އަލަށް ރޯދަ ހިފަން ފަށައިގަންނަ ކުޑަކުދިން އެކަމަށް ފަށައިގަންނަ ކޮޅުމަތީގައި ފޫހިވެ ބުރަކަމަކަށްވެގެން އުޅޭނެއެވެ. ބޮޑެތި މީހުންނަށްވެސް އެކަން ކޮންމެވެސް މިންވަރަކަށް މެދުވެރިވެއެވެ. އެހެންކަމަސްވާއިރު އެކަން ބޮޑެތި މީހުންނަށްވުރެ މާބޮޑަށް ކުޑަކުދިންނަށް މެދުވެރިވާނެއެވެ.
މިހާރަކަށް އައިސް ރޯދަކުރުކުރަން ގިނައިން ދަސްކޮށްދެވެނީ ރޯދައަށް އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަމެވެ. މިސާލަކަށް ފިލްމްބެލުން، ޢާންމު ކާޓޫނުބެލުން ގޭމްކުޅުން ފަދަ ކަންކަމެވެ. އެއިގެ ބަދަލުގައި ކާޓޫނު ދެއްކި ނަމަވެސް ފިލްމް ދެއްކި ނަމަވެސް ދީނީ ގޮތުން ފައިދާކުރާނެ އެއްޗެތި ދައްކާށެވެ. ގޭމްކުޅުމާއި ދުރުހެލިކުރުވާށެވެ.
ހަމައެއާއިއެކު ކުދިންގެ އުމުރާއި ގުޅޭގޮތުން ކިޔާނެ ދީނީ ފޮތްތައް ހޯދައިދޭށެވެ. ޢިބްރަތްތެރި ވާހަކަތައް ކިޔުއްވާށެވެ. ޤުރްއާނުގެ ކުރު ސޫރަތްތައް މާނައާއިއެކު ކިޔުއްވައި ކޮންމެ ދުވަހަކުވެސް ސޫރަތެއްގެ މާނަ ނުވަތަ 2،3 އާޔަތުގެ ނަމަވެސް މާނަ ދަސްކުރުވޭތޯ މަސައްކަތްކުރާށެވެ. ޤުރްއާން ލިޔުއްވާށެވެ. އަދަބު އަޚްލާޤް ދަސްވާނެ ފިލާވަޅުތައް ހިމެނޭ ފޮތްތައް ކިޔުއްވާށެވެ.
މި ބަޔާންކުރި ކަންކަމަށް ވަގުތު ބަހާލާށެވެ. އެކަމެއްގެ ވަގުތުގައި ކޮންމެ ދުވަހަކުވެސް އެކަމެއް ކުރުވަން މަސައްކަތްކުރާށެވެ. ހަމަ އެއާއިއެކު ކުދިންނަކީ ކުޅެންވެސް ބޭނުންވާނެ ބައެކެވެ. އެކަމަށްވެސް ވަގުތެއް ޚާޞަކޮށް އެވަގުތަކު ކުޅެން ފުރުޞަތު ދޭށެވެ!
އިން ޝާ ﷲ އެއިރުން ވަގުތުތައް ގިނަވެ ރޯދަ ދިގުވެގެން އުޅެން ޖެހުމުގެ މައްސަލަތައް ވަރަށް ބޮޑުތަނުން މަދުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން