ޒައިނަބުގެފާނު 7: އަލުން ދެކަނބަލުން ގުޅިވަޑައިގެންވުމާއި، ހިޖުރައިގެ ދަތުރުފުޅުގައި ލިބުނު ޒަޚަމުގައި ޒައިނަބުގެފާނު އަވަހާރަވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 26ސ
ޒައިނަބުގެފާނު 7: އަލުން ދެކަނބަލުން ގުޅިވަޑައިގެންވުމާއި، ހިޖުރައިގެ ދަތުރުފުޅުގައި ލިބުނު ޒަޚަމުގައި ޒައިނަބުގެފާނު އަވަހާރަވުން

أبو العاص بن الرّبيع އިސްލާމްވެވަޑައިގަތުން: 

أبو العاص بن الرّبيع މައްކާއަށް ވަޑައިގެން މުދާތައް އޭގެ ޙައްޤުވެރިންނަށް އަދާކުރެއްވިއެވެ. އެއަށްފަހު އެކަލޭގެފާނު މައްކާގެ މީސްތަކުންގެ ކުރެ އެއްސެވިއެވެ. [އަހަރެން ތިޔަބައިމީހުންނަށް އަދާކުރަން ޖެހޭ އެއްވެސް ދަރަންޏެއް އެބަ އޮތް ހެއްޔެވެ؟] މައްކާގެ މީސްތަކުން ނޫނެކޭ ދެންނެވުމުން އެކަލޭގެފާނު ޝަހާދަތުގެ ދެކަލިމަ ވިދާޅުވެ އިސްލާމްވެވަޑައިގެންނެވިއެވެ. އެއަށްފަހު މައްކާގެ މީސްތަކުންނާ މުޚާތަބު ކުރައްވައި ވިދާޅުވިއެވެ. 

[އިސްލާމްދީނުގެ ފުރިހަމަކަން އަހަރެންނަށް އެނގުނުތާ ދުވަސްތަކެއް ވެއްޖެއެވެ. އަހަރެން އިސްލާމްވާން ބޭނުންވިއެވެ. ނަމަވެސް އޭރު އަހަރެން އިސްލާވެއްޖެނަމަ ތިޔަބައިމީހުން އަހަރެން އުޅެނީ ތިޔަބައިމީހުންގެ މުދާތައް ޖަހައިގަންނަން ކަމުގައި ހީކޮށްފާނެއެވެ. ނަމަވެސް މިހާރު އަހަރެން ތިޔަބައިމީހުންނަށް ދޭންޖެހިފައިވާނަމަ ދޭންޖެހޭ އެއްޗެއް ދީ ޚަލާޞްކޮށްފީމެވެ. އަހަރެން މިދަނީ މަދީނާއަށް ގޮސް އަހަރެންގެ އަނބިކަނބަލުންގެ ބަފައިކަލުންގެ އަތްޕުޅު މައްޗަށް އިސްލާމްވުމަށެވެ.] 

أبو العاص بن الرّبيع ދަތުރުފުޅު ކުރައްވައި މަދީނާއަށް ވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ފައިންޕުޅުދެކެ އެކަލޭގެފާނުގެ އިސްލާމްކަން އިއުލާން ކުރެއްވިއެވެ. އިސްލާމްދީނުގެ ބައިޢަތު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަތްޕުޅު މައްޗަށް ހިއްޕެވިއެވެ. މަދީނާގެ މީސްތަކުންނަށް މިޚަބަރު ލިބުމުން އެބައިމީހުން މިކަމާ ވަރަށް އުފާކޮށް އުޅުނެވެ. އެއަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم އަލުން السّيدة زينب رضى الله عنها، އާއި أبو العاص بن الرّبيع ގެ ކާވެނިފުޅުކޮށް ދެއްވިއެވެ. މާތް ރަސޫލާ زينب ގެފާނު، أبو العاص އަށް ދެއްވީ އިހު ކާވެނިފުޅުގެ މައްޗަށްތޯ ނުވަތަ އަލުން ކާވެނިފުޅުކޮށްދެއްވީތޯ މިއީ ޚިލާފު ހިނގައިފައިވާ ކަމެކެވެ. 

ޒައިނަބްގެފާނު އަވަހާރަވުން: 

أبو العاص بن الرّبيع އިސްލާމްވެވަޑައިގެން މަދީނާއަށް ވަޑައިގަތުމުން السّيدة زينب رضى الله عنها ވަރަށް އުފާފުޅު ކުރެއްވިއެވެ. ދެބޭފުޅުން އެދެބޭފުޅުންގެ ދަރިކަލުންނާއި ދަރިކަނބަލުންނާއެކު ނުހަނު އުފަލުގައި އުޅުއްވަމުން ގެންދެވިއެވެ. ނަމަވެސް އޭރުވެސް زينب ގެފާނު އުޅުއްވަމުން ގެންދެވީ ހިޖުރައިގެ ދަތުރުފުޅުގައި ލިބިވަޑައިގެންނެވި އަނިޔާއިން ފަސޭހަފުޅުނުވެއެވެ. އެކަމަނާ އަވަހާރަވީވެސް އެ އާލާސްކަންފުޅުގައެވެ. ބައެއް ސީރަތުގެ ޢިލްމުވެރިން އެކަމަނާ ޝަހީދެއްކަމުގައި ވިދާޅުވަނީ އެ ސަބަބަށްޓަކައެވެ. 

زينب بنت رسول الله صلّى اللّـه عليه وسلّم މަދީނާއަށް ވަޑައިގެންނެވީ ހިޖުރައިން ދެވަނަ އަހަރުގެ ތެރޭގައެވެ. ފަސްއަހަރެއްހާ ދުވަހުގެ މުއްދަތެއްގައި ބައްޕާފުޅާ އެކަމަނާގެ ލޮބުވެތި އުޚުތުންނާއެކު މަދީނާގައި ދިރިއުޅުއްވިއެވެ. އެކަމަނާ އަވަހާރަވީ ހިޖުރައިން 8 ވަނަ އަހަރުގެ ތެރޭގައެވެ. އެކަމަނާ އަވަހާރަވި ޙާދިޘާ ޞަޙީޙު ޙަދީޘް ފޮތްތަކުގައި ވަރަށް ފުރިހަމައަށް ޒިކުރު ކުރެވިފައިވެއެވެ. 

އުއްމު އަޠިއްޔާގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. [ތިމަންބޭކަނބަލުން ޒައިނަބުގެފާނު ހިނެވުމުގެ މަސައްކަތްޕުޅު ކުރައްވަނިކޮށް އެތަނަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ވަޑައިގެންނެވިއެވެ. ވަޑައިގެން އަމުރުފުޅު ކުރެއްވީ އެކަމަނާގެ ހަށިކޮޅު ތިންފަހަރު ނުވަތަ ފަސްފަހަރު ނުވަތަ އެއްއަށް ވުރެގިނައިން ދޮންނެވުމަށެވެ. އެންމެ ފުރަތަމަ އެކަމަނާގެ ހަށިކޮޅު ކުންނާރުފަތުން ހޫނުކޮށްފައިވާ ފެނުން ދޮވުމަށްފަހު، އެންމެ ފަހުފަހަރު ކާފޫރު ލީ ފެނުން ދޮވުމަށް މާތް ރަސޫލާ صلّى اللّـه عليه وسلّم, ތިމަންބޭކަނބަލުންނަށް އިރްޝާދު ދެއްވިއެވެ. އެގޮތަށް ކަންތައްކުރުމަށްފަހު، މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އެންގެވުމުން އެކަލޭގެފާނުގެ އިޒާރުކޮޅު އެކަމަނާގެ ކަފުނުގެ ތެރޭގައި ބޭނުންކުރުމަށް ދެއްވިއެވެ.]{ބުޚާރީ، ޞަޙީޙު، 1254} 

السّيدة زينب رضى الله عنها ނާނޭފުޅު ފިލެވުމުގައި އެކަމަނާގެ ދެ ދޮންމަންމާފުޅުންކަމުގައިވާ  أمّ المؤمنين السّيدة سودة بنت زمعة رضى الله عنها އާއި أمّ المؤمنين السّيدة أم سلمة رضى الله عنها ބައިވެރިވެވަޑައިގެންނެވިއެވެ. ހަމައެހެންމެ أم أيمن رضى الله عنها  ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެކަމަނާގެ މައްޗަށް ކަށުނަމާދުފުޅު ކުރެއްވީ ޚުދު މާތް ރަސޫލާ صلّى اللّـه عليه وسلّم އެވެ. ފަސްދާނުވެޑުވީވެސް އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުންނެވެ. 

ނޯޓް: މިއީ އެމެރިކާގެ މަޝްހޫރު މުފައްކިރެއްކަމުގައިވާ ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުގެ މައްޗަށް ބަލައިލުމެއްގެ ގޮތުން ލިޔަމުން ގެންދާ ސިލްސިލާއެކެވެ. އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުންގެ ތެރޭގައި އަށްފަހަރު އިމާމު ޢަބްދުލް މަލިކު މުޖާހިދު ހިމެނިވަޑައިގެންފައިވެއެވެ. 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް 

މިއަދު އޮންލައިން