أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها އަކީ، ނަބިއްޔާ صلّى اللّـه عليه وسلّم ގެ ބޮޑުދައިތާފުޅެއް ކަމުގައިވާ أميمة بنت عبد المطلب ގެ ދަރިކަނބަލެކެވެ. ބައްޕާފުޅަކީ، جحش بن رئاب އެވެ. السّيّدة زينب بنت جحش رضى اللّـه عنها އުފަންވެވަޑައިގަތީ، ނަބިއްޔާ މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވުމުގެ ތިރީސް އަހަރު ކުރީން މާތް ވެގެންވާ މައްކާގައެވެ.
އިސްލާމްދީނުގެ އުޖާލާ ދޯދިތައް މައްކާގެ މާތް ބިމުގައި، ވިދައި ބަބުޅަން ފެށިތާ ކުރީ ކޮޅު السّيّدة زينب بنت جحش رضى اللّـه عنها އާއި އެކަމަނާގެ އަޚުންނާއި އުޚްތުން އިސްލާމްދީނުގެ މާތް ތަރަހައިގެ ތެރެއަށް ވަދެވަޑައިގެންފިއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، މައްކާގެ މުޝްރިކުން އޭރު ތިބީ އިސްލާމްދީނުގެ ނޫރު މުޅި ދުނިޔެއިން ނިއްވައިލުމަށްޓަކައި، ޖާނާއި މާލުން ޤުރްބާންވާން ތައްޔާރުވެގެންނެވެ. އެގޮތުން އިސްލާމްދީން ޤަބޫލު ކުރަމުން ގެންދިޔަ މީސްތަކުންނަށް ސުމާރެއްނެތްހައި، ގަދަފަދަ ޢަޛާބުތައް އެބައިމީހުން ދައްކަމުން ގެންދިޔައެވެ. السّيّدة زينب بنت جحش رضى اللّـه عنها އާއި އެކަމަނާގެ އާލުވެރިންނަށްވެސް މިދެންނެވި މުޝްރިކުންގެ އަނިޔާއާއި، ދުއްތުރާތަކާ ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވިއެވެ.
މުޝްރިކުންގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން، މުސްލިމުން މަދީނާއަށް ހިޖުރަކުރުމަށް އިލާހީ އަމުރުފުޅު ލިބިވަޑައިގެންނެވުމުން السّيّدة زينب بنت جحش رضى اللّـه عنها އާއި އެކަމަނާގެ އަޚުންނާއި އުޚްތުން މަދީނާއަށް ހިޖުރަ ކުރެއްވިއެވެ.
މަދީނާއަށް ވަޑައިގެންނެވުމަށްފަހު، ނަބިއްޔާ صلّى اللّـه عليه وسلّم އެކަލޭގެފާނު މިނިވަން ކުރެއްވި އަޅެއް ކަމުގައި ހިމެނިވަޑައިގެންނެވި زيد بن حارثة رضي الله عنه އާއި السّيّدة زينب بنت جحش رضى اللّـه عنها ގެ ކާވެނިފުޅުކޮށް ދެއްވިއެވެ. ނަމަވެސް އޭގެ ދެކަނބަލުންގެ ކާވެނީގެ ގުޅުން މާގިނަ ދުވަސްތަކަކަށް ދިގު ދެމިގެންނެއް ނުދިޔައެވެ. އެދޭކަނބަލުންގެ ދަރަޖައިގެ ތަފާތުކަމާއި މިޒާޖުގެ ތަފާތު ކަމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން زيد بن حارثة رضي الله عنه ، السّيّدة زينب بنت جحش رضى اللّـه عنها ވަރިކުރެއްވިއެވެ.
އޭރުގެ ޖާހިލީ އާދަޔަކަށް ވެފައި އޮންނަނީ ތިމާދަރިންނަށް ހަދައިންގެ ގެންގުޅޭ ކުދިން ކާވެނިކޮށްފައި ތިބޭ އަންހެނުންނާ ކާވެނި ކުރުމަކީ ވަރަށް ހުތުރު ކަމެއް ކަމަށެވެ. زيد بن حارثة رضي الله عنه އަކީ، ކުރީން ނަބިއްޔާގެ ދަރިކަލަށް ހައްދަވައިގެން ގެންގުޅުއްވި ބޭކަލެކެވެ. އެހެން ކަމުން ޖާހިލިއްޔަ ޒަމާނުގެ މި އާދަ ނައްތައިލުމަށްތަކައި، ޚުދު ނަބިއްޔާ صلّى اللّـه عليه وسلّم السّيّدة زينب بنت جحش رضى اللّـه عنها އާ ކައިވެނިފުޅު ކުރެއްވިއެވެ. މާތް ﷲ ގެ ޢަމުރުފުޅުގެ މަތީންނެވެ.
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها އަކީ، ވަރަށް ވަރަޢަވެރި، ތަޤްވާވެރި، ދީންވެރި، ދީނާކަންތައްތަކަށް ލޯބި ކުރެއްވި ބޭކަނބަލެކެވެ. އިވުމާއި ފެނުން އެންމެހައި ޙަރާމްކަންތައްތަކަކުން ރައްކާތެރި ކުރެއްވި ބޭކަނބަލެވެ. أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنها އާ ބެހޭގޮތުން މުނާފިޤުން ދެއްކި ދޮގު ވާހަކައާ ގުޅިގެން السّيّدة زينب بنت جحش رضى اللّـه عنها އާ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. "ތިމަންކަމަނާ ތިމަންކަމަނާގެ އިވުމާއި ފެނުން ރައްކާތެރި ކުރައްވަމެވެ. عائشة ގެފާނާ ބެހޭގޮތުން ރަނގަޅު ކަމެއް މެނުވީ ތިމަންކަމަނާ ދެކެވަޑައެއް ނުގަންނަވަމެވެ."
أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنها، أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها އާ ބެހޭގޮތުން ވިދާޅުވެފައިވެއެވެ. " زينب އަށްވުރެ ދީންވެރި، ތަޤްވާވެރި، ތެދުވެރި، ރަހިމުގެ ގުޅުން ޤާއިމުކުރާ، އަންހެނަކު އަހަރެން ނުދެކެމެވެ."
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها އަކީ، އަތްތެރި މަސައްކަތުގައި ވަރަށް ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. އެކަމަނާ ހަން ދިބާޢުކުރައްވައިގެން ތަކެއްތި ހައްދަވައި، އެތަކެތީން ލިބިވަޑައިގަންނަވައި، އެންމެހައި ތަކެތި މިސްކީނުންނާއި، ފަޤީރުންނަށް ހޭދަކުރައްވައި ހައްދަވައެވެ.
ނަބިއްޔާ صلّى اللّـه عليه وسلّم އެއްފަހަރަކު ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނަށްފަހު، (އެބަހީ: އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވުމަށްފަހު) ތިޔަކަނބަލުންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ އަވަހަށް ބައްދަލުވެވަޑައިގަންނަވާނީ، (އެބަހީ: އަވަހާރަވާނީ) ތިޔަކަނބަލުންގެ ތެރެއިން އެންމެ އަތްޕުޅު ދިގު ކަމަނާއެވެ."
أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنها، ވިދާޅުވެއެވެ. "ތިމަންބޭކަނބަލުން އެއްގެއެއްގައި ބައްދަލުވާނަމަ، ދަނޑިގަނޑަކުން ތިމަންބޭކަނބަލުންގެ އަތްތަކުގެ މިންބަލައި، އެންމެ އަތްޕުޅު ދިގީ ކޮންބޭކަނބަލެއްތޯ ބަލައި ހަދަމެވެ. زينب ގެފާނު އަވަހާރަވަންދެން، ތިމަންބޭކަނބަލުން އެކަންތައް އެގޮތަށް ކުރިއަށް ގެންދިޔާމެވެ. زينب ގެފާނު އަވަހާރަވުމުން ތިމަންބޭކަނބަލުންނަށް އެ ޙަދީޘްގައި އެވިދާޅުވި، އަތްޕުޅު ދިގު ކަމުގެ މުރާދަކީ، ދީލަތިކަމާއި، މާތް ﷲ ގެ މަގުގައި ހޭދަކުރުންކަން އެނގުނެވެ."
أمير المؤمنين عمر بن الخطّاب رضى اللّـه عنــه ގެ ޚިލާފަތުގައި، އެއްފަހަރަކު އެކަލޭގެފާނު، أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها އަށް، ބާރަ ހާސް ދިރުހަމު ފޮނުއްވިއެވެ. އެތަކެތި ހަމަ ލިބިވަޑައިގަންނަވާއިރަށް އެކަމަނާގެ ޚާދިމާއަށް ވިދާޅުވެގެން ގެންނަވައި، އެ ދިރުހަމުތައް ފަޤީރުންނާއި މިސްކީނުންނަށް ބައްސަވައި ހުސްކުރެއްވިއެވެ. އަދި ދުޢާފުޅު ކުރެއްވިއެވެ. "މިއަހަރަށްފަހު، ޢުމަރުގެފާނު ފޮނުއްވާ އެއްޗެތިކޮޅު މިއަޅާއަށް ލިބިވަޑައި ނުގަންނަވާނެ ގޮތް މިންވަރު ކުރައްވާންދޭވެއެވެ" ކަންތައް ދިމާވީވެސް އެކަމަނާ ދުޢާ ކުރެއްވި ފަދައިންނެވެ. އަނެއްއަހަރު أمير المؤمنين عمر بن الخطّاب رضى اللّـه عنــه އެކަމަނާގެ ފައިސާ ފޮނުއްވުމުގެ ކުރީން އެކަމަނާ އަވަހާރަވެއްޖެއެވެ.
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها އަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތުމުން، އަމިއްލަފުޅަށް ކަފުންކޮޅު ތައްޔާރު ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. " أمير المؤمنين عمر بن الخطّاب رضى اللّـه عنــه ތިމަންކަމަނާއަށް ކަފުންކޮޅެއް ފޮނުއްވައިފިނަމަ، އެތަނުން އެއްކަފުން މާތް ﷲ ގެ މަގުގައި، ޞަދަޤާތްކޮށްލާށެވެ." أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها އަވަހާރަވުމުން أمير المؤمنين عمر بن الخطّاب رضى اللّـه عنــه އެކަމަނާގެ ކަފުނުދަފުނަށް ބޭނުންވާނެ ސާމާނުފޮނުއްވިއެވެ. އަދި އެކަމަނާގެ ވަޞިއްޔާތާ އެއްގޮތަށް އެތަނުން އެއްކަފުންކޮޅު ޞަދަޤާތް ކުރެވުނެވެ.
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها އަވަހާރަވީ، ހިޖުރައިން، 20 ވަނަ އަހަރު أمير المؤمنين عمر بن الخطّاب رضى اللّـه عنــه ގެ ޚިލާފަތުގެ ދުވަސްވަރުގައެވެ. އޭރު އެކަމަނާގެ ޢުމުރުފުޅުން 53 އަހަރުފުޅެވެ. ފަސްދާނު ވެޑުވިފައިވަނީ، މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ. أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها އަށް ދަރިކަލަކު، ދަރިކަނބަލަކު ލިބިވަޑައެއް ނުގަންނަވައެވެ.
أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها އަވަހާރަވީ ޚަބަރު أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنها، އަށް ލިބިވަޑައިގެންނެވުމުން އެކަމަނާ ވަރަށް ހިތާމަފުޅު ކުރައްވައި، ކީރިތި ކުރައްވައި އުޅުއްވުކަމަށް ރިވާވެގެންވެއެވެ. އިބްނު ސަޢުދު ވިދާޅުވެފައިވެއެވެ. "أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها ތަރިކައިގެ ގޮތުގައި، ދީނާރެއް ދިރުހަމެއް ދޫކުރައްވައިފައެއް ނުވެއެވެ."
އަރަހުށި މާތްﷲ، أمّ المؤمنين السّيّدة زينب بنت جحش رضى اللّـه عنها އަށް ރުއްސުންލައްވާށިއެވެ.!