ބަދުރު ހަނގުރާމައިގެ ދުވަސްވަރުގައި:
މައްކާގައި މުސްލިމުންނަށް ދިރިއުޅެން ދަތިވުމުން މުސްލިމުން އެންމެ ފުރަތަމަ ހިޖުރަކުރީ ޙަބަޝާއަށެވެ. އެއަށްފަހު މުސްލިމުން ހިޖުރަކުރީ، މަދީނާއަށެވެ. ގިނަ ޢަދަދެއްގެ މުސްލިމުން މަދީނާއަށް ހިޖުރަކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި އަބޫބަކުރުގެފާނުވެސް މަދީނާއަށް ހިޖުރައަށް ވަޑައިގެންފިއެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ހިޖުރަށް ވަޑައިގަތުމަށްފަހު ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަލޭގެފާނުގެ ޢާއިލީބޭފުޅުންވެސް މަދީނާއަށް ގެންދެވިއެވެ. السّيدة زينب رضى الله عنها އަށް އެކަމަނާގެ އުޚުތުން މަދީނާއަށް ވަޑައިގެންނެވުމުން ވަރަށް ބޮޑު އެކަނިވެރިކަމެއް އިޙްސާސް ކުރައްވަން ޖެހިވަޑައިގަތެވެ. އެނގިވަޑައިގަންނަވާނެ ފަދައިން އޭރު أمّ المؤمنين السّيدة خديجة رضى الله عنها ވަނީ އަވަހާރަވެފައެވެ. އޭރުވެސް أبو العاص ހުންނެވީ ކާބަފައިންގެ ދީންމަތީގައެވެ. ބަފައިކަލުންނާއި އުޚުތުންގެ ގެ އަރިހަށް ދެވޭނެނަމައޭ އަބަދުވެސް السّيدة زينب رضى الله عنها ގެ ހިތްޕުޅަށް އަރާވަޑައިގަންނަވައެވެ.
ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާންމަހުގެ ތެރޭގައި، أبو سفيان ވަރަށް ބޮޑު ލަޝްކަރަކާއެކު މުސްލިމުންނާ ހަނގުރާމަ ކުރުމަށް ނުކުތެވެ. މި ނުކުތް މީހުންގެ ޢަދަދެއްކަމުގައިވަނީ އެއްހާސް މީހުންނެވެ. أبو العاص ވެސް މި ހަނގުރާމައަށް ނުކުމެވަޑައިގަތެވެ. މި ދަނޑިވަޅުގައި السّيدة زينب رضى الله عنها އަށް ލިބިވަޑައިގަންނަވާނެ އުނދަގޫފުޅު އިޙްސާސްތައް ވަޒަންކޮށްލައްވާށެވެ. އެކޮޅުގައި އެހުންނެވީ އެކަމަނާގެ ފިރިކަލުންނެވެ. އަނެއްކޮޅުގައި އެ ހުންނެވީ އެކަމަނާގެ ލޮބުވެތި ބަފައިކަލުންނެވެ.
މުސްލިމުންނާއި މުޝްރިކުން މި ހަނގުރާމައިގައި ބައްދަލުކުރީ ބަދުރޭ ކިޔުނު މައިދާނެއްގައެވެ. ބަދުރު ހަނގުރާމައިގައި މުސްލިމުންނަށް ވަރަށް ބޮޑު ކާމިޔާބީއެއް މާތްﷲ މިންވަރުކޮށްދެއްވިއެވެ. މުޝްރިކުންގެ ލަޝްކަރުގެ ތެރެއިން ހަތްދިހަ އެއްތައް މީހަކު ޤަތުލުވިއެވެ. އޭގެ ތެރޭގައި މުޝްރިކުންގެ އިސް ސަރުދާރުން ހިމެނެއެވެ. ހަތްދިހަ އެތައް މީހަކު ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ހައްޔަރުކުރެވުނެވެ. އޭގެ ތެރޭގައި السّيدة زينب رضى الله عنها ގެ ފިރިކަލުން أبو العاص بن الرّبيع ވެސް ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނު ހައްޔަރު ކުރެއްވީ ޞަޙާބީބޭކަލެއް ކަމުގައި عبْدُ اللّهِ بنُ جُبَيْر رضى اللّـه عنه އެވެ.
ހަނގުރާމައިގައި ހައްޔަރުވި މީސްތަކުން މަދީނާއަށް ގެނެވުމާއެކު މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ޞަޙާބީންނަށް ޙަދީޘު ކުރެއްވީ، އަސީރުންނާމެދު ހެޔޮކޮށް ކަންތައް ކުރުމަށެވެ. ޞަޙާބީން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މިދެންނެވި އިރްޝާދަށް ފުރިހަމައަށް ޢަމަލުކުރެއްވިއެވެ. ޞަޙާބީ ބޭކަލުން ކަދުރު ފަރީއްކުޅުއްވައިފައި، އަސީރުންނަށް ކާން ރޮށި ދެއްވިއެވެ. ކަދުރަކީ މަދީނާގައި އާދަވެގެން ހެދޭ ބާވަތެއްކަމުގައިވުމުން، ގޮދަނާ އަޅާ ބަލާއިރު ކަދުރަކީ އެއްވެސް އެއްޗެއް ނޫނެވެ. އަގެއް ހުރި އެއްޗެއް ނޫނެވެ. ނަމަވެސް ޞަޙާބީން ގޮދަނުން ރޮށިފިއްސަވައި އަސީރުންނަށް ކާންދެއްވިއެވެ.
ހަނގުރާމައިގައި ހައްޔަރުކޮށްގެން ގެނެވޭ އަސީރު މެރުމަކީ އޭރު އެޒަމާނުގައި އާދަވެގެން ކުރަމުން ގެންދިޔަކަމެކެވެ. އެހެންކަމުން ބަދުރު ހަނގުރާމައިގައި ހައްޔަރުވި އަސީރުންވެސް ޤަތުލުކުރުމަށް ޢުމަރުގެފާނު މަޝްވަރާ ދެއްވިއެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم ނިންމެވީ އެބައިމީހުންގެ އަތުން ފިދުޔަ އަތުލައްވައި ދޫކޮށްލެއްވުމަށެވެ. ފިދުޔަ ދީފައި އަސީރުން ދޫކުރާ ޚަބަރު މައްކާގެ މީސްތަކުންނަށް ލިބުމުން އެބައިމީހުން އަވަސްއަވަހަށް ހައްރުވެފައިވާ މީހުންގެ ފިދުޔައާގެން މަދީނާއަށް އަންނަން ފެށިއެވެ.
أبو العاص بن الرّبيع އަކީ މުއްސަނދި ވިޔަފާރިއެއް ނަމަވެސް، އޭރު އެކަލޭގެފާނުގެ އަތްޕުޅުގައި ފިދުޔައަށް ދެއްވާނެ އެއްވެސް އެއްޗެއްނެތެވެ. އެހެންކަމުން އެކަލޭގެފާނުގެ އަނބިކަނބަލުން السّيدة زينب رضى الله عنها އަށް އޭނާގެ ފިދުޔަ ފޮނުވުމަށް އެންގެވިއެވެ. އެކަމަނާ އެކަލޭގެފާނުގެ ފިދުޔައެއްކަމުގައި ފޮނުއްވީ އެކަމަނާގެ ކާވެނިފުޅުގެ ރޭ މައިކަނބަލުން أمّ المؤمنين السّيدة خديجة رضى الله عنها އެކަމަނާގެ ކަރުފުޅުގައި ތުރުކޮށްދެއްވި ހާރުކޮޅެވެ.
السّيدة زينب رضى الله عنها އެކަމަނާގެ ފިރިކަލުންގެ ފިދުޔައަށް ފޮނުއްވި ހާރުކޮޅު މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ފެނިވަޑައިގެންނެވުމުން އެކަލޭގެފާނަށް أمّ المؤمنين السّيدة خديجة رضى الله عنها ގެ ހަނދުމަފުޅު އާވިއެވެ. ހިތްޕުޅަށް ވީގޮތަކުން ބޭއިޚްތިޔާރުގައި ކީރިތި ކުރެއްވިއްޖެއެވެ. އެ މާތް ލޯފުޅުން ކަރުނަފޮދު ނީރާލިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުންނާ މުޚާޠަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ.
" إِنْ رَأَيْتُمْ أَنْ تُطْلِقُوا لَهَا أَسِيرَهَا وَتَرُدُّوا عَلَيْهَا الَّذِي لَهَا "
މާނައީ: ތިޔަބޭކަލުންނަށް ފެނިވަޑައިގަންނަވާނަމަ، އެކަމަނާގެ އަސީރާއި ހާރުކޮޅު ރައްދުކުރެއްވުން ކީއްތޯއެވެ؟]
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޞަޙާބީބޭކަލުން އެކަލޭގެފާނުގެ އެދިވަޑައިގެންނެވުމަށް ފުރިހަމައަށް ބޯލެންބެވިއެވެ. السّيدة زينب رضى الله عنها ގެ ހާރުކޮޅާއި، އެކަމަނާގެ ފިރިކަލުން އެއްވެސް ފިދުޔައެއް ހިއްޕެވުމަކާ ނުލާ ދޫކޮށްލެއްވިއެވެ. ނަމަވެސް މާތް ރަސޫލާ صلّى اللّـه عليه وسلّم، أبو العاص بن الرّبيع އަށް ޝަރުތެއް ކުރެއްވިއެވެ. އެއީ، އޭނާ މައްކާއަށް ވަޑައިގެން السّيدة زينب މަދީނާއަށް ފޮނުއްވުމެވެ. {އަބޫދާއޫދު، ސުނަނު، 2692}
ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް