ޒައިނަބުގެފާނު 3: މާތް ރަސޫލާ ޞޢޥ އަށް އެންމެ ފުރަތަމަ ކާފަދަރިކަނބަލު ލިބިވަޑައިގެންނެވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 1ސ
ޒައިނަބުގެފާނު 3: މާތް ރަސޫލާ ޞޢޥ އަށް އެންމެ ފުރަތަމަ ކާފަދަރިކަނބަލު ލިބިވަޑައިގެންނެވުން

ލިބިވަޑައިގެންނެވި ބޭފުޅުން: 

السّيدة زينب رضى الله عنها  އާއި أبو العاص  ގެ ކާވެނިފުޅުކުރެވުނުތާ ދުވަސްކޮޅެއް ފަހުން އެދެކަނބަލުންނަށް އަންހެން ބޭފުޅަކު ލިބިވަޑައިގަތެވެ. އެދަރިކަނބަލުންނަކީ أُمَامَةُ بنت أبي العاص އެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި أمّ المؤمنين السّيدة خديجة رضى الله عنها، أُمَامَةُ بنت أبي العاص ދެކެ އިންތިހާއަށް ލޯބިފުޅުވެވަޑައިގަތެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޚާއްޞަގޮތެއްގައި أُمَامَةُ އާމެދު ސަމާލުކަމެއް ދެއްވިއެވެ. އެކަލޭގެފާނުގެ ބަރަކާތްތެރި ކޮނޑުފުޅަށް އެދަރިކަނބަލުން ލައްވަވައިގެން ލޯބިފުޅު ކުރައްވައި ހައްދަވައެވެ. 

أبو قتادة الأنصاري رضى اللّـه عنه ގެ އަރިހުން އިމާމު މުސްލިމު ރިވާ ކުރައްވައިފައިވެއެވެ. [أُمَامَةُ ކޮނޑުފުޅަށް ލަވައިގެން ހުންނަވާ މާތް ރަސޫލާ صلّى اللّـه عليه وسلّم ނަމާދުފުޅު ކުރައްވަނިކޮށް އަހަރެން ދުށީމެވެ. އެކަލޭގެފާނު ރުކޫޢުއަށް ވަޑައިގަންނަވާނަމަ، ނުވަތަ ސަޖިދައަށް ވަޑައިގަންނަވާނަމަ، އެދަރިކަނބަލުން ބިންމަތީގައި ބައިންދަވައެވެ. އަލުން ނަމާދުފުޅަށް ތެދުވެވަޑައިގަންނަވާއިރު، އުރުވަޑުވައި ކޮނޑުފުޅަށް ލައްވައެވެ.] {މުސްލިމު، ޞަޙީޙު މުސްލިމު، 543} 

أُمَامَةُ ގެ އިތުރުން السّيدة زينب رضى الله عنها  އަށް ފިރިހެން ބޭފުޅަކުވެސް ލިބިވަޑައިގެންނެވިއެވެ. އެދަރިކަލުންނަކީ علي އެވެ. ސީރަތުގެ ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި علي ވަނީ ވަރަށް ތުއްޕުޅުއިރު އަވަހާރަވެފައެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވެފައިވަނީ، علي ބާލިޢުވެވަޑައިގެންނެވުމާ ހަމައަށް ދުނިޔޭގައި ހުންނެވި ކަމަށެވެ. އެކަލޭގެފާނު ޝަހީދުވީ ޔަރުމޫކު ހަނގުރާމައިގައި ކަމަށެވެ.

{އިބްނު ޙަޖަރުލް އަސްޤަލާނީ، އަލްއިސާބަތު، ހަތަރުވަނަ ޖިލްދު، ޞަފްޙާ 469}

ބައްޕާފުޅުގެ ޚިދުމަތުގައި: 

الحارث بن الحارث  الغامِدِي رضى اللّـه عنه  ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެން އެއްފަހަރު އަހަރެންގެ ބައްޕައާއެކު މައްކާއަށް ދިޔައީމެއެވެ. އޭރު މައްކާގެ މީސްތަކުން ފިރިހެނެއް ވަށައިލައިގެން ތިއްބެވިއެވެ. އެބައިމީހުން އޭނާއަކީ ނަބީބޭކަލެއްކަމުގައި ބުނަމުން ގެންދިޔައެވެ. ފަހުން އެނގުނު ގޮތުގައި އެއީ މުޙައްމަދުގެފާނެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް މާތް ގެ އެއްކައުވަންތަކަމަށް ގޮވައިލައްވަމުން ގެންދެވިއެވެ.  

ނަމަވެސް މައްކާގެ މީސްތަކުން އެކަލޭގެފާނު ދޮގުކުރަމުން ގެންދެއެވެ. ގާތްގަނޑަކަށް މެންދުރެއް ހާއިރުވަންދެން މީސްތަކުން އެކަލޭގެފާނުގެ ވަށައިގެން ތިބެފައި މީސްތަކުން އެކަލޭގެފާނު ދޫކޮށް ދާންފެށިތަނުން، އެތަނަށް އަންހެން ބޭފުޅަކު ވަޑައިގެންފިއެވެ. އެބޭފުޅަކު އަވަސް އަވަހަށް ވަޑައިގަންނަވަން ހައްދަވައިގެން، ވަޑައިގެންނެވީ ރަނގަޅަށް ބުރުގާކޮޅުވެސް ނާޅުއްވައެވެ. އެކަމަނާގެ އަތްޕުޅުގައި ފެންތަށިކޮޅަކާއި ރުމާކޮޅެއް އޮތެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެ ފެންތަށި ހިއްޕަވައި، ރުމާކޮޅުން މޫނުފުޅާއި އަތްޕުޅު ފޮއްސެވުމަށްފަހު ހަދީޘް ކުރެއްވިއެވެ. 

"يَا بُنَيَّةُ، خَمِّرِي عَلَيْكِ نَحْرَكِ وَلَا تَخَافِي عَلَى أَبِيكِ" 

މާނައީ: އޭދަރިފުޅާއެވެ. ބުރުގާއިން ދަރިފުޅުގެ މޭމަތި ރަނގަޅަށް ނިވާކޮށްލާށެވެ. އެއްގޮތަކަށްވެސް ދަރިފުޅުގެ ބައްޕައާމެދު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ.] 

الحارث بن الحارث  الغامِدِي رضى اللّـه عنه ވިދާޅުވެފައިވެއެވެ. އަހަރެން އެ އަންހެންބޭފުޅަކީ ކާކުތޯ ހޯދައިބެލުމުން އެނގުނީ އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރިކަނބަލުން السّيدة زينب رضى الله عنها  ކަމެވެ.]

{ޠަބަރާނީ، މުއުޖަމުލް ކަބީރު، ތިންވަނަ ޖިލްދު، ޞަފްޙާ 268}  

ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.

 

- ލިޔުނީ ޢަލީ އިޙްޞާން ފިރާޤް

 

 

 

މިއަދު އޮންލައިން