ކާޑެއްދޫ ޑޮމެސްޓިކް އެއާޕޯޓް ވިލާ އެއަރއާއި މިއަދު ހަވާލުކޮށްފިއެވެ.
އެއަރޕޯޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައެވެ.އެއްބަސްވުމުގައި ވިލާ އެއަރގެ ފަރާތުން ސޮއިކުރެއްވީ ވިލާ ގްރޫޕްގެ ޗެއަރމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްއެވެ.
އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ވިލާ އެއަރގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ނާޝިދާއި، ކާޑެއްދޫ އެއަރޕޯޓުގެ އައު މެނޭޖިންގ ޑިރެކްޓަރ ހަބީބުވެސް ބައިވެރިވެވަޑައި ގެންނެވިއެވެ.
ވިލާ އެއަރއިން ބުނެފައިވަނީ، މި މާޗްމަސް ނިމެންވާއިރަށް އެއަރޕޯޓް އޮޕަރޭޝަނަށް ގެނެވޭވަރު ވާނެ ކަމަށެވެ.
ސަރުކާރާ އެއްބަސްވެފައިވާ ގޮތުގެމަތިން ވިލާ އެއަރއިން ހިންގަން ފަށާތާ ފުރަތަމަ 7 އަހަރުގެ ތެރޭގައި ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރެވޭނެ ކަމަށްވެސް ވިލާ އެއަރއިން ބުނެފައި ވެއެވެ.
ވިލާ އެއަރއިން މިހާރުވެސް ޕްލޭންކޮށްފައިވާ ގޮތުގެމަތިން ކާޑެއްދޫ އެއަރޕޯޓުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރެވި، އިތުރސް ތރައްގީ ކުރެވިގެންދާނެ ކަމަށްވެސް ވިލާ އެއަރއިން ބުނެފައި ވެއެވެ. މިކަމުގެ ފައިދާ ސަރަހައްދުގެ ވިޔަފަރިތަކަށާއި، އާންމުންނަށްވެސް ކުރާނެ ކަމަށް ބުނެފައި ވެއެވެ.
ކާޑެއްދޫ އެއަރޕޯޓް އެންމެ ފުރަތަމަ ވިލާ އެއަރއާ 50 އަހަރަށް ހަވާލުކުރީ 2013 ވަނަ އަހަރުއެވެ. ނަމަވެސް އެ އެއްބަސްވުން ބާތިލުކޮށް ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުން އެއަރޕޯޓް އަނބުރާ ނެގީ 2015 ވަނަ އަހަރުގެއެވެ.
އެއްބަސްވުން ބާތިލުކުރި ސަބަބެއް ކަމަށް ސަރުކާރުން ބުނީ ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާ ހިލާފަށް ހިންގާކަމަށް ބުނެއެވެ.
ކާޑެއްދޫ އެއަރޕޯޓަކީ އާންމު މަސްލަހަތުތަކާ ވަރަށް ބޮޑަށް ގުޅުންހުރި ކަމަކަށްވާތީ، އެއަރޕޯޓް އެއްބަސްވުން ބާތިލްކޮށް ސަރުކާރުން އެއަރޕޯޓް އަތުލުމުން ވިލާ އެއަރއަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން މަސައްކަތް ނުކުރުމަށް ގާސިމް އިބްރާހިމްއާއި، ވިލާ ގްރޫޕުން ވަނީ ނިންމާފައެވެ.
އެއަރޕޯޓްގެ އެއްބަސްވުން ބާތިލްކޮށް، ސަރުކާރުން އެއަރޕޯޓް އަތުލުމުން ވިލާ ގްރޫޕުން އެމައްސަލަ ކޯޓަށް ހުށަހެޅުމުން އެއްބަސްވުން ބާތިލްކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ އެއަރޕޯޓް ވިލާ ގްރޫޕާ އަނބުރާ ހަވާލުކުރަން ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ 2021 ވަނަ އަހަރުއެވެ.
ކާޑެއްދޫ އެއާޕޯޓް ވިލާ އެއަރއާ ހަވާލުކުރުމާ ގުޅިގެން ވިލާ ގްރޫޕްގެ ޗެއަރމަން ގާސިމް އިބްރާޙިމް މިއަދު ކާޑެއްދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު: ވީނިއުސް