން ނަމަވެސް އެއިރުގެ ޙާލަތުހުރި ގޮތުން އޭނާ އާއި ވާހަކަ ދެއްކީމެވެ. ސިކުނޑިއަށް ލުއިކަމެއް ހޯދުމުގެ ބޭނުމުގައެވެ. 

ފޯނުން ވާހަކަދައްކާތާ 2،3 މަސްފަހުން އޭނާ އަޅުގަނޑަށް ކެއުމަކަށް ދަޢުވަތުދިނެވެ. އެ ދަޢުވަތު ޤަބޫލުކުރީމެވެ. ގެންދިއައީ ގެސްޓުން ބައިތިއްބާ ފެންވަރު ރަނގަޅު ހޮޓަލަކަށެވެ. ކައިނިމިގެން ލިފްޓުން ފައިބަމުން ބުނީ އޭނާ ގެންދެންޖެހޭ އެއްޗެއް ކޮޓަރިއެއްގައި އޮތްކަމަށާއި އެހިފައިގެންދާން ބޭނުންވާ ކަމަށެވެ. އެހެންވެ އެކަނި ފޭބުމަށްވުރެ އޭނާ އާއިއެކު ފޭބުން  ރަނަލުވާނެ ކަމަށް ބަލައި ކޮޓަރިއަށް ދިއައީމެވެ. ދިއަ ސަބަބަކީ ކައިވެންޏަށްފަހު ދުވަހަކުވެސް އެފަދަ އެއްވެސް ތަނަކަށް ނުދާތީ ބިރުގެންފައިވެސް ހުރުމުންނެވެ. 

ކޮންމެއަކަސް އެދިއަ ދިއުން ވީ ވަރަށް ބިރުވެރި ކަމަކަށެވެ. އެއީ އަޅުގަނޑުގެ ކިބައިން ނާޖާއިޒު ފައިދާއެއް ނަގަން އޭނާ ޖެހި ދަންތުރައެއްކަން އެނގުނީ އެބުނާ ކޮޓަރިއަކަށް ވަދެވުމާއިއެކު ދޮރުތަޅުލައި އުޅެންފެށި ގޮތަކުންނެވެ. އަވަސް އަވަހަށް އަޅުގަނޑު ބުނީމެވެ. "އަނިޔާވެރި ނުވާށެވެ! އަހަރެން ޤަބޫލުކުރީ ކެއުމަށް ދިން ދައުވަތެވެ. އިތުރު އެއްވެސް ކަމަކަށް ވާހަކަވެސް ދެކެވިފައެއް ނެތެއް ނޫން ހެއްޔެވެ؟ އަހަރެންގެ ފިރިމީހާ އާއިމެދު ކިތަންމެ ވަރަކަށް ހިތްހަމަނުޖެހިގައި ހުރިނަމަވެސް ބޭވަފާތެރިއެއް ނުވާނަމެވެ. ކައިވެނިމަތީގައި ހުރެ އެއްވެސް ފިރިހެނަކާ އެއްވެސް ގުޅުމެއް ނުބާއްވާނަމެވެ. އަވަހަށް ނުކުންނަން ހިނގާށެވެ. ﷲ އަށްޓަކައި ބުނަމެވެ. ހަމަހޭގައިހުރެ އަހަރެންގެ ގައިގަ ބީހިލަންވެސް ފުރުޞަތެއް ނުދޭނަމެވެ. އިނގިލިކުރި ޖައްސައިލި ނަމަވެސް އަޑުގަދަވެސް ކުރާނަމެވެ!" 

އެހެން ބުނެފައި ހިތުން ﷲ ގެ ރައްކައުތެރިކަމަށް އެދި ދުޢާކުރީމެވެ. އެހިސާބުން އޭނާއަށް އިތުރަށް ކުރިއަށްދާކަށް ނުކެރުނެވެ. ދޮރު ހުޅުވައި ނުކުންނަން ހިނގައިގެންފިއެވެ. އެއިރު އަޅުގަނޑު ބިރުން ތުރުތުރު އަޅައެވެ. ނަމަވެސް ޛިކުރުތައް ކިޔަމުން ފަހަތުން ހިނގައިގަތީމެވެ. 

އަޅުގަނޑުގެ މުޅި ހަޔާތުގައިވެސް އެއަށްވުރެ އަވަހަށް (ވަގުތުން) ޢިޖާބަ ކުރެއްވެވި ދުޢާއެއް ނުކުރެވެއެވެ. އެކަމަށްޓަކައި ﷲ އަށް ހާސްފަށުން ޙަމްދުކުރަމެވެ. 

ގެއަށް އާދެވުމާއިއެކު ކުރެވުނު ކުށާއި ކަންކަން ހިނގި ގޮތް ފިރިމީހާއަށް ކިޔައިދިނީއެވެ. މާފަށްވެސް އެދުނީމެވެ. ކުޅަދުންވަންތަކަމެވެ. ފިރިމީހާ ބުނީ ކުށްވެރިއަކީ އޭނާކަމަށާއި މާފަށް އެދެންޖެހެނީ އޭނާ ކަމަށެވެ. އެކަން އަޅުގަނޑަށް އެކުރެވުނީ އޭނާގެ ސަބަބުން ކަމަށެވެ. 

ޙަޤީޤަތުގައި މިވީ ގޮތަކީ ފިރިމީހާ އަޅުގަނޑަށް ވަގަށް ފޯނުބަލައެވެ. އޭނާ އާއި ވާހަކަދައްކާކަންވެސް އެނގެއެވެ. ކާންދިއަކަންވެސް މެސެޖުތަކުން އެނގެއެވެ. ފިރިމީހާ ހީކޮށްގެން ހުރީ ދުވަހަކުވެސް އަޅުގަނޑު އެކަނި އެގޮތަށް ބޭރަށް ނުގޮސްފައި އެރޭ ބޭރަށް ދިއުމުން އޭނާ ގާތުން ވަރިވަން ނިންމީ ކަމަށެވެ. ވަރިކޮށް ދެމީހުން ވަކިވާން ފިރިމީހާ ބޭނުން ނުވީއެވެ. އެއީ ވަރިކޮށްފައި ގޮސް ވަންނާނެ ތަނެއް ނެތުމާ ކުއްޔަސް ހިފައިގެން އުޅޭނެ ފެންވަރު ނެތުމުން ކަމަށްވެސް ވެދާނެއެވެ. 

ﷲ ބައްލަވައިވޮޑިގެންވަނީ ނިޔަތުގެ މައްޗަށް ވަރަށް ބޮޑަށް ޔަޤީންކުރެވުނެވެ. ﷲ ގެ ރަޙްމަތްފުޅުން އަޅުގަނޑަށް ކުރެވުނު އެކަންތައް ވެގެންދިއައީ ފިރިމީހާ އިޞްލާޙްވި ސަބަބަށެވެ. އެހިސާބުން އުޅުން ބަދަލުކޮށް ގޭތެރޭގެ ކަންކަމުގައި އަޅުގަނޑަށް އެހީތެރިވާން ފަށައިފިއެވެ. ކުދިންގެ ކަންކަންވެސް ކުރަން ފަށައިފިއެވެ. އެއިގެފަހުން މިހާރު 5 އަހަރުވެއްޖެއެވެ. ދިރިއުޅުމުގައި އެއްވެސް މައްސލައެއް ނުޖެހެއެވެ. ޙަޔާތްވޭތިކުރަމުން މިގެންދަނީ ހަމަ ވަރަށް އުފަލުގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތު ބުނާނެ މާގިނަ ވާހަކައެއް ނެތެވެ. ނަމަވެސް އަޅުގަނޑަށް ފާހަގަކުރެވުނު އެއްކަމެއް ބުނެލާނަމެވެ. އެއީ ފިރިންނަށް ވިސްނައިދޭން ޢަމަލީ ފިޔަވަޅުވެސް އަޅަންޖެހޭ ކަމެވެ. އެޅިހާބަތަކަށް ރިހަވެގެން ތިބެގެން އެއްވެސް ކަމެއް ޙައްލުނުކުރެވޭނެ ކަމެވެ. ނަމަވެސް އެކަންކަން ކުރަންވާނީ އިމުގެ ތެރެއިންނެވެ. އިމުން ބޭރުވެއްޖެނަމަ ގާތީ ކޮޅުކެހި ލިބުމާއިއެވެ. 

- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން