ތަޤްވާވެރި ބައިވެރިޔާއާ ހެޔޮލަފާ އެކުވެރިންނާ އެމީހަކާ ދުރުކުރުވަން ޝައިޠޯނާއަށް ކުރެވުނުހާ މަސައްކަތެއް ކުރާނެ! ވަރަށް ބޮޑަށް ސަމާލުވެ ހުންނާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ތަޤްވާވެރި ބައިވެރިޔާއާ ހެޔޮލަފާ އެކުވެރިންނާ އެމީހަކާ ދުރުކުރުވަން ޝައިޠޯނާއަށް ކުރެވުނުހާ މަސައްކަތެއް ކުރާނެ! ވަރަށް ބޮޑަށް ސަމާލުވެ ހުންނާތި!

ޚިޔާލު ތަފާތުވި ނަމަވެސް ހެޔޮލަފާ މީހުންނާއި ދުރުނުވާށެވެ! ރުޅި ނުވާށެވެ! ރަނގަޅު ހެޔޮލަފާ މީހުންނާއި ރުޅިކުރުވަނީ ޝައިޠާނާއެވެ. ޝައިޠާނާގެ މަސައްކަތަށް އިޖާބަދީ ރަނގަޅު ހެޔޮލަފާ މީހަކާއި ރުޅިވާއިރަށް މާ ހެޔޮއެދޭ މިތުރެއްގެ ގޮތުގައި ޝައިޠާނަކު ދައްކާނެއެވެ. އެހިސާބުން ތިމާގެ ހުރިހާ ކަމެއް ދާނީ ގޯހުން ގޯހަށެވެ.

ހަޔާތުގެ ބައިވެރިޔާއަކީވެސް ހެޔޮލަފާ މީހަކު ކަމުގައިވަނީ ނަމަ ޚިޔާލު ތަފާތު ނަމަވެސް އެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! އެމީހަކީ ތަޤްވާވެރއެއް ނަމަ އެމީހާގެ ސަބަބުން ތިބާގެ ޢާޚިރަތަށް ލިބޭނެ ގެއްލުމެއް ނުއޮންނާނެއެވެ. ކުރާނީ ފައިދާއެވެ. ހަޤީޤަތުގައި އެންމެ ކާމިޔާބު މީހުންނަކީ ޚިޔާލު ތަފާތު މީހުންނާއިއެކު އުޅުމުގެ ކުޅަދާނަކަން ލިބިގެންވާ މީހުންނެވެ.

ނަމަވެސް ޚިޔާލުތަފާތުވުން މައްސަލައަކަށްހަދައި ވަކިވެ ޝައިޠާނަކާއި ގުޅެވިއްޖެނަމަ ތިބާގެ އާޚިރަތް ގެއްލިގެން ދިއައީއެވެ. އެހިސާބުން ހުރިހާ ކަމެއް ގެއްލިގެން ދިއައީއެވެ. ދާދި އަވަހަށް ތިބާއަކީ ހިލަ ހިތެއް ލިބިފައިވާ މީހަކަށް ބަދަލުވެދާނެއެވެ. އެއީ ވަރަށް ބިރުހުރި ކަމެކެވެ.

ﷲ ތައާލާގެ ކުޅަދުންވަންތަކަމާ ދީލަތިވަންތަކަމުގެ ހެކިތައް ކިތަންމެ ގިނައިން ފެނުނު ނަމަވެސް އެކަމުން އެއްވެސް އަސަރެއް ނުކުރާ މީހުން ވަރަށް ގިނަވެގެން މިއުޅޭ ސަބަބަކީ އެމީހުންނަށް ކުރެވޭ ނުބައި އަމަލުތަކުގެ ސަބަބުން ހިތް ހަރުވެ ހިލަވެފައިވުމެވެ.

ކިތަންމެ ތޫނު ވަޅިއެއް ހަރަން އުޅުނު ނަމަވެސް ހިލަގަނޑަކަށް ނުހެރޭނެއެވެ. ހަމަ އެފަދައިން ހިތް ހިލަވުމުން ހަމަ އެ މައްސަލަތައް ކުރިމަތިވާނެއެވެ. ބަނގީގެ އަޑެއް ނުއިވޭނެއެވެ. ކީރިތި ޤްރްއާނުގެ އަޑެއް ނުއިވޭނެއެވެ. ދީނީ ދަރުސްތަކުގެ އަޑެއްވެސް ނުއިވޭނެއެވެ. އަޑެއް ނުއިވޭނެ ކަމަށް މިބުނަނީ އެއިން އެއްވެސް ކަމަކުން އެމީހަކަށް އެއްވެސް އަސަރެއް ނުކުރާނެވާހަކައެވެ.

ޙަޤީޤަތުގައި މިއީ އިންސާނަކަށް ކުރިމަތިވާނެ އެންމެ ނުރައކައުތެރި ޙާލަތެވެ. މިޙާލަތަށް ކޮންމެ މީހަކުވެސް ވއްޓިގަންނަނީ ހަމަ އެމީހަކު އަމިއްލައަށެވެ. ކޮންމެ މީހަކުވެސް ބާލިޣްވެ ދުނިޔެތެރެއަށް ނުކުންނައިރު އެމީހެއްގެ ހިތަކީ ޠާހިރު އެއްޗެކެވެ. ހިތް ނަޖިސްވެ ކުނިވެ އަދި ހިގަނޑަކަށް ބަދަލުބވެގެންދަނީ އެމީހަކު އަމިއްލައަށް ކުރާ ކަންތައްތަކުގެ ސަބަބުންނެވެ.

ތިމާއަށް މިހާލު ޖެހެން ބޭނުންނުވާނަމަ ފުރަތަމަ ކަމެއްގެ ގޮތުންވެސް އިސްކަންދޭން ޖެހޭ ކަމަކީ ގިނަގިނައިން ތައުބާވުމެވެ. ކުށެއް ނުވަތަ ފާފައެއް ކުރެވުނު ނަމަވެސް އެކަމަކަށް ހިތާމަކުރުމެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރުމެވެ. އެކަންކަން ނުކޮށް ހުންނަނަމަ ހިތަށް ދާނީ މި ބުނި ފަދައިން ބަދަލުތައް އަންނަމުންނެވެ. ބަދަލުތައް އަންނަވަރަކަށް ހިތް ހިލަވަމުން ގޮސް ކުރިން މިބުނިހިސާބަށް ދާނެއެވެ. އެހިސާބުން ޙާލަތު ބަދަލުކުރުން ގިނަ ފަހަރަށް އޮންނަނީ ފަސޫހަ ކަމކަށް ނުވެފައެވެ.

ޚިޔާލު ކިތަންމެ ތަފާތު ނަމަވެސް ހެޔޮލަފާ ތަޤްވާވެރިއަކާއިއެކު ދުނިޔޭގައި އުޅޭނަމަ ތިބާއަށް ރަނގަޅު މަގު ދައްކައިދޭނެއެވެ. ހަމައެކަނި ޙަޔާތުގެ ބައިވެރިއަކަށްވެސް ނޫނެވެ. އެކުވެރިންގެ ގޮތުގައި ގެންގޫޅޭ މީހުންނާއިމެދު ހަމަ މި ވިސްނުމުން ވިސްނަންވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން