މަރުވެފައިވާ އެއްވެސް މީހަކަށް ދުނިޔެއަށް އާދެވޭނެ އެއްވެސް ގޮތެއް އޮންނާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
މަރުވެފައިވާ އެއްވެސް މީހަކަށް ދުނިޔެއަށް އާދެވޭނެ އެއްވެސް ގޮތެއް އޮންނާނެތަ؟

ސިހުރުވެރިއަކު އެއް ދުވަހަކު ޒުވާނެއްގެ ގާތުގައި ބުންޏެވެ. ކަލޭ ބޭނުންނަމަ ކަލޭގެ މަރުވެފައިވާ ކާފަގެ އަޑު ކަލެއަށް އިއްވައިދީފާނަމެވެ. އަޑުއަހަން ބޭނުން ހެއްޔެވެ؟ ޖަވާބުގައި ކާފަގެ އަޑުއަހަން ބޭނުން ކަމަށް ބުނުމުން އޭނާއަށް އޭނާގެ ކާފަގެ އަޑު އިއްވިއެވެ. ނަމަވެސް ﷲ ތަޢާލާ ގަންދީ ހުވާކޮށްފައި ބުނަމެވެ. އެއީ އެއްވެސް ޙާލެއްގައި އޭނާގެ ކާފަގެ އަޑެއް ނޫނެވެ. އެއީ ޖިންނިއެއްގެ އަޑެވެ.

ބައެއް މީހުން އެބަ ބުނެއެވެ. މަރުވެފައިވާ މަންމަ ނުވަތަ ބައްޕަ ނުވަތަ އެނޫންވެސް މީހަކު ކޮންމެ އަހަރަކު ނުވަތަ އެމީހަކު އަންނަން ބޭނުންވުމުން އައިސް މިވެނި ކަންތައްތަކެއް އެބަ ކޮށްދެއެވެ. ނުވަތަ ކުރެއެވެ. މިފަދަ އެއްވެސް ވާހަކައެއް އެއްވެސް ވަރަކަށް ޤަބޫލުނުކުރާށެވެ. ހަމަ ޔަޤީންކަމާއިއެކު ބުނަމެވެ. އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. އެފަދަ އެއްވެސް ކަމެއް ޤަބޫލުކުރެވިއްޖެނަމަ އެކަމުން އެނގެނީ އޭނާގެ އީމާންކަން ފުރިހަމަނުވާ ކަމެވެ. އެހެނީ ކޮންމެ މީހަކުވެސް މަރުވުމުން އެމީހެއްގެ ފުރާނަ އާޚިރަތް ދުވަހާއި ހަމައަށް ވަނީ ބަރުޒަޚުގެ ޢާލަމުގައެވެ. ބަރުޒަޚުގެ ޢާލަމުން ނުކުމެގެން އަލުން ދުނިޔެއަށް އައިސް އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު އެއްވެސް މީހެއްގެ ފުރާނައަކަށް ނުލިބޭނެއެވެ.

ވަރަށް ތަޤްވާވެރި އަންހެނަކު ބުނެފައިވެއެވެ. ފާފައެއް ކުރަން އޭނާގެ ހިތަށް ޝައުޤުވެރިކަން އަންނައިރަށް މަންމަ ހުވަފެނުން ފެނެއެވެ. ފެންނަނީ ހިތްހަމަ ނުޖެހި ރުޅި އައިސްފައި ހުއްޓައެވެ. އަދި ތަޤްވާވެރިކަން އިތުރު ކުރާނަމަވެސް މަންމަ ހުވަފެނުން ފެނެއެވެ. ފެންނާނީ އުފަލުން ހެވިފައި ހުއްޓައެވެ. ﷲ ތަޢާލާ އިރާދަ ކުރައްވަވައިފި އަޅަކަށް މިފަދަ ހުވަފެން ފެނުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް އެއިގެ މާނައަކީ އެއްވެސް ޙާލެއްގައި މަންމައަށް ދުނިޔެއަށް އައުދެވުމެއް ނޫނެވެ. އެކަމެއް ނުވާނެއެވެ. އެއީ ޔަޤިން ކަމެކެވެ.

ދެން ތިއަ ސުވާލުކުރަނީ އެމީހަކަށް ކައްވަޅުގެ ޢަޛާބު ލިބެމުންދާނީ ހަށިގަނޑާއިއެކުގައި ހެއްޔެވެ؟ އެއީ އެއްވެސް މީހަކަށް ޖަވާބު ދެވޭނެ ސުވާލެއް ނޫނެވެ. އެހެނީ އެކަން ހިނގާނެ ގޮތް އެނގެން ނެތުމުންނެވެ. އެނގެން އޮތް ވަރަކީ ކައްވަޅުގައި ޢަޛާބު ލިބެންޖެހޭ މީހުންނަށް ލިބޭނެ ކަމެވެ. އެކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ. މިބާވަތުގެ ކަންކަމުގައި ކީރިތި ޤްރްއާނާނާއި ޙަދީޘްފުޅުތަކުން ކަޑައެޅިގެން އެގެން ނެތް ފަތުވާއެއް އެއްވެސް މީހަކު ދީގެން ނުވާނެވެ.

މަރުވުމުން މަސްގަނޑު ވަޅުލަމުއެވެ. އެމަސްގަނޑު ކުނިވެ ހަލާކުވެގެންދެއެވެ. އެހެން ނަމަވެސް ކައްވަޅުގައި ޢަޛާބު ލިބެން ޖެހޭ މީހުންނަށް ދާނީ ހަމަ ޢަޛާބް ލިބެމުންނެވެ. ކުރިން ބުނިފަދައިން އެކަން ﷲ ތަޢާލާ މެދުވެރިކުރައްވަވަނީ ކޮން ގޮތަކަށް ކޮން ސިފައެއްގައިކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

މިސާލަކަށް އެކި ސަބަބުތައް މެދުވެރިވެ މަސްގަނޑު ވަޅު ނުލެވޭ މީހުންވެސް ބައިވަރެވެ. އެފަދަ މީހުންނަށްވެސް ކައްވަޅުގެ ޢަޛާބު ލިބެން ޖެހޭނަމަ ދެއްވަވާނެއެވެ. ކައްވަޅުގެ ޢަޛާބު ލިބުމަށް މަސްގަނޑު މުހިންމު ނޫންކަން ކުރިން މިބުނި ވާހަކައިންވެސް އެނގިގެންދެއެވެ. ވީމާ އެންމެ މުހިންމީ ކައްވަޅުގެ ޢަޛާބުން ސަލާމަތް ވެވޭނެ ގޮތަށް އަދި ޤިޔާމަތް ދުވަހުގެ ޢަޛާބުން ސަލާމަތްވެވޭނެ ގޮތަށް ދުނިޔޭގައި އުޅުމެވެ.

ކައްވަޅުގެ ޢަޛާބާއިމެދު ޝައްކުކުރުމެއް ނެތެވެ! އެހެނީ ކައްވަޅުގައި ޢަޛާބު ލިބެމުންދަނިކޮށް ވަނީ ރަސޫލް (ﷺ) އަށް ދައްކަވައިދެއްވަވައިފައެވެ. އެއީ ޙަދީޘްތަކުން ސާބިތުވާ ކަމެކެވެ.

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން