ކިތަންމެ ވަރަކަށް ޚިދުމަތްކުރިނަމަވެސް ބަލައިނުގަންނަ ކަމަށް ވިސްނޭނަމަ އޮތީ މާޔޫސްވުމެއް ނޫނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ކިތަންމެ ވަރަކަށް ޚިދުމަތްކުރިނަމަވެސް ބަލައިނުގަންނަ ކަމަށް ވިސްނޭނަމަ އޮތީ މާޔޫސްވުމެއް ނޫނެވެ!

ތިމާ ކިތަންމެ ވަރަކަށް، ކިތަންމެ ބުރަކޮށް އަދި ކިތަންމެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރި ނަމަވެސް މީސްތަކުން ތިމާ ކުރާ މަސައްކަތްތައް ބަލައި ނުގަންނަ ކަމުގެ އިޙްޞާޞް ކުރެވުމަކީ ވަރަށް ގިނައިން މެދުވެރިވާ ކަމެކެވެ. މިފަދަ މައްސަލަތައް ވަރަށް ގިނަ ޢާއިލާތަކުގައިވެސް ކުރިމަތިވެއެވެ. ޚާއްޞަކޮށް ފަހަރިންނަށެވެ.

މިފަދަ ޙަޤީޤީ މައްސަލަތައްވެސް ހުންނާނެއެވެ. ނަމަވެސް މިފަދަ އިޙްޞާޞްތައް އެންމެ ގިނައިން ކުރުވަނީ ޝައިޠާނާއެވެ. ޝައިޠާނާއަކީ މީސްތަކުންގެ ސިކުނޑިއަށް ސަވާރުވުމުގެ ގޮތްތައް އެންމެ މޮޅަށް ދަންނަ އެކަމުގެ އެންމެ ބޮޑު އެކްސްޕަރޓްއެވެ.

މިފަދަ އިޙްޞާޞްތައް ސިކުނޑިއަށް އެވައްދުވަނީ ތިބާ މާޔޫސްކުރުވާށެވެ! މީހަކު މާޔޫސްވުމުން އެންމެ ގިނައިން ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ އެކަމަށް ވިސްނަމުން ގޮސް ނަމާދުގައި ޚުޝޫޢަތްތެރިވެސް ނުވެވުމެވެ. އެކަމާއިމެދު ވިސްނަން ގިނަ ވަގުތު ހޭދަކުރެވުމެވެ. އަދި އެކަންކަމަށް ވިސްނަން ހަދައިގެން ރަނގަޅަށް ކުރަން މަސައްކަތްކުރާ ކަންކަންވެސް ގޯސްކޮށް ކުރެވޭތަން އައުދެއެވެ. ތިމާއަށް ރައްދުވާން ނުޖެހޭ ބަސްތައް ރައްދުވާތަންވެސް އައުދެއެވެ.

ވީމާ ފަށަމުން މިބުނި ފަދަ އިޙްޞާޞްތައް ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް އަދި ކޮންމެ ގޮތެއް މެދުވެރިވެގެން ނަމަވެސް އެއްވެސް ވަރަކަށް އިޙްޞާޞް ކުރެވޭނަމަ އަހަރެންގެ ނަޞޭހަތަކީ ނަމާދުކުރުން ގިނަކުރުމެވެ. ނަމާދުކުރުން ގިނަ ކުރުމަކީ ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ގުޅުން އެންމެ ވަރުގަދައަށް ބަދަހިވެގެންދާ ސަބަބެވެ. އެހެންކަމުން ފަރުޟު ނަމާދުތަކުގެ އިތުރުން ރަވާތިބު ސުންނަތް ކުރުން ގިނަކުރާށެވެ! ޚާއްޞަކޮށް ދަމުނަމާދަށް ސަމާލުކަން ދޭށެވެ! ހުރިހާ މައްސަލަތައް ޙަލުވެ ސިކުނޑިއަށް ލުއިކަން ލިބޭނެއެވެ! މީގެ އިތުރުން މީހަކު އެފަދަ ބަހެއް ބުނި ނަމަވެސް އެއްވެސް ކަމަކަށް ނުހަދައި ހިނިތުންވުމަކުން ނިންމައިލުމުގެ ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން