ކިތަންމެ ބޮޑު ޤުރްބާނީއެއް ވެގެން ނަމަވެސް ދުރުނުވެ ކޮންބައަކާއިއެކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކިތަންމެ ބޮޑު ޤުރްބާނީއެއް ވެގެން ނަމަވެސް ދުރުނުވެ ކޮންބައަކާއިއެކު؟

ގިނަ ބައަކު މަގުފުރެދި ހަލާކުވެގެންދަނީ އެކުވެރިންގެ ސަބަބުންނެވެ! ހަމައެފަދައިން އެކުވެރިންގެ ސަބަބުން ދުނިޔެއާއި އާޚީރަތް ލިބިގަންނަ ބައަކުވެސް އުޅެއެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ.

މުޞީބާތުގެ ވަގުތުތަކުގައިވެސް ހެޔޮ އެދޭ މިތުރުން ތިބާ ގާތު ބުނާނީ ތެދު ބަހެވެ. ދޭނީ ހެޔޮ ނަޞޭޙަތެވެ. ތިބާއަށް އުފާވެރިކަމެއް ލިބިއްޖެ ނަމަ އެކަން ފާހަގަކުރުމުގައިވެސް މިތުރުން ބައިވެރިވާނެއެވެ. އަދި ހިޓަމައިގެ ވަގުތުތަކުގައި މިތުރުން ތިބޭނީ ތިބާ އާއި އެކުގައެވެ.

މިތުރުންގެ ތެރެއިންވެސް އެންމެ ހެޔޮކަންބޮޑު މިތުރުންނަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކޮށްދޭ މީހުންނެވެ. ނަމާދުކުރުވން ބާރުއަޅާ މީހުންނެވެ. ރިވެތި އަޚްލާޤް ހަނދުމަކޮށްދޭ މީހުންނެވެ. ފާފަތަކަށް ބިރުވެތިކުރުވައި ފާފަކުރުމުން ސަލާމަތްކޮށްދޭން ގަދައަލައި މަސައްކަތް ކުރާ މީހާއެވެ.

މިފަދަ ހެޔޮ ލަފާ މިތުރުން މިއަދު ވަރަށް މަދެވެ. އެހެންކަމުން އެފަދަ މިތުރަކު ލިބެނީ ވެސް ވަރަށް މަދުންނެވެ. މިފަދަ ހެޔޮލަފާ މިތުރަކު ލިބިއްޖެ ނަމަ އެމީހަކާއި ވަކިނުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

އެފަދަ މިތުރުން ދޭ ނަޞޭޙަތް ބަލައިގަންނާށެވެ! ބަލައިގަންނަން އުނދަގޫވި ނަމަވެސް ދޫނުކުރާށެވެ! ބަލިވުމުން ޑޮކްޓަރު ދޭ ބޭހަކީވެސް މީރު އެއްޗެއް ނޫނެއް ނޫން ހެއްޔެވެ؟ އެހެންކަމާއިއެކުވެސް ބަލި ފަސޭހަވަނީ ގަދަކަމުން ނަމަވެސް ބޭސް ބުއިމުން ނޫން ހެއްޔެވެ؟ އެ މިސާލުން ހިތްވަރު ހޯދާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން