މައިންބަފައިންނަށް ވަރަށް މުހިންމު ފިލާވަޅެއް! ކުދިންގެ ހިތުގައި ރޯދަހިފަން ޝައުޤުވެރިކަން އިތުރުކުރަން ޢަމަލުކުރަންވީ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މައިންބަފައިންނަށް ވަރަށް މުހިންމު ފިލާވަޅެއް! ކުދިންގެ ހިތުގައި ރޯދަހިފަން ޝައުޤުވެރިކަން އިތުރުކުރަން ޢަމަލުކުރަންވީ މަގު-

ކޮންމެ ކަމެއްވެސް ކުރަން ފަސޭހަވާނީ އެކަމަކުން (އެކަމެއް ކުރުމުން) ތިމާއަށް ކުރާނެ ފައިދާ އެނގުނީމައެވެ. އެކަން ބުއްދިއަށް ޤަބޫލުކުރެވުނީމައެވެ. ވީމާ ކުޑަކުދިން ރޯދައަށް ތިބޭއިއރު އެކަމަށް ހިތްވަރުދޭންޖެހޭއެވެ. އަދި ރޯދަ ހިފަން ކުދިން ޝައުޤްވެރިކުރުވަން މަސައްކަތްކުރަންވާނެއެވެ. 

އެގޮތުން: 

- ރޯދައަށް ﷲ ތަޢާލާ ޘަވާބު ދެއްވަވަނީ އެއްވެސް އިމެއް ނެތިކަން ބުނެދޭށެވެ!

- ރޯދަވެރިންނަށް ޚާއްޞަ ދޮރުކޮޅެއް ސުވަރުގޭގައި ހުންނަކަމާއި އެދޮރުކޮޅުން ވައްދަވާނީ ހަމައެކަނި ރޯދަހިފި މީހުންކަން ވިސްނައިދޭށެވެ!

- ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ވަސްކަން އަނގައިދޭށެވެ.

- ރޯދަ ހިފުމަކީ ޞިއްހަތަށްވެސް ވަރަށް ފައިދާހުރި، ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދުނިޔޭގެ ހުރިހާ ޑޮކްޓަރުން އެއްބަސްވާކަންވެސް ބުނެދޭށެވެ!

- ރޯދަވީއްލާ ވަގުތު އެއީ ދަރިފުޅު އެންމެ ބޮޑަށް ބޭނުންވާ ކަންތަކަށް އެދި ދުޢާކުރަން އެންމެ ރަނގަޅު ވަގުތުކަމާއި އެވަގުތުކުރާ ދުޢާ ިޖާބަ ކުރައްވަވާނެކަން ވެސް ބުނެދޭށެވެ. 

މިފަދަ އެތައް ކަމެއް ބުނެދެވިދާނެއެވެ. މިވާހަކަތައް ކިޔައިދޭންޖެހޭނީ ވަރަށް ލޯބިންނެވެ. ކުދިންގެ ސަމާލުކަން ހޯދައި އެކުދިން ޝައުޤުވެރިވާނެ ގޮތަށެވެ.

"ދަރިފުޅާއެވެ! ދަރިފުޅު ބޭނުންވާ ވަރަށް ގިނަ ކަންކަން ހުންނާނެއެވެ! މަންމަމެން، ބައްޕަމެން ގާތު ނުބުނި ނަމަވެސް އެވަގުތު ﷲ ތަޢާލާއަށް ދަންނަވާށެވެ! ކުޑަކޮށް ލަސްވެލި ނަމަވެސް އަކަމެއް ހިންމަވައިދެއްވަވާނެކަން އެއީ ޔަޤީންކަމެކެވެ. ވީމާ ރޯދަވީއްލާ ވަގުތު ލިބޭ އެ އަގުހުރި ފުރުޞަތުގެ ބޭނުން ހިފޭނީވެސް ރޯދައަށް ހުރެގެން ނޫން ހެއްޔެވެ؟ މަންމަމެން ބައްޕަމެންނަށް ކޮށްނުދެވިދާނެ ބައިވަރު ކަންކަންވެސް ދަރިފުޅު ބޭނުންވާނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް ހިންމަވައި ނުދެއްވެވޭނެ އެއްވެސް ކަމެއް ނުވެއެވެ. އެކަލާނގެއީ ކޮންމެ ކަމެއް ކޮށްދެއްވެވުމަށްވެސް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." 

މިފަދަ ޢިބާރާތްތަކުން ކުދިންނާއި މުޢާމަލާތުކުރާށެވެ. އެއިރުން ރޯދަހިފަން ޝައުޤުވެރިވުމުގެ އިތުރުން އެކުދިންގެ ހިތުގައި ﷲ ތަޢާލާގެ މައްޗަށް ލޯބިވެސް އިތުރުވާނެއެވެ. އިން ޝާ ﷲ

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން