أبو العاص، މާތް ރަސޫލާ صلّى اللّـه عليه وسلّم ކުރެއްވި ޝަރުތައް އިޙްތިރާމު ކުރެއްވިއެވެ. އެކަލޭގެފާނު މައްކާއަށް ވަޑައިގެން السّيدة زينب رضى الله عنها މަދީނާއަށް ވަޑައިގެންނެވުމަށް ތައްޔާރުވެވަޑައިގެންނެވުމަށް އެންގެވިއެވެ. السّيدة زينب މަދީނާއަށް ގެންނެވުމަށްޓަކައި މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނު އަރިސް ޞަޙާބީ زيد بن حارثة رضى اللّـه عنه އާއި އަންޞާރު ބޭކަލެއް މައްކާގެ ރަށްބޭރު ވާދީއެއްކަމުގައިވާ ޔައުޖިޖަށް ފޮނުއްވިއެވެ.
أبو العاص بن الرّبيع ގެ އެންގެވުމާއެކު السّيدة زينب رضى الله عنها މަދީނާގެ ދަތުރުފުޅަށް ތައްޔާރުވެވަޑައިގަންނަވަން ފެއްޓެވިއެވެ. އެކަމަނާ ދަތުރަށް ތައްޔާރުވެވަޑައިގަންނަވާ ޚަބަރު أبو سفيان ގެ އަނބިކަނބަލުން هند بنت عتبة އަށް ލިބިވަޑައިގަތުމުން އޭނާ السّيدة زينب ގެ އަރިހަށް ވަޑައިގެން އެހީތެރިވެވަޑައިގަންނަވާން އުޅުއްވިއެވެ. ނަމަވެސް زينب ގެފާނު އެކަން ޤަބޫލުފުޅެއް ނުކުރެއްވިއެވެ.
{އިބްނު ހިޝާމް ސިޔަރަތު، ދެވަނަ ޖިލްދު، ޞަފްޙާ 654}
އޭރު އަދި ބަދުރު ހަނގުރާމަ ހިނގިތާ ވީ މަސްދުވަހެވެ. މައްކާގެ މީސްތަކުން ތިބީ ތިމާމެންނަށް ލިބުނު ނާކާމިޔާބީގެ ސިހުން ނުފިލައެވެ. ހަނގުރާމައިގައި ޤަތުލުވެދިޔަ މީހުންނަށް ނިސްބަތްކޮށް ޅެންވެރީން ހިތާމައިގެ ޅެންތައް ކިޔަމުން ދެއެވެ. އެހެންކަމު އެދުވަސްވަރު މަދީނާއިން މީހަކު މައްކާއަށް އެރުންވެސްވަނީ ބޮޑު ނުކުރައްކަލަކަށް ވެފައެވެ. ހަމައެހެންމެ، މައްކާއިން މުސްލިމަކު މަދީނާއަށްދާން ނިކުތްކަމުގައި ވިޔަސް މުޝްރިކުންގެ އަނިޔާވެރިކަން ތަހައްމަލު ކުރަން ނުޖެހި ދެވުމަކީ ނުވެނުދާނެކަމެކެވެ. މައްކާއަށް ވަދެވަޑައިނުގެން ޔައުޖިޖު ވާދީގައި މަޑުކުރެއްވުމަށް މާތް ރަސޫލާ صلّى اللّـه عليه وسلّم، زيد بن حارثة رضى اللّـه عنه އަށް އެންގެވީ އެހެންވެގެންނެވެ. ބަތަން ޖައުޖިޖަކީ މައްކާއާ ތޭރަ ކިލޯ މީޓަރު ދުރުގައިވާ ތަނެކެވެ.
السّيدة زينب رضى الله عنها ބަތަނު ޔައުޖިޖަށް ގެންދެވުމަށްޓަކައި أبو العاص بن الرّبيع ޙަވާލުކުރެއްވީ އޭނާގެ އަޚު كنانته بن الرّبيع އާއެވެ. زينب ގެފާނު ދަތުރު ކުރައްވަމުންގެ ގެންދެވީ ޖަމަލު މަތީގައި ބަހައްޓައިފައިވާ ހައުދަޖެއްގެ ތެރޭގައެވެ. އެކަމަނާއާއެކު ތުއްޕުޅު ދަރިކަނބަލުން السّيدة أُمَامَةُ ވެސް ގެންދެވިއެވެ. كنانته ދުނިދަނޑި ހިއްޕަވައިގެން ރޯމާދުވާލު زينب ގެފާނު ގެ ޖަމަލުގެ ވައުފަށިގައި ހިއްޕަވައިގެން ދަތުރު ކުރައްވަމުން ވަޑައިގެންނެވިއެވެ.
ޒީތުވާއޭ ކިޔުނު ހިސާބުން އޭނާއާ މައްކާގެ ޖަމާއަތެއް މީސްތަކުން ކުރިމަތި ލައިފިއެވެ. އެއީ هبّار بن الأسود އާއި އޭނާގެ އެކުވެރިންނެވެ. އެބައިމީހުން އައިސް زينب ގެފާނު ސަވާރުވެވަޑައިގެންނެވި ޖަމަލު ވަށައިލިއެވެ. ހަމައެވަގުތު هبّار އޭނާގެ ލޮންސިން زينب ގެފާނު ސަވާރުވެވަޑައިގެން އިންނެވި ޖަމަލަށް ޙަމަލަދިނެވެ. ޖަމަލަށް ލިބުނު ކުއްލި ސިހުމެއްގައި ތެޅިފޮޅިގެން ވަގުތު އެކަމަނާ ޖަމަލުގެ މަތީން ވެއްޓިވަޑައިގެންފިއެވެ. އޭރު السّيدة زينب رضى الله عنها އިންނެވީ އާލާސްވެވަޑައިގެންނެވެ. ހަށިކޮޅަށް ލިބިވަޑައިގެން އަނިޔާގެ ސަބަބުން އެކަމަނާ ހައްޔަރުން ނެއްޓިވަޑައިގެންނެވިއެވެ.
މިތަންދެކެ كنانته بن الرّبيع ވަރަށް ރުޅިއަތުވެއްޖެއެވެ. އޭނާގެ އަތުގައި އޮތް ދުނިދަނޑީގައި ދުންޏެއް ރުވާލުމަށްފަހު، هبّار بن الأسود ގެ އެކުވެރިންނަށް އިންޒާރު ދިނެވެ. އެއިން އެއްވެސް މީހަކު زينب ގެފާނަށް ގެއްލުމެއްދީފިނަމަ، އެބައިމީހުނަށް ދުނިން ޙަމަލަ ދެއްވާނެ ކަމަށެވެ. ކަންތައް ދިމާވިގޮތަކުން ހަމަ އެވަގުތު أبو سفيان އަށް އެތަނަށް ވަޑައިގެންނެވިއްޖެއެވެ. އޭނާވަޑައިގެން كنانته ގެ ގާތުގައި ދުނިޖެއްސެވުން ހުއްޓަވައި ލެއްވުމަށް އެންގެވިއެވެ. އަދި ބަދުރު ހަނގުރާމައިގެ އަސަރުތައް މައްކާގެ މީސްތަކުންގެ ހިތުން ފިލާހާ ދުވަސްވުމުން އެކަމަނާ މަދީނާއަށް ފޮނުވުމަށް އެދިވަޑައިގަތެވެ.
أبو سفيان އެކިގޮތުން ގޮތުން ކިނާނަތުގެ ރުޅި މަޑުކުރެވޭތޯ މަސައްކަތް ކުރަމުން ގެންދެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރިކަނބަލުންނަށް އަނިޔާކުރުމުގެ ޤަޞްދެއް އެބައިމީހުންގެ ނެތްކަމުގައި ވިދާޅުވިއެވެ. ނަމަވެސް ބަދުރުހަނގުރާމައިގެ ހިތި އަސަރު ނުފިލައިގެން އުޅެނިކޮށް ދުވާލުގެ މެންދުރު ވަގުތު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރިކަނބަލުން ހިޖުރައަށް ވަޑައިގެންނެވުން އެއީވެސް އެބައިމީހުންނަށް ލިބޭނެ ނިކަމެތި ކަމެއް ކަމުގައި ވިދާޅުވިއެވެ. ހިޖުރައަށް ދިޔުމަށްދިޔަ އަންހެން ބޭފުޅަށް ނުހިފެހެއްޓިއްޖެނަމަ، އެކަން އެއީ އެބައިމީހުންގެ ފިނޑިކަން ރަމްޒުކޮށްދޭ ކަމެއް ކަމުގައި أبو سفيان ފާހަގަކުރެއްވިއެވެ.
أبو سفيان ގެ އަނބިކަނބަލުން هند بنت عتبة އަށް މި ޙާދިޡާގެ ޚަބަރު ލިބިވަޑައިގަތުމުން އެކަމާ ވަރަށް ކޯފާ އިސްކުރެއްވިއެވެ. އޭރު هند އަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم އާ އެންމެ ޢަދާވާތްތެރިވެގެން އުޅުނު އެކެކެވެ. އެދުވަހު هند، هبّار بن الأسود އާއި އޭނާގެ އެކުވެރިންނަކީ ހަނގުރާމައިގެ މައިދާނުގައި ފައިތިލަ ސާބިތުކޮށްނުލެވޭ ފިނޑީންކަމުގައި ވިދާޅުވިއެވެ. ބަފަޔަކު ދެކެން ދިޔަ ކުށެއްނެތް އަންހެނަކަށް ގޯނާކުރަން ކެރުނުކަމަކީ އެބައިމީހުންނަށް ކުރެވުނު އެންމެ ފިނޑި އަމަލުކަމުގައި ފާހަގަކުރެއްވިއެވެ. މިބައިމީހުންނާމެދު هند ވިދާޅުވި ޅެމެއްގެ މާނައިގައިވެއެވެ.
[އެބައިމީހުންނެކޭ، ޖަންގަލީ ޙިމާރު ތަކެކޭ އެއްފަދައެވެ. އަމާންކަމުގެ ވަގުތުގައި ހަރުކަށިކަން ދައްކައެވެ. ހަނގުރާމައިގެ ވަގުތުތަކުގައި، ޙައިޟުވެފައިވާ އަންހެނުންނެކޭ އެއްވެސް ތަފާތެއް ނެތެވެ.]
(ނޯޓް: هند بنت عتبة އާއި އޭނާގެ ފިރިކަލުން أبو سفيان އަކީ ފަހުން އިސްލާމްވެވަޑައިގެންނެވި ދެބޭކަނބަލުންނެވެ. އެދެބޭކަނބަލުންވަނީ އިސްލާމްވެވަޑައިގެން ޞަޙާބީންގެ ދަރަޖަ ޙާޞިލް ކުރައްވައިފައެވެ. އިސްލާމްވެވަޑައިގެންނެވުމަށްފަހު، އެދެކަނބަލުންވެވަޑައިގެންނެވީ، އިސްލާމްދީނަށް ނަޞްރުދިނުމުގައި ފާހަގަކުރެވޭ ދެ ޝަޚްޞިއްޔަތަށެވެ. أبو سفيان އަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލުން أم حبيبة رضى الله عنها ގެ ބަފައިކަލުންނެވެ.)
މައްކާގެ މީސްތަކުންގެ ދޫތަކުން މިވާހަކަތައް އޮބި، ހަނދާންނެތޭހައި ދުވަސްވުމުން އަލުން كنانته بن الرّبيع، السّيدة زينب رضى الله عنها ގޮވައިގެން ދަތުރުފުޅު ފެއްޓެވިއެވެ. މިފަހަރު كنانته ދަތުރުފުޅު ފެއްޓެވީ ރޭގަނޑު މީސްތަކުންގެ ފައިހިލަވަޅު އޮބުމުންނެވެ. ދަތުރުކުރައްވައި ވަޑައިގެން ބަތަނު ޔައުޖިޖުގައި ހުންނެވި زيد بن حارثة رضى اللّـه عنه އާ زينب ގެފާނު ޙަވާލު ކުރެއްވިއެވެ. زيد ގެފާނު އެކަމަނާއާގެން ދަތުރުފުޅު ކުރައްވައި މަދީނާއަށް ވަޑައިގެންނެވިއެވެ. هبّار بن الأسود އާއި އޭނާގެ އެކުވެރިންގެ ފަރާތުން زينب ގެފާނަށް ލިބިވަޑައިގެންނެވި އަނިޔާތައް އެނގިވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ކޯފާ އިސްކުރެއްވެވިއެވެ. هبّار بن الأسود ފެނުނު ކޮންމެ ތާކުން ޤަތުލުކުރެއްވުމަށް އެކަލޭގެފާނުގެ ޞަޙާބީބޭކަލުންނަށް އެންގެވިއެވެ.
ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ.
- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް