ޒައިނަބުގެފާނު 6: ޒައިނަބުގެފާނާ ވަކިވާން ޖެހުމުން އަބުލްޢާޞު ކުރެއްވި ހިތާމަފުޅު-

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 53ސ
ޒައިނަބުގެފާނު 6: ޒައިނަބުގެފާނާ ވަކިވާން ޖެހުމުން އަބުލްޢާޞު ކުރެއްވި ހިތާމަފުޅު-

السّيدة زينب رضى الله عنها  މަދީނާއަށް ވަޑައިގަތުމަށްފަހު أبو العاص بن الرّبيع އެކަމަނާގެ މަތީން ވަރަށް ގިނައިން ހަނދުމަފުޅު ކުރެއްވިއެވެ. އެއްފަހަރަކު އޭނާ ޝާމުކަރައަށް ކުރެއްވި ދަތުރުފުޅެއްގައި މަދީނާގައި ކައިރިން ލައްވައިފައި ވަޑައިގަންނަވަމުން ވިދާޅުވި ޅެމެއްގައިވެއެވެ. 

ذَكَرْتُ زَيْنَبَ لَمَّا وَرّكَت إِرَمَا 

فقلت سَقْيًا لشخصٍ يَسْكُنُ الحَرمَا

بنتُ الأمين جزاها اللهُ صالحةً

وكـلّ ُ بَعْلٍ سَيُثْنِي بالذي عَلِمَا 

[އިރަމުގެ ކައިރިން އަހަރެން ދަތުރުކޮށްފައި ދިޔަ ހިނދު ޒައިނަބު މަތީން ހަނދާންވިއެވެ. ޙަރަމުގައި ޤާއިމުވެ ހުރި މީހާ، އެކަމަނާގެ ފަރާތްޕުޅުން ފެންފޮދަކަށް އެދުމަށް އުއްމީދު ކުރިއެވެ. މާތް، އަމީނުގެ ދަރިކަނބަލުންނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. ކޮންމެ ފިރިއަކުވެސް އޭނާގެ އަނބިމީހާއާމެދު، ތާރީފު ކުރަނީ އޭނާ ރަނގަޅަށް ދެނެހުރި ކަންތައްތަކުގެ މައްޗަށެވެ.]

އެއްފަހަރަކު أبو العاص بن الرّبيع ޝާމުކަރައިން ވިޔަފާރިކުރައްވައިގެން ވަރަށް ބޮޑު ނަފާއެއް ހޯއްދަވައިގެން މައްކާއަށް ވަޑައިގެންނެވުމަށްޓަކައި ދަތުރުފުޅު ކުރެއްވިއެވެ. އެކަލޭގެފާނު މަދީނާގެ ކައިރިން ލައްވައިފައި ދަތުރުފުޅު ކުރައްވައި ވަޑައިގަންނަވަނިކޮށް زيد بن حارثة رضى اللّـه عنه އެކަލޭގެފާނުގެ ޤާފިލާއާ ކުރިމަތި ލެއްވިއެވެ. އަދި އެބައިމީހުންގެ މުދާތައް ޣަނީމާ ކުރެއްވިއެވެ. ނަމަވެސް އަވަސް ފުރްޞަތެއްގައި أبو العاص بن الرّبيع ފިއްލަވައިގެން މުސްލިމުންގެ އަތުގައި ނުޖެހި ވަޑައިގެންފިއެވެ. 

أبو العاص بن الرّبيع ފިއްލަވައިގެން އުޅުއްވައިފައި ރޭގަނޑުވުމުން ސީދާ ވަޑައިގެންނެވީ زينب بنت رسول الله صلّى اللّـه عليه وسلّم ގެ އަރިހަށެވެ. ވަޑައިގެން އެކަމަނާގެ ގެކޮޅުގެ ދޮރުކޮޅުގައި ޓަކިޖެއްސެވުމުން އެކަމަނާ ދޮރުކޮޅު ހުޅުއްވިއެވެ. ޒައިނަބުގެފާނުވެސް އެކަމަނާގެ ދެބޭފުޅުންގެ ޙައްޤުގައި އޭނާ އެތެރެއަށް ވެއްދެވިއެވެ. އެރޭގެ ފަތިސްނަމާދުން މީސްތަކުން އަވަދިވުމުން زينب ގެފާނު ތެދުވެވަޑައިގެން މީސްތަކުންނާ މުޚާޠަބު ކުރައްވައި ބާރު އަޑުފުޅުން ވިދާޅުވިއެވެ. 

"أيها الناس إني قد أجرتُ أبا العاص بن الربيع!"

މާނައީ: [އޭ މީސްތަކުންނޭވޭ. އަހަރެން أبو العاص بن الرّبيع އަށް އަމާންދީފީމެވެ.] 

زينب ގެފާނު މިހެން ވިދާޅުވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ އަރިހުގައިވާ ޞަޙާބީ ބޭކަލުންނާ މުޚާޠަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ. [އަހަރެންނަށް މި އިވުނު އަޑު ތިޔަބައިމީހުންނަށްވެސް އިވުނު ހެއްޔެވެ؟.] ޞަޙާބީބޭކަލުން އާދޭހޭ ދެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘު ކުރެއްވިއެވެ. 

[އަހަރެންގެން ނަފުސު އެފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ގަންދީ ދަންނަވަމެވެ. އަހަރެންނަށް މީގެ ކުރިއަކުން މިކަން އެނގިފައެއްނެތެވެ. ތިޔަބައިމީހުންނަށް އިވުނުފަދައިން މިކަން އަހަރެންނަށް މި އެނގުނީ ހަމަ ދެންމެއެވެ. ޝައްކެއްނެތެވެ. އާދައިގެ މުސްލިމަކަށްވެސް އެހެން މީހަކަށް އަމާންދީ ރައްކާތެރިކަން ދެވިދާނެއެވެ.] 

ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم، زينب ގެފާނު ގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. އެ ޙާދިޘާގެ އިތުރު ތަފްސީލު ހޯއްދެވުމަށްޓަކައެވެ. އެކަލޭގެފާނު އެކަމަނާއާ ވާހަކަފުޅު ދައްކަވައި ޙަދީޘު ކުރެއްވިއެވެ. [ދަރިފުޅު ދަރިފުޅުގެ މެހެމާނަށް ހެޔޮކޮށް ހިތާށެވެ. ނަމަވެސް ދަރިފުޅު އޭނާގެ ކައިރިއަށް ގޮސް އުޅުމުން ދުރުވެގަންނާށެވެ. އަނތްބަކާއި ފިރިއަކާ ދެމެދު އޮންނަ ގުޅުން ބާއްވައިގެން ނުވާނެއެވެ.] 

زينب ގެފާނު، أبو العاص بن الرّبيع ގެ މުދާ އޭނާއަށް އަނބުރާ ރައްދުކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނުގެ ޞަޙާބީންގެ އަރިހުން އެކަމަށް އެދިވަޑައިގަތުމުން އެ އެންމެހައި ބޭކަލުން އެކަމަށް އިޢުތިރާޟު ކުރެއްވުމަކާ ނުލައި އޭނާގެ މުދާ އަނބުރާ ރައްދުކޮށްދެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެބޭކަލުންނާ މުޚާޠަބު ކުރައްވައި ޙަދީޘު ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. 

[އޭނާ އާ އަހަރެންނާ މެދުގައި އޮތް ގުޅުން ތިޔަބޭކަލުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ތިޔަބޭކަލުންގެ އަތްޕުޅުގައި އޭނާގެ މުދާތައް އެބަ ހުއްޓެވެ. އޭނާގެ މައްޗަށް ރަހުމުކޮށް ހެޔޮކޮށްހިތާ އޭނާގެ މުދާ އަނބުރާ ރައްދުކުރުމަކީ އަހަރެން އެދޭގޮތެވެ. ތިޔަބައިމީހުން އެގޮތް ޤަބޫލުނުކުރާނެނަމަވެސް އެންމެ ރަނގަޅެވެ. އެހެނީ އެއީ މާތްﷲ ގެ ދީލަތިވަންތަކަމުން އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ޣަނީމާ މުދަލުގެ ތެރެއިން ހިމެނިގެންވާ ތަކެއްޗެވެ.] 

މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މިބަސްފުޅަށް ޞަޙާބީން ވަރަށް ރަނގަޅަށް އަމަލުފުޅު ކުރެއްވިއެވެ. އެބޭކަލުން އެއްވެސް އެއްޗެއް ނުބާއްވަވައި، أبو العاص بن الرّبيع ގެ މުދާތައް އޭނާއަށް ޙަވާލު ކުރެއްވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އޯގާވެރިކަން ފެނިވަޑައިގެން أبو العاص އަށް ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. ދެން އޭނާ މުދާތައް ހިއްޕަވައިގެން މައްކާއަށް ވަޑައިގެންފިއެވެ. 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

މިއަދު އޮންލައިން