ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް އަހަރެމެން ކުރަމުއެވެ. ނަމަވެސް ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި ޢާއިލީ މައްސަލަތައް ހަމަޖައްސައި ދެމަފިރިން އެކަކުއަނެކެއްގެ ކިބައިން މާފަސް އއެދުމާއި މާފުކުރުމާއި ހިތްސާފުކުރުން އޮންނަނީ ހަނދާންނެތިކޮށްލެވިފައެވެ.
އަހަރެންގެ ނަޒަރުގައި އެއީ އެންމެ މުހިންމު ކަންތަކެވެ. ރަމަޟާންމަހަށްޓަކައި ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ އެންމެންނަށް ހިތްސާފުކުރުމެވެ. އެންމެންނަށް މާފުކުރުމެވެ. އެއްވެސް މީހަކާއިމެދު ހިތުގައި ހަސަދަވެރިކަމެއް ނުބޭއްވުމެވެ.
ދިރިއުޅުމަށްބަލައިފިނަމަ އަބަދުވެސް މައްސަލަތަކެއް ހުންނާނެއެވެ. ކިތަންމެ ލޯބިން ދިރިއުޅުނު ނަމަވެސް އެކަކު އަނެކަކަށް ކުރެވިފައިވާ ކުށްތަކެއްވެސް ހުންނާނެއެވެ. މާފަށް އެދެން ހަނދާންނެތިފައި ހުރި ކަންތައްތަކެއް ހުންނާނެއެވެ. މިހާރަކަށް އައިސް އެކި މިންވަރަށް ބޭވަފާތެރިވެވުމުގެ މައްސަލަތައްވެސް ހުންނާނެއެވެ.
އެކަމުގައި ބުނަން އޮތީ އެކަމެއްގެ ވާހަކަ ބުނެފިނަމަ އިތުރު ފިތުނައެއް އުފެދިދާނެކަމުގެ ބިރު އޮތްނަމަ އެކަމެއް ކިޔައިނުދޭށެވެ. އެކަން ސިއްރުކުރާށެވެ. ﷲ ތަޢަލާގެ ޙަޟްރަތުން ފާފަފުއްސަވައިދެއްވެވުމަށް އެދޭށެވެ. ނަމަވެސް އެފަދަ ކަމެއް ދެން ނުކުރަން ހިތުގައި އަޒުމްކަނދައަޅަންވާނެއެވެ. އަދި އެޢަޒުމްމަތީގައި ދެމިހުންނަންވެސް މަސައްކަތްކުރަންވާނެއެވެ.
ހަނދާންކުރާށެވެ! ފިރިމީހާ ވާހަކަ ނުދައްކަން ބުނެފި މީހަކާއި ސިއްރުން ވާހަކަދެއްކުމަކީވެސް ދީންހުއްދަކުރާކަމެއް ނޫނެވެ. އެއީ ކިޔަމަންތެރި އަންތބަކުކޮށްގެންވާނެ ކަމެއް ނޫނެވެ. ނަމަވެސް މިހާރު ގިނައީ އެއީ ކުށެއްކަމަށް ޤަބޫލުވެސް ނުކުރެވޭ މީހުންނެވެ.
އަހުރެންގެ އެންމެ ބޮޑު އިލްތިމާސަކީ ރަމަމާންމަހާއި ކުރިމަތިލާއިރު ކޮންމެ ދެމަފިރިއަކުވެސް މިަދަ ނުބައި އަމަލުތައް ކުރުން ހުއްޓައިލުމެވެ. ފުރިހަމަ ތައުބާއަކުން ތައުބާވެގެންހުރެ ރޯދަހިފަން ފެށުމެވެ. ކުރާ އަޅުކަމުގެ ފުރިހަމަ ޘަވާބު ލިބޭނީ ތަޤްވާވެރިވީވަރަކުންނެވެ.
ވީމާ މިކުރު ނަޞޭޙަތްކޮޅަށް ވިސްނައި ޢަމަލުކުރާނެ ކަަމސް އުންމީދުކުރަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން