ތަޤްވާވެރިވާން ދެކޮޅު ހަދާ މީހުންނަށް ނަރަކަ ފުދެއެވެ! ހަނދާންކޮށްދޭއިރުވެސް ޖަދަލުނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ތަޤްވާވެރިވާން ދެކޮޅު ހަދާ މީހުންނަށް ނަރަކަ ފުދެއެވެ! ހަނދާންކޮށްދޭއިރުވެސް ޖަދަލުނުކުރާށެވެ!

ފާފަކުރުމުން ތައުބާވެ ތަޤްވާވެރިވާން ބުނާށެވެ! ނަޞޭޙަތް ދޭށެވެ! އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށްޓަކައި އަދާކުރަންޖެހޭ ވަރަށް މަތިވެރިވާޖިބެކެވެ. ނަމަވެސް އެކަމަށް އޭނާ ދެކޮޅު ހަދައިފިނަމަ ޖަދަލުކުރުމެއްނެތެވެ! އޭނާއަށް ނަރަކަ ފުދެއެވެ. އެކަން ﷲ ތައާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވަވައިފައެވެ.

"އަދި ﷲ އަށް ތަޤްވާވެރިވާށޭ އެމީހާއާ ދިމާއަށް ބުނެފިނަމަ، ފާފަވެރިވެގަތުމުގެ ބޮޑާކަން އައިސް އޭނާގައި ހިފަތެވެ. ފަހެ، އެމީހާއަށް ނަރަކަ ފުދެއެވެ. އަދި ހަމަކަށަވަރުން، އެ ތަންމަތީގެ ހުރި ނުބައިކަމުގެ ބޮޑުކަމާއެވެ!" (ބަޤަރާ: 206)

މުސްލިމް އަޚަކަށް މަގުއޮޅިގެންދާނަމަ އެކަމާއިމެދު ކަންބޮޑުވާން ޖެހޭނެއެވެ. އެކަމުން އެމީހާ ސަލާމަތްކުރަން މަސައްކަތްކުރަންވާނެއެވެ. އެކަމުން އެމީހަކު ސަލާމަތްކުރަން އެހީތެރިވާންވެސް ވާނެއެވެ. އެގޮތަށް ކުރާ މަސައްކަތުގެ ތެރެއިންވެސް ޖަދަލުކޮށް ޒުވާބު ނުކުރާށެވެ! ނަޞޭޙަތް ދިނުމަކީ ވާޖިބެކެވެ. ވާޖިބު އަދާކުރުމުން އެކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.

އިސްލާމް ދިނުގެ މަގުން މުސްލިމަކު ބޭރުވެގެންދާނަމަ އެމީހަކަށްޓަކައި ހެޔޮދުޢާ ކުރާށެވެ! ބައެއް މީހުން ތައުބާވެ، އެނބުރި އައިސް އިސްލާމް ދީނަށް ވަރަށް މަތިވެރި ޚިދުމަތްތައްވެސް ކޮށްދީފައި އެބަހުއްޓެވެ. ވީމާ ރިވެތި ގޮތުގައި މުޢާމަލާތުކުރާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން