މީހުން ތިމާއާމެދު ދައްކާ ދޮގު ވާހަކަތަކަށް ކަންބޮޑުނުވާށެވެ! ޤިޔާމަތް ދުވަހު ތިބާގެ ތިލަފަތް ހެޔޮކަމުގެ ކޮޅަށް ބަރުކޮށްލާނީ އެވާހަކަތައް ކަމަށްވެދާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މީހުން ތިމާއާމެދު ދައްކާ ދޮގު ވާހަކަތަކަށް ކަންބޮޑުނުވާށެވެ! ޤިޔާމަތް ދުވަހު ތިބާގެ ތިލަފަތް ހެޔޮކަމުގެ ކޮޅަށް ބަރުކޮށްލާނީ އެވާހަކަތައް ކަމަށްވެދާނެއެވެ!

"އެއުރެންގެ (ދޮގު) ވާހަކަތައް ކަލޭގެފާނު ހިތާމަވެރިކުރުވިއަ ނުދެއްވާށެވެ! ހަމަކަށަވަރުން، ހުރިހާ ޢިއްޒަތެއް މިލްކުވެގެންވަނީ ﷲ އަށެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (ޔޫނުސް: 65)

ވީމާ މީހަކު ކިތަންމެ ގިނަ ބައަކު ނަމަވެސް ތިބާއާއިމެދު ދައްކާ ދޮގުވާހަކަތަކަށް ކަންބޮޑުނުވާށެވެ. އެއިގެ ބަދަލު ދެއްވަވާނެތެވެ. ޤިޔާމަތް ދުވަހު ތިބާގެ ތިލަފަތް ހެޔޮކަމުގެ ކޮޅަށް ބަރުކޮށްލާނީ އެވާހަކަތައް ކަމަށްވެދާނެއެވެ!

ދޮގު ހެދުމަކީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ އަދި ބޮޑު ފާފަތަކުގެ ތެރެއިން ފާފައެއް ނަމަވެސް ދޮގު ހެދުން މިހާރު މިވަނީ ވަރަށް ޢާންމު ކަމަކަށްވެފައެވެ. ދުނިޔަވީ ފައިދާއެއް ލިބިގަތުމަށް ނުވަތަ އެމީހަކު ރުޅި އަންނަ މީހެއްގެ ދުވަސް ދުއްވައިލަން ދޮގު ހަދަން ފަސް ޖެހޭ މީހުން ދަނީ ގިނަވަމުންނެވެ.

މިފަދަ މީހުން އެއްވެސް ޖެހިލުމެއްނެތި ދެމްފިރިންގެ މެދުގައި ފިތުނަ އުފައްދަން ވެސް ދޮގު ހަދައެވެ. ބޮޑެތި އޮޅުވައިލުންތައް އޮޅުވައިލައެވެ./ ނަމަވެސް އެއީ ހަމަ އެއްވެސް ވަރަކަށް ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫނެވެ.

ޙަޤީޤަތަށް ނުބަލައި މީހުން ދައްކާ ވާހަކަ ޤަބޫލުކުރާ ނަމަ އެއިގެ މާނައަކީ ތިބާއަށް އިތުބާރު ނުކުރާ ކަމެވެ. ޙަޤީޤަތް ކިޔައިދިނުމުން ޤަބޫލުކުރަން ބޭނުން ނުވާނަމަ އެއިގެ މާނައަކީ އެހެރީ އިންޞާފުން ބޭރުގައި ކަމެވެ. އެހިސާބުން އެކަމާއި އިތުރަށް ވިސްނަން ނުހަދައި ﷲ ތަޢާލާއަށް ވަކީލުކޮށްފައި ނިންމައިލާށެވެ.

ދޮގު ހަދައި އޮޅުވައިލެވޭނީ އިންސާނުންނަށެވެ. ކިތަންމެ ބައިވަރު ދޮގުތަކެއް ހެދި ނަމަވެސް އެއްވެސް ކަމެއް ﷲ ތަޢާލާއަށް އޮޅުވައެއް ނުލެވޭނެއެވެ. ވީމާ މީހަކު ނުވަތަ ބައަކު ކިތަންމެ ގިނަ ދޮގުތަކެއް ހެދި ނަމަވެސް އަލައިވެސް ނުލާށެވެ! އެކަމުގެ ސަބަބުން ބަރުވަމުންދާނީ ތިބާގެ ހެޔޮ އަމަލުތަކުގެ ފަތަށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން