"ކުރީގާ އެކަކުވެސް ނެތެވެ. --- އަހަރެންގެ ސުވާލަކީ، މުޅިދުނިޔޭގެ އެއްމެންގެ ފަހަތުގާ މުސްލިމުން ތިބީ ކީއްވެ ހެއްޔެވެ؟"
މިއީ އިސްލާމް ދީނަށް ލޯބިކުރާ ކޮންމެ މީހެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލެކެވެ. ޖަވާބުވެސް ބޭނުންވާނެ ހަމަ ވަރަށް މުހިންމު ސުވާލެކެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ އަދި އިސްލާމް ދީނަށް ލޯބިކުރާ ކޮންމެ މުސްލިމެއްގެ ހިތުގައިވެސް އުފެދޭނެ ސުވާލެއް މެއެވެ.
މިއަދުނޫހުގައި ޝާއިޢުކުރެވޭ ލިޔުންތަކާއި ގުޅިގެން ގިނަ ބައަކު މިސުވާލު މިއަދުނޫހަށްވެސް ކުރާތީ ދަންނަވަމެވެ. މި ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ މުޅި ދުނިޔޭގެ އެންމެންގެ ފަހަތަށް މުސްލިމުންނަށް ޖެހެން ޖެހިފައި މިވަނީ މުސްލިމް އުންމަތްތަކުގެ ވެރިންގެ އަމިއްލަ އެދުން ބޮޑުވުމުން ކަމަށެވެ. ދައުލަތުން ވައްކަން ކުރުމާއި އިންޞާފު ޤާއިމު ނުކުރުމުގެ ސަބަބުން ރައްޔިތުން އިންތިހާއަށް ރުޅި ގަދަވެވެފައި ތިބޭތީ ރައްޔިތުންނަށް އިތުބާރު ނުކުރަން ވެގެން މަޤާމުގައި ތިބެން ކާފިރުންގެ މަދަދު ބޭނުންވުމުން ކަމަށެވެ.
މިސާލަކަށް މުސްލިމުންގެ މަންމަ އާއި ބައްޕަ ކަމުގައި ބަލަން ޖެހޭ ސައުދިޢަރތަބިޔާގެ ޙާލަތަށް ބައްލަވާށެވެ! މުޅި މުސްލިމް އުންމަތަށް ދޭ އެހީތެރިކަމަށްވުރެ އެތައް ގުނައަކަށް މާލީ އެހީ ހިލޭ ސާބަހަށް ދެނީ އެމެރިކާއަށެވެ. ކޮންމެ އަހަރަކު ހިލޭދޭ ބޮޑެތި އެހީތަކުގެ އިތުރުން ހަތިޔާރު ގަންނަ އެޑްވާންސަށް އަބަދުވެސް އެ އޮންނަނީ އެތައް ސަތޭކަ ބިލިއަން ޑޮލަރެއް ދައްކައިފައެވެ.
ރާއްޖެއަށްވެސް ޖެހުނީ ހަމަ މިހާލެވެ. ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ވެރިކަމުގައި ހަމައެކަނި ވޯރާ ވިޔަފާރިވެރިން ބޭރުކޮށްލެއްވީއެއް ނޫނެވެ. އައްޑޫގައި ބަނޑަހަޖަހައިގެން ތިބި އިނގިރޭސި ސިފައިންވެސް ބޭރުކުރައްވައި ޤައުމަށް ޙަޤީޤީ މިނިވަންކަން ހޯއްދަވައި ދެއްވެވިއެވެ.
އެމަނިކުފާނުގެ ވެރިކަމަށްފަހު ކާފިރުންނަށް އަޅުވެތިވާން މިވަނީ ފަށައިފައެވެ. އެމީހުން ދައްކާހައި ލިޔުމެއްގައި ސޮއިކޮށް އަޅުވެތިވަމުން އެގެންދަނީ ކީރިތި ޤުރްއާނަށް އެއްވެސް ވަރަކަށް ބަލައިލުމެއް ނެތިއެވެ. ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ކަންކަން ނުކުރަން ސޮއިކުރަމުން ގެންދާއިރު މި ޖަދަލު ކުރެވެނީ ﷲ ތަޢާލާ އާއި ކަމެއްވެސް ވެރިންނަކަށް ނުއެނގެއެވެ.
މިއަދުގެ ޚަބަރުތަކަށް ބައްލަވާށެވެ! އަބަދުހެން ފެނިވަޑައިގަންނަވާނީ އެހެން ދީނެއްގެ ކަންކަން ރާއްޖޭގައި ކަންކަން ފާހަގަކުރާ ވާހަކައެވެ. ކްރިސްމަސް، ދީވާލީ ފަދަ ޢީދުތަކެވެ. 'ހޯލި" ޢީދު ފައުޅުކަންބޮޑުގޮތެއްގައި ހުލުމާލޜގައި ފާހަގަކޮށް ނިންމައިލީ ދާދި ފަހުންނެވެ. ހުއްޓުވަން ޗުއްޕު ބުނެލުމުގެ ބާރުވެސް ސަރުކާރަކަށް ނެތެވެ.
ކާފިރުންގެ ފަލްސަފާތަކަށް ވިކުނު މިންވަރު ނިކަން ދެކެވަޑައިގަންނަވާށެވެ! ފިރިހެނުން ފަހަތުގައިލައިގެން އަމިއްލައަށް އިމާމުވެ ހުކުރު ނަމާދުކުރާ އައިމިނާ ގެނެސް އިސްލާމީ މަރުކަޒުގައި ދީނީ ދަރުސް ދިން ދުވަސް ދިވެހިންގެ ހަނދާނަކުން ދުވަހަކުވެސް ނުދާނެއެވެ. އެއިގެފަހުން އައި ވެރިކަމުގައި ﷲ ތަޢާލާ އަށް ގޮންޖަހާ ނަޖިސް އަންހެނަކު ރައްޔިތުންގެ މަޖިލީހަށް ވައްދުވައި ދެއްކުވި ވާހަކަތައްވެސް ހަމަ އެފަދައެވެ.
އިސްލާމް ދީނާއި ބީރައްޓެހި ވާހަކަތައް ދައްކައި ދިވެހިން އިސްލާމް ދީނާއި ދުރުކުރުވަން ކުރެވޭ މަސައްކަތްތަކަށް އިސްލާމް ދީނުގެ ޢަދުއްވުން ކުރާ ހޭދަ އެމްޑީއެންގެ ރިޕޯޓުން ހާމަވެއެވެ. އަދި އެފަދަ ކަންކަން ކުރަން ރާއްޖޭގެ ސިޔާސީ ބޭފުޅުންނަށް ބޭރުގެ ޖަމާއަތްތަކުންނާއި ވަކިވަކި ފަރުދުން ފައިސާ ދޭކަން ދާދި މިދާކަށް ދުވަހު އެވަނީ އެފަދަ ފައިސާ ލިބިވަޑައިގަންނަވާ ބޭފުޅެއްގެ އަމިއްލަ އިއްތިރާފުން ސާބިތުވެފައެވެ.
ވެރިކަމަށް އަންނަން ބޭނުންވުމުން ވެރިކަން ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާ ކުރެއެވެ. ވެރިކަން ދެއްވެވުމުން އަޅުވެތިވަނީ ޝައިޠާނާއަށެވެ. ކީރިތި ޤުރްއާނުގެ ކުރިއަށް ނެރެނީ ޝައިޠާނާ ދައްކައިދޭ ޙައްޤުތަކުގެ ވާހަކައެވެ. އދ ގެ ޝައިޠާނީ ޤަރާރުތަކުގެ ވާހަކަތަކެވެ. ވީމާ ވެރިކަން ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާ ކުރުމުން ވެރިކަން ދެއްވެވުމުން ﷲ ތަޢާލާގެ އެންގެވުންތައް "ބޮލާލައި ޖަހާފައި" ޢަމަލު ކުރަނީ ޝައިޠާނާގެ އެންގުންތަކަށެވެ.
މުސްލިމުން ދެރަވެ ނިކަމެތިވެފައިވަނީ ފަރުދީ ހައިޞިއްޔަތަކުން ނޫނެވެ! ވެރިކަމުގެ ދާއިރާގައެވެ. އިސްލާމް ދީނުގައި ސާބިތުވެ ތިބި މުސްލިމުން އަދިވެސް ތިބީ ވަރަށް ވަރުގަދަކޮށެވެ. އެހެން ދީންތަކުގެ އިސް މީހުން އެމީހުންގެ ދީނުގައި މަނާ ކަންކަން ކުރާތީ އަބަދުވެސް ދަނީ މައްސަލަތައް ކުރިމަތިވަމުންނެވެ. ނަމަވެސް ހަރުދަނާ މުސްލިމުންގެ ކިބައިން އެފަދަ ކަންކަމެއް ނުފެނެއެވެ. އިން ޝާ ﷲ!
ﷲ ތަޢާލާ މުސްލިމުންނަށް ކުރިއެރުން މިންވަރު ކުރެއްވެވިއެވެ. ސައިންސާއި ބޭސްވެރިކަމާއި ހިސާބު ޢިލްމާއި އެނޫންވެސް ޢިލްމުތަކުން އެންމެ ކުރިއަރާފައިވާ ބައަކީ މުސްލިމުން ކަމުގައި ލެއްވެވިއެވެ. އެ ނިޢްމަތް މުސްލިމް ޤައުމުތަކުގެ ވެރިންގެ އަމިއްލަ އެދުން ބޮޑުވުމުން ގެއްލިގެން ދިއައީ އެވެ. މުސްލިމުންގެ އެންމެ މުޤައްދިސް ފޮތް، މުސްލިމުންގެ ދުސްތޫރަ ކީރިތި ޤުރްއާނުގެ އެންމެ ދުވަސްވީ މުޞަޙަފްވެސް އޮތްކަމަށް މިހާރު އަޑު އިވެނީ އޮކްސްފޯޑް ޔުނިވަރސިޓީގައެވެ. މިއަދު ފެންނަމުން މިދަނީ އެވަރުވެސް ހިމާޔަތްކުރުމުގެ ބާރު މުސްލިމް ވެރިންގެ ކިބައިގައި ނެތިގެން ދިއުމުން މެދުވެރިވާ ކަންކަމެވެ.
މުސްލިމުންގެ ތެރޭގައި ނިކަމެތިކަން ފެތުރެނީ އިސްލާމް ދީނަށް އެއްވެސް ލޯތްބެއް ނެތް މީހުންނަކީ މާތް ބައެއްގެ ގޮތުގައި ޤަބޫލުކޮށް އެމީހުންގެ ފަހަތުން ދުވެވޭތީއެވެ. ދުޢާއަކީ މިފަދަ ނިކަމެތި ކަމުން މުސްލިމް އުންމަތް ސަލާމަތްކޮށްދެއްވެވުމެވެ.
ސުވާލަށް ކޮންމެވެސް މިންވަރަކަށް ޖަވާބު ދެވިއްޖެ ކަމަށް އުންމީދުކުރަމެވެ.