އެޗް.ޑީ.ސީގެ އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އާރު.އޯ.އެލްގެ ޚިދުމަތްތައް ދެނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
އެޗް.ޑީ.ސީގެ އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އާރު.އޯ.އެލްގެ ޚިދުމަތްތައް ދެނީ

ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ރާއްޖެ އޮންލައިންގެ (އާރު.އޯ.އެލް) ޚިދުމަތް ފޯރުކޮށްދިނުމާއި ގުޅޭ ޕާޓްނަރޝިޕް އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފައެވެ.

އެޗް.ޑީ.ސީގެ ފަރާތުން ސޮއެ ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ. އަދި  އާރު.އޯ.އެލްގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މުއީދެވެ.

އެޗް.ޑީ.ސީ އިން ބުނެފައިވަނީ މި އެއްބަސްވުމުގައި ސޮއި ކުރުމާއިއެކު، މިވަގުތު ރާއްޖޭގައި އިންޓަރނެޓުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކެއްގެ ޚިދުމަތްތައް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އޯޕަން އެކްސެސް ނެޓްވޯކު މެދުވެރިކޮށް ލިބިގެން ދާނެ ކަމަށެވެ.

އެޗް.ޑީ.ސީން ގާއިމު ކޮށްފައިވާ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު ވިއުގައެވެ. މީގެ ޒަރީއާއިން އިންޓަރނެޓް އަދި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއްވިއުގަ އަކުން އަވަސްކަމާއެކު ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދެވި އަދި މިކަންކަމަށްދާ ހަރަދުވެސް ކުޑަވެގެންދާނެއެވެ. ހަމަ މިއާއެކު  މިފަދަ ޚިތުމަތްތައް ދޭފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގުކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެއެވެ.

އަދި، ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގުތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބިގެން ދާނެއެވެ. 

އެޗް.ޑީ.ސީ އިން ބުނެފައިވަނީ އެކުންފުނިން އިސްނަގައިގެން މަސައްކަތް ކުރަމުންދަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުކޮށްދިނުމަށް ކަމަށާއި އަދި  އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓާއި، ޓީވީއާއި އެހެނިހެން އެފަދަ ޚިދުމަތްދޭ ފަރާތްތަކަށް ފުރިހަމަ ކަމާއެކު އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގައި އެޗް.ޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

މިއަދު އޮންލައިން