ރޯދަ ކައިރީވަރުން މިހާރު ދެން މިއޮތީ ރޯދަމަސް ހަމަ ފެށުމުގެ އެންމެ ފަހުހުވަގުތުގައެވެ. ޢާންމުކޮށް ސުންނަތް ރޯދަ ނުހިފާ މީޙުންނަށް ހޯމަ ބުރާސްފަތީގައި ރޯދަހިފުން މިވަނީ ހުއްޓާލަން ޖެހިފައެވެ. ވީމާ ރޯދަ ހިފުމަށްޓަކައި އެއްބައަކު ތިބީ "ގްރީން ޒޯން" ގައެވެ. އަނެއްބައަކު ތިބީ "ރެޑް ޒޯން"ގައެވެ.
މިހާރުވެސް ޢީދުހެދުން ފަހަންދިން މީހުންނާ ހެދުންގަތް މީހުންނާ ފޮތިގަތް މީހުން މަދެއް ނޫނެވެ! އަހަރެންގެ ސުވާލަކީ ކޮބާ ހުރިހާކުދިން ރޯދައަށް ކުރަންޖެހޭ ފުރަތަމަ ކަންތައް ކަމުގައިވާ، ތިބާގެ ހިތް ސާފްކޮށް، ރީޗާޖްކޮށް އަލުން ދިއްލާލައިފިންހެއްޔެވެ؟
ރޯދައަށްފަހު ޢީދު އަންނާނެއެވެ. ޢީދަށް ކުލަކުލައިން ބޮކިތައް ދިއްލަމުއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ކަމަކީ ކިތަންމެ ވަރަކަށް، ކިތަންމެ ގިނައިން އީދުގައި ކުލަ ބޮކި ދިއްލި ނަމަވެސް ހަޤީޤީ އަލިކަން ލިބޭނީ ރޯދައަށް ދިއްލި ހިތްތަކަށް އެކަނި ކަމެވެ.
ކުލަ ބޮކިތައް ދިއްލަނީ ޢީދަށެވެ. ނުވަތަ ޢީދުގައެވެ. އެބޮކިތައް ދިއްލުމުން ކުލަކުލައިގެ ރީތި އަލިތައް ފެންނާނެއެވެ. ނަމަވެސް ތިބާ ހިތް ރޯދައަށް ދިއްލައި އަލި ނުކުރިނަމަ އީދުގައި ދިއްލާ ކުލަ ބޮކިތަކުގެ އަލިން ތިބާއަށް އޮތީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟
ރޯދައަށް ވެސް ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ ހިތްތައް ސާފުކުރުމެވެ. ހިތްހެޔޮކުރުމެވެ. އެހެން މީހެއްގެ ހިތުގައި ޖެހޭފަދަ އެއްވެސް ކަމެއް ކުރެވިފައިވާނަމަ އަވަހަށް މަޢާފަށް އެދޭށެވެ. މީހެއްގެ ހިތުގައި ޖެއްސިފައިވާނަމަ އެމީހާގެ ހިތުގައި ފިރުމައިލާށެވެ. އެހެން މީހުންގެ ހިތްތަށް ތިބާއަށްޓަކައި ސާފުކުރުވާށެވެ.
ހަމައެއާއިއެކު ތިބާގެ ހިތްވެސް ސާފުކުރާށެވެ. އެއްވެސް މީހަކާއިމެދު ހިތް ބުރަކަމެއް ނުބާއްވާށެވެ! ހިތުގައި ހުރި އުދާސްތައް ނެރެ ބޭރުކޮށްލާށެވެ! ހިތް އެކުގައި ލުއިކޮށްލާށެވެ!
އެކަމުގެ ބޭނުމަކީ ރަމަޟާން މަހު ރޯދައަށް ހުރެ ބޭކާރު ވިސްނުންތައް ވިސްނަން ނުޖެހުމެވެ. މާތްﷲ އާއިމެދު ވިސްނާނެ ވަގުތު އިތުރުކުރުމެވެ. މީހަކު ބަހެއް ބުނެފައި އޮތްނަމަ އެކަމުން ވާނީ ކީއްހެއްޔެވެ؟ ކަމެއް އޮތް ނަމަވެސް ވާނީ ކީއްހެއްޔެވެ؟ މީހަކަށް ތިބާއަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟
ތިބާ އާއި އެކުގައި މާތް ﷲ ވޮޑިގެންވާނަމަ އެނިމުނީ ނޫންހެއްޔެވެ؟ އެހެންކަމަށްވާއިރު އެހެން މީހުން ކުރާ ކަންކަމާއި ބެހުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހެން މީހުން ކުރާ ކަންކަމާއިމެދު ވިސްނުމުގެ ވެސް ބޭނުމެއް ވެސް ނެތެއް ނޫން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން