ލައިލާ ބިންތި އަބީޙަޘްމަތު ރަޟިޔަﷲ ޢަންހާ- 3 ފަހަރު ހިޖުރަ ކުރެއްވި ބޭކަނބަލެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 52ސ
ލައިލާ ބިންތި އަބީޙަޘްމަތު ރަޟިޔަﷲ ޢަންހާ- 3 ފަހަރު ހިޖުރަ ކުރެއްވި ބޭކަނބަލެއް!

މިއީ ކުރިން ލިޔެވިދިޔަ ޞަޙާބީ عامر بن ربيعة رضى اللّـه عنــه ގެ އަނބިކަނބަލުންނެވެ. އެކަމަނާއަކީ ބަނީ ޢަދިއްޔުވަންހައިގެ ބޭކަނބަލެކެވެ. އެދެކަނބަލުންނަކީ އިސްލާމްދީނުގެ އެންމެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ދެބޭކަނބަލުނެވެ. 

ليلى بنت أبي حثمة رضى اللّـه عنــها އާއި عامر بن ربيعة رضى اللّـه عنــه ގެ ދެމަފިރިކަނބަލުންނަކީ ޙަބަޝާއަށް ދެފަހަރު މަދީނާއަށް އެއްފަހަރު ހިޖުރަކުރެއްވި ދެ ހިޖުރައިގެވެރި ދެކަނބަލުންނެވެ. އޭގެ ދެކަނބަލުން ޙަބަޝާއަށް ވަޑައިގަންނަވަން ތައްޔާރުވެވަޑައިގަންނަވަމުން ގެންދަވަނިކޮށް عمر الفاروق رضى اللّـه عنه އެދެކަނބަލުންގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. އޭރު އެކަލޭގެފާނު އަދި އިސްލާމްވެވަޑައެއް ނުގަންނަވައެވެ. ވަޑައިގެން ليلى بنت أبي حثمة رضى اللّـه عنــها އާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ.  

"އޭ އުއްމު ޢަބްދުﷲ އެވެ. ދަތުރު ހައްދަވައިގެން ތަނަކަށް ވަޑައިގަންނަވަނީތޯއެވެ؟" 

ليلى بنت أبي حثمة رضى اللّـه عنــها ވިދާޅުވިއެވެ. [އާނއެކެވެ. ކަލޭގެފާނުގެ ޤައުމުގެ އަހުލުވެރިން އަޅުގަނޑުމެނަށް ލައްކަ ޒާތްޒާތުގެ އުނދަގޫތައް ޖައްސައިފިއެވެ. އެހެންކަމުން އަޅުނޑުމެނަށް މާތްﷲ ގެ ބިމުގެ ކޮންމެވެސް ތަނަކަށް  ހިޖުރައަށް ދިޔުން ނޫންގޮތެއްނެތެވެ.]  

އެވަގުތު عمر الفاروق رضى اللّـه عنه އަށް ބޭއިޚްތިޔާރުގައި ވިދާޅުވެވުނެވެ. [މާތްﷲ ތިޔަބައިމީހުން ރައްކާތެރިކޮށްދެއްވާށިއެވެ.] މިހެން ވިދާޅުވެފައި عمر الفاروق رضى اللّـه عنه  އެނބުރިވަޑައިގެންފިއެވެ.  

މިދެންނެވި ވާހަކަ މިއާ ދާދި ގާތްގޮތަކަށް އިބްނު ޙަޖަރުލް އަސްޣަލާނީ އޭނާގެ އަލް އިޞާބާ ފީ ތަމައްޔުޒުއް ޞަޙާބާ ގައިވެސް ބަޔާން ކުރައްވައިފައިވެއެވެ. 

އިބްނު ސަޢުދު ބަޔާން ކުރައްވާގޮތުގައި އެންމެ ފުރަތަމަ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވި އަންހެން ބޭފުޅަކީ ليلى بنت أبي حثمة رضى اللّـه عنــها އެވެ. އަނެއްބައި ރިވާޔަތްތަކުގައިވަނީ އެންމެ ފުރަތަމަ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވި ކަނބަލަކީ أم سلمة رضى اللّـه عنــها ކަމަށެވެ. 

ليلى بنت أبي حثمة رضى اللّـه عنــها، عامر بن ربيعة رضى اللّـه عنــه އަށް ފިރިހެން ބޭފުޅަކު ރައްކައުވިއެވެ. އެދަރިކަލުންގެ ނަންފުޅަކީ، عَبْدُ اللّه بنُ عَامِرِ بنِ رَبِيعَة އެވެ. 

އެއްފަހަރަކު ليلى بنت أبي حثمة رضى اللّـه عنــها އެކަމަނާގެ ދަރިކަލުން عَبْدُ اللّه އަށް ގޮވައިލައްވައިފައި އެކަމަނާގެ އަރިހަށް ވަޑައިގެންނެވުމަށް ވިދާޅުވިއެވެ. އޭރު އެގެކޮޅުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ވެސް އިންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. [ދަރިފުޅު މިކޮޅަށް އައިސް ބަލާށެވެ. މަންމަ ދަރިފުޅަށް އެއްޗެއް ދޭންވެގެންނެވެ.] 

މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާކުރެ އެއްސެވިއެވެ. [ކަމަނާ އެދަރިކަލުންނަށް ދެއްވަން ތިޔަ އުޅުއްވަނީ ކޮންއެއްޗެއްތޯއެވެ؟] 

އެކަމަނާ، މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ދެންނެވިއެވެ. [ކަދުރު ކޮޅެކެވެ.] 

މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ކަމަނާ އޭނާ އައުމުން އެއްޗެއް ނުދެއްވިނަމަ ކަމަނާ ވިދާޅުވި ބަސްފުޅު ލިޔެވޭހުށީ ދޮގެއްގެ ގޮތުގައެވެ.] { سنن أبي داود، كتاب الأدب، باب فِي التَّشْدِيدِ فِي الْكَذِبِ، ޙަދީޘް 4991} 

ليلى بنت أبي حثمة رضى اللّـه عنــها އާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ތާރީޚުގެ ފޮތްތަކުން ލިބޭކަށް ނުހުރެއެވެ.

އަރަހުށި މާތްﷲ އެކަމަނާއަށް ރުއްސުން ލައްވާށިއެވެ.

މިއަދު އޮންލައިން