އަނބިންނަށް އަނިޔާކުރީމާ އަމިއްލަ ހަށިގަނޑަށް ތަދެއް ނުވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އަނބިންނަށް އަނިޔާކުރީމާ އަމިއްލަ ހަށިގަނޑަށް ތަދެއް ނުވޭތަ؟

އަނބިން އުފެއްދެވީ ފިރިހެނުންގެ ހަށިގަނޑަކުންނެވެ. އެކަން ޤަބޫލުކޮށް ވަރަށް ގިނަ ފިރިހެނުން އަނބިންނަށް ކަންކަން ކުރަނީ ވަރަށް އޯގާތެރި ގޮތުގައެވެ. ނަމަވެސް އަނބިންނަށް އަނިޔާވެރިވާ ބައަކުވެސް އުޅެއެވެ. އެހެންކަމުން ސުވާލަކީ ތިބާހަށިގަނޑުގެ އެއްބައަށް ތިއަ އަނިޔާކުރަނީ ހަމަ ތިބާއަށް ތަދުނުވާތީހެއްޔެވެ؟

"ތިއަބައިމީހުންނަށްޓަކައި ހަމަތިއަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިއަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިއަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބައަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫން: 21)

"ތިއަބައިމީހުންނަށްޓަކައި ހަމަތިއަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިއަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ." ވީމާ އަހަރެމެންގެ ނަފްސްތަކުން އަނބިން އުފެއްދެވި ސަބަބު މިއޮތީ އެނގޭށެވެ! "އެއީ ތިއަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ." ވީއިރު އަނބިންނަށް އަނިޔާވެރިވާން ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟

"އަދި އެކަލާނގެ ތިއަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބައަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." ވީމާ ރަނގަޅަށް ވިސްނާށެވެ! މިއޮތީ އަނހެނުންނާއި ފިރިހެނުން ވެސް ވިސްނަންވީ ބައެވެ. ﷲ ތަޢާލާ ހަމައެކަނި އަނބިން އުފެއްދެވީއެއް ނޫނެވެ. "އެކަލާނގެ ތިއަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވެވިއެވެ." ވީއިރު ލޯތްބާއި ކުލުނާއި އޯގާތެރިކަން ދޫކޮށްލަން ފިރިމީހާވެސް އަދި އަނބިމިހާވެސް ހެޔޮވާނީ ކޮންފަދައަކުން ހެއްޔެވެ؟

އަންނަން އޮތީ މިފދަ އެންމެހައި ކަންކަމަށް ސުވާލުކުރެވޭނެ ދުވަހެވެ. ވީމާ އެންމެ މުހިންމީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވެވޭނެ ގޮތަށް އާޚިރަތަށް ދިއުމެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން