ޒައިނަބުގެފާނު 2: ކާވެނިފުޅު ރޫލާލުމަށްޓަކައި މުޝްރިކުން ކުރި މަސައްކަތް-

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 3ސ
ޒައިނަބުގެފާނު 2: ކާވެނިފުޅު ރޫލާލުމަށްޓަކައި މުޝްރިކުން ކުރި މަސައްކަތް-

السّيدة زينب رضى الله عنها  އިސްލާމްވެވަޑައިގަތުމަށްފަހުވެސް، އެދެބޭފުޅުންގެ ދެމެދުގައިވަނީ ވަރަށް ޚާއްޞަ ލޯބީގެ ގުޅުމެކެވެ. މައްކާގެ މުޝްރިކުން ގެންދިޔައީ ކެނޑިނޭޅި މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ނުބުއްވަތުގެ ހުޅުކޮޅު ބޮޑުވިޔަނުދީ ނިއްވައިލެވޭތޯ ގަދައަޅައި މަސައްކަތްކުރަމުންނެވެ. ނަމަވެސް އެބައިމީހުން ކުރަމުން ގެންދިޔަ އެންމެހައި ކަންތައްތަކެއް ދިޔައީ ބޭކާރުވެގެންނެވެ. ދެން އެބައިމީހުން ނިންމީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ބަރަކާތްތެރި ގެކޮޅުގެ މަސްލަހަތު ނަގައިލުމަށެވެ. އެގޮތުން މައްކާގެ މުޝްރިމުން ނިންމީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެންމެހައި ދަނބިދަރިކަލުންނާ ބައްދަލުކޮށް އެކަލޭގެފާނު ދަރިދަރިކަނބަލުން ވަރިކުރެއްވުމަށް ބާރުއެޅުމަށެވެ. 

އޭރު السّيدة زينب رضى الله عنها  ގެ އިތުރުން މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ދެރަރިކަނބަލުންކަމުގައިވާ السّيدة رُقيَّة رضى الله عنها  އާއި السّيدة أمّ كُلثُوم رضى الله عنها  ކާވެނީގެ ގޮތުން ގުޅިވަޑައިގެން ތިއްބެވީ أبو لهب ގެ ދެދަރީންނާއެވެ. ނަމަވެސް ތުއްޕުޅުކަމުން ފިރިކަލުންގެ އަރިހަކަށް ވަޑައެއް ނުގަންނަވައެވެ. ޤުރައިޝުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަނބިދަރިކަލުންނާ ބައްދަލުކޮށް ދެންނެވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރިދަރިކަނބަލުން ވަރިކުރައްވައިފިނަމަ، މައްކާއިން އެބޭކަލުން ހިތްރުހޭ ބޭކަނބަލަކާ އެބޭކަލުންނާ ކާވެނިކުރެވޭނެ ކަމަށެވެ. 

މުޝްރިކުންގެ މިދެންނެވި ވަސްވާތަކަށް أبو لهب ގެ ދެދަރިން ހެއްލުނެވެ. އޭގެ ދެމީހުން ލަސްތަކެއްނުވެ. السّيدة رُقيَّة رضى الله عنها  އާއި السّيدة أمّ كُلثُوم رضى الله عنها  ވަރިކުރައްވައިފިއެވެ. ނަމަވެސް أبو العاص  ވަރުގަދައަށް މުޝްރިކުންގެ ހުށައެޅުމާ ދެކޮޅު ހެއްދެވިއެވެ. އެކަލޭގެފާނު ވިދާޅުވީ، އެހެން އަންހެނަކަށްޓަކައި، އެކަލޭގެފާނުގެ ވަފާތެރި އަނބިކަނބަލުން السّيدة زينب رضى الله عنها  ދޫކޮށް ނުލެވޭނެ ކަމަށެވެ.

{އިބްނު ހިޝާމް، ސިޔަރަތު، ދެވަނަ ޖިލްދު ޞަފްޙާ 652} 

މާތް ނަބިއްޔާ صلّى اللّـه عليه وسلّم، أبو العاص  ގެ މުރުއްވަތްތެރިކަން އަބަދުވެސް ހަނދުމަފުޅު ކުރެއްވިއެވެ. އެއްފަހަރު علي بن أبي طالب رضى اللّـه عنه، އަބޫޖަހުލުގެ އަންހެންދަރިޔަކާ ކާވެނި ބެއްލެވުމަށް ޤަޞްދުކުރެއްވިއެވެ. السّيدة فاطمة الزهراء رضى الله عنها  އަށް މިކަން އެނގިވަޑައިގެން އެކަމުގެ ޝަކުވާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ދެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެންމެ ލޮބުވެތި ދަރިކަނބަލުން ދެރަފުޅުވެވަޑައިގެން ހުންނެވިތަން ފެނިވަޑައިގެންނެވުމުން އެކަލޭގެފާނު ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. ވަގުތުން މިސްކިތުގެ މިންބަރުކޮޅަށް އަރާވަޑައިގެން މީސްތަކުން މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. 

[އަހަރެން އަހަރެންގެ ދަރިކަނބަލުން زينب، أبو العاص  އާ ކާވެނިކޮށް ދިނީމެވެ. އޭނާ އަހަރެމެންނާ ދޭތެރޭގައި ކަންތައްކުރީ ވަރަށް ރަނގަޅަށެވެ. އަހަރެންނާ ވާހަކަ ދެއްކި ހިނދު ވާހަކަ ދެއްކީ ތެދުބަހުންނެވެ. ހަމަކަށަވަރުން فاطمة އަކީ އަހަރެންގެ ހަށިގަނޑުގެ އެއްބައެވެ. އޭނާ ހިތާމަ ކުރާތަން ދެކުމަކީ އަހަރެންނަށް ކުޅަދާނަ ކަމެއް ނޫނެވެ. މާތްގަންދެމެވެ. މާތް ގެ ރަސޫލާގެ ދަރިކަނބަލަކާ އެކަލާނގެ ޢަދުއްވެއްގެ ދަރިކަނބަލުން އެތަނެއް ނުކުރެވޭނެއެވެ. އެކަކާ އިނދެގެނެއް ނޫޅެވޭނެއެވެ.] 

علي بن أبي طالب رضى اللّـه عنه އަށް މިކަން އެނގިވަޑައިގެން އަބޫޖަހުލުގެ އަންހެން ދަރިކަނބަލުންނާ ކާވެނީގެ ގޮތުން ގުޅިވަޑައިގެންނެވުމުގެ ޚިޔާލުފުޅު ދޫކޮށްލެއްވިއެވެ. 

ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.

 

މިއަދު އޮންލައިން