ޒައިނަބުގެފާނު 1: ރަސޫލާ ޞޢވ ގެ އެންމެ ދޮށީ ދަރިކަނބަލުން. ބޮޑުފުޅުވުމާއި ކައިވެނިފުޅު

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 12ސ
ޒައިނަބުގެފާނު 1: ރަސޫލާ ޞޢވ ގެ އެންމެ ދޮށީ ދަރިކަނބަލުން. ބޮޑުފުޅުވުމާއި ކައިވެނިފުޅު

السّيدة زينب رضى الله عنها

السّيدة زينب رضى الله عنها އަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެންމެ ދޮށީ ދަރިކަނބަލުންނެވެ. އެކަމަނާ ރައްކައުވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ނަބީކަމާގެން ފޮނުއްވުމުގެ ދިހަ އަހަރު ކުރީންނެވެ. السّيدة زينب رضى الله عنها  ތަރުބިއްޔަތުވެވަޑައިގެން ބޮޑުފުޅުވެވަޑައިގެންނެވީ އޭރު ދުނިޔޭގައި ހުރި އެންމެ ރަނގަޅު ގެކޮޅުގައެވެ. އެހެނީ އެގެކޮޅަކީ މުއުމިނުތަކުންގެ މައިކަނބަލުން السّيدة خديجة رضى الله عنها ގެ ގެކޮޅެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ صلّى اللّـه عليه وسلّم ދިރިއުޅުއްވަމުން ގެންދެވި ގެކޮޅެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި أمّ المؤمنين السّيدة خديجة رضى الله عنها، السّيدة زينب رضى الله عنها  ދެކެ އިންތިހާ ދަރަޖައަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. ޚާއްޞަ ގޮތެއްގައި، އެދެކަނބަލުންގެ ދަރިކަލުން القاسم بن رسول الله صلّى اللّـه عليه وسلّم އަވަހާރަވުމަށްފަހު، އެދެކަނބަލުންގެ އެންމެހައި ސަމާލުކަމެއް ލިބިވަޑައިގެންފައިވަނީ السّيدة زينب رضى الله عنها  އަށެވެ. އެހެންކަމުން السّيدة زينب رضى الله عنها  ބޮޑުފުޅުވެވަޑައިގެންނެވީ މަންމާފުޅާއި ބައްޕާފުޅުގެ ފުރިހަމަ ބެއްލެވުމާއި ލޯބިފުޅު ލިބިވަޑައިގެންނެވެ. 

ކައިވެނިފުޅު: 

السّيدة زينب رضى الله عنها  ގެ އުމުރުފުޅުން ދިހަ އަހަރުފުރިވަޑައިގެންފިއެވެ. އެދުވަސްވަރު އެކަމަނާގެ މައިފުށުގެ ބޮޑުދައިތާފުޅު هَالَةُ بنت خُوَيْلِد ވަޑައިގެން އޭނާގެ ދަރިކަލުން أبو العاص بن الرّبيع އާ زينب رضى الله عنها  ގެ ކާވެނިފުޅުގެ ވާހަކަފުޅު ދެއްކެވިއެވެ. 

أبو العاص އަކީ، أمّ المؤمنين السّيدة خديجة رضى الله عنها އަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެކެވެ. އެކަލޭގެފާނަކީ ވަރަށް މުރުއްވަތްތެރި ބޭކަލެކެވެ. އެންމެ ފުރަތަމަ زينب رضى الله عنها  ގެ ކާވެނިފުޅަށް އެދިވަޑައިގެންނެވި ބޭކަލަކީ އެކަލޭގެފާނެވެ. ބަފައިފުށުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ނަސަބުފުޅާ أبو العاص ގެ ނަސަބުފުޅު ގުޅިފައިވަނީ عبد مناف އާ ހިސާބުންނެވެ. މައިފުށުން މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ނަސަބުފުޅާ أبو العاص  ގެނަސަބުފުޅު ގުޅެނީ قصيّ بن  كلاب އާ ހަމައިންނެވެ. މައްކާގެ މީސްތަކުންގެ ތެރޭގައި أبو العاص  ފާހަގަ ކުރެވިފައިވަނީ ވަރަށް ތެދުވެރި އަމާނާތްތެރި ބޭކަލެއްގެ ގޮތުގައެވެ. 

السّيدة زينب رضى الله عنها  ގެ މައިކަނބަލުން أمّ المؤمنين السّيدة خديجة رضى الله عنها، أبو العاص  ގެ އުޅުއްވުމާ އަޚްލާޤުގެ ފުރިހަމަކަން ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. زينب ގެފާނުގެ ކައިވެނިފުޅަށް أبو العاص  އެދިވަޑައިގެންނެވުމުން އެކަމަނާ އެއްވެސް ފަސްޖެހިވަޑައިތުމެއް ނެތި އެކަން ޤަބޫލުފުޅު ކުރެއްވެވިއެވެ. أبو العاص  ފާހަގަ ކުރެވިފައިވަނީ މައްކާގެ ނުފޫޒުގަދަ ވިޔަފާރިވެރިންގެ ތެރެއިންނެވެ. 

ކޮންމެއަކަސް السّيدة زينب رضى الله عنها  އާއި أبو العاص  ގެ ކާވެނިފުޅު ކުރެއްވިއްޖެއެވެ. زينب رضى الله عنها  ގެ ކައިވެނިފުޅުގެ މުނާސަބަތުގައި އެކަމަނާގެ މައިކަނބަލުން أمّ المؤمنين السّيدة خديجة رضى الله عنها ވަރަށް ޚާއްޞަ ހަދިޔާއެއް އެކަމަނާއަށް ދެއްވެވިއެވެ. ޔަމަނު ޢަޤީޤުން ތައްޔާރު ކުރެވިފައިވާ ހާރުކޮޅެކެވެ. އެ ހާރުކޮޅަކީ السّيدة خديجة رضى الله عنها ގެ ޚާއްޞަ ހާރުކޮޅެކެވެ. السّيدة زينب رضى الله عنها  ނުހަނު އުފާފުޅާއެކު މައިކަނބަލުންގެ ހަދިޔާ ޤަބޫލުފުޅު ކުރެއްވެވިއެވެ.

{އިބްނުލް އަޘީރު، އުސްދުލް ޣާބާ، ފަސްވަނަ ޖިލްދު، ޞަފްޙާ 23}

السّيدة زينب رضى الله عنها  އާއި أبو العاص  އެއްބޭފުޅަކު އަނެއް ބޭފުޅެއްދެކެ އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. ދެބޭފުޅުންވެސް ދިރިއުޅުއްވަމުން ގެންދެވީ ނުހަނު އުފާފާގަތިކަމާއެކުގައެވެ. ކުރިންވެސް ދެންނެވިފައިވާނެ ފަދައިން، أبو العاص  އަކީ މައްކާގެ ނަންހިނގާ ވިޔަފާރިވެރިއެކެވެ. އޭނާ އެއްފަހަރު ވިޔަފާރި ދަތުރެއްގައި އުޅުއްވަ އުޅުއްވައިފައި މައްކާއަށް ވަޑައިގެންނެވުމުން ފެނިވަޑައިގަތީ މުޅިން އެހެން މަންޒަރެކެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންގެ ބައްޕާފުޅު ނަބީކަމަށް ދަޢުވާ ކުރައްވަމުން ގެންދަވާ މަންޒަރެވެ. އޭރު السّيدة زينب رضى الله عنها  އާއި އެކަމަނާގެ މައިކަނބަލުންނާއި އުޚްތުން ތިއްބެވީ އިސްލާމްދީނަށް ވަދެވަޑައިގެންނެވެ. 

السّيدة زينب رضى الله عنها  އެކަމަނާގެ ފިރިކަލުން أبو العاص  ގެ އަރިހުގައި އެކަމަނާ އިސްލާމްވެވަޑައިގެންނެވި ވާހަކަ ވިދާޅުވެދެއްވިއެވެ. އެވާހަކަ ވިދާޅުވުމާއެކު އޭނާ އެއްވެސް އެއްޗެއް ވިދާޅުނުވެ ގެކޮޅުން ނިކުމެވަޑައިގެންނެވިއެވެ. أبو العاص  ފަދަ ހެޔޮވިސްނިވަޑައިގަންނަވާ ބޭކަލަކު އިސްލާމްދީނާމެދު ވިސްނާވަޑައިގެން އިސްލާމެވަޑައިގަންނަވާނެކަމަށް زينب رضى الله عنها  އަބަދުވެސް އުއްމީދު ކުރައްވަމުން ގެންދެވިއެވެ. السّيدة زينب رضى الله عنها  ވަރަށް ގިނައިން އިސްލާމްދީނާ ބެހޭގޮތުން އެކަލޭގެފާނާ ވާހަކަފުޅު ދައްކަވައި ހައްދަވައެވެ. ނަމަވެސް ތިމާގެ ޤަބީލާގެ ޝަރަފާއި ޘަޤާފަތު އަބަދުވެސް أبو العاص  އާއި އިސްލާމްދީނާ ދެމެދުގައި ހުރަސް އަޅައެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم އަކީ ޙައްޤު ރަސޫލާކަމާ މެދަކު أبو العاص  ގެ ހިތްޕުޅުގައި އެއްވެސް ޝައްކުކަމެއް ނުގެންގުޅުއްވައެވެ. ނަމަވެސް އޭނާ އިސްލާމްވެއްޖެނަމަ، އަނބިކަނބަލުންނަށްޓަކައި ދީން ދޫކޮށްލީއޭ ބުނެ މައްކާގެ މީސްތަކުން މަލާމަތް ކުރާނެ ކަމަށް އޭނާ އިސްލާމްނުވެ ފަސްޖެހިވަޑައިގަތީއެވެ. 

(ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.) 

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން