އަތް ތުރުތުރުއަޅަން ފެށުމުގެކުރިން ދެއަތް އުފުލައި ދުޢާކުރާ މީހަކަށްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
އަތް ތުރުތުރުއަޅަން ފެށުމުގެކުރިން ދެއަތް އުފުލައި ދުޢާކުރާ މީހަކަށްވާށެވެ!

ބައެއް މީހުންނަށް ދުޢާކުރަން ފެށެނީ ޢުމުރުން ދުވަސްވެ ނުވަތަ ބައްޔެއް ޖެހި ދެއަތް ތުރުތުރުއަޅަން ފެށުމުންނެވެ. މިއީ ވަރަށް ދެރަކަމެކެވެ. މުސްލިމުން ވާންޖެހޭނީ ހުރިހާ އުމުރެއްގައިވެސް ދެއަތް އުފުލައި ﷲ ތަޢާލާއަށް ދުޢާކުރާ ބައަކަށެވެ. 

ދުނިޔަވީ ކުޑަކުޑަ މިސާލެއްވެސް ބުނެލާނަމެވެ. ބައެއް މީހުން، ބާރުގަދަ، ނުފޫޒުގަދަ މަޤާމުތަކުގައި ތިބޭއިރު ގާނޫނުތަކަށް ޙުރުމަތްތެރިކޮށް ނުހިތައެވެ. އުޅެނީ އުޅޭނެ ގޮތަކަށެވެ. ކުރަނީ ކުރާނެ ކަމެކެވެ. ނަމަވެސް މަޤާމު ގެއްލި ނުފޫޒުކެނޑިގެން ދިއުމުން ޤާނޫނުތަކަށް ޢަމަލުކުރަން މަޖުބޫރުވުމުން ޤާނޫނުތަކަށް ޢަމަލުކުރެއެވެ. 

ނިކަން ބުނެބަލާށެވެ! އެމީހުންނަކީ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތި ބައަކަށްވާނެ ހެއްޔެވެ؟ 

އަޅުކަންކުރުމާއި ދުޢާކުރުމުގައިވެސް އޮތީ ހަމަމިފަދަ ގޮތެކެވެ. ފުދިގެން ހުންނައިރު ﷲ ތަޢާލާގެ އެންގެވުންތައް މަތިން ހަނދާންވެސް ނުހުރެއެވެ. ކިރިޔާވެސް ހަނދާންވާން ފަށަނީ އެމީހަކަށް ބޮޑު ތަކްލީފެއް އުފުލަންޖެހުމުން ނުވަތަ ހިތްދަތިކަމެއް ލިބުމުންނެވެ. ލިބިފައިވާ ބާރާއި ތަނަވަސްކަން ގެއްލި ދިއުމުންނެވެ. 

އެއްގޮތަކަށްވެސް އެގޮތަށް ކަންކަން ކުރާމީހަކަށް ނުވާށެވެ! ހުރިހާ އުމުރެއްގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވެ، އަޅުކަންކޮށް ދުޢާކުރާ މީހަކަށްވާށެވެ. މުސްކުޅި އުމުރުގައި ބޭނުންކުރަން ޕެންޝަންފަންޑަށް ފައިސާ ޖަމާކުރާ އުޞޫލުން މުސްކުޅިވާއިރަށް ވީހައި ގިނަ ހެޔޮ ޢަމަލުތައްކޮށް ހެޔޮކަމުގެ ފަތް ވީހައި ބުރަކޮށްލެވޭތޯ ބަލާށެވެ! 

ކޮންމެ ގޮތެއްވިޔަސް މުސްކުލިވެ ގައިބާރު ދެރަވުމުން އަޅުކަންކުރަން، ޚާއްޞަކޮށް ނަމާދުކުރަން އުނދަގޫތަކެއް ކުރިމަތިވާނެއެވެ. ގިނގިނައިން ކުރަން ިތް ސުންނަތް ނަމާދުތައް ކުރަން އުނދަގޫވާނެއެވެ. ނަމާދުގައި ގިނައިރު ކޮޅަށް ހުންނަން އުނދަގޫތަކެއް ކުރިމަތިާނެއެވެ. ޒުވާން ޢުމުރުގެ ބޭނުން ހެޔޮގޮތުގައި ހިފަން އެހައިގިނައިން ހަނދާންކޮށްދެވެނީ މިބުނި ފަދަ ސަބަބުތަކަށްޓަކައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން