ޤުރްއާނުގައިވާ ކަނބަލުންގެ ވާހަކަތަކުން ޙައްވާގެފާނު: އާދަމްގެފާނަށްވުރެ އެތައް ދަރަޖައެއް ލޯބިފުޅުވެ ހުންނަވައިވެސް ވިދާޅުވީ ލޯބިފުޅުނުވާކަމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 41ސ
ޤުރްއާނުގައިވާ ކަނބަލުންގެ ވާހަކަތަކުން ޙައްވާގެފާނު: އާދަމްގެފާނަށްވުރެ އެތައް ދަރަޖައެއް ލޯބިފުޅުވެ ހުންނަވައިވެސް ވިދާޅުވީ ލޯބިފުޅުނުވާކަމަށް!

ޙައްވާގެފާނު

حَوَّاءُ ގެފާނަކީ، އިންސާނުންގެ ބަފައިކަލުން ކަމުގައި ހިމެނިވަޑައިގެންވި آدَمُ عَلَيْهِ السَّلَامُ ގެ ލޮބުވެތި އަނބިކަނބަލުންނެވެ. އެންމެހައި އިންސާނުންގެ ބަފައިކަލުން ކަމުގައި އާދަމުގެފާނު ހިމެނިވަޑައިގެންނެވި ފަދައިން، حَوَّاءُ ގެފާނު ހިމެނިވަޑައިގެންނެވީ އެންމެހައި އިންސާނުންގެ އެންމެ ފުރަތަމަ މައިކަނބަލުންގެ ގޮތުގައެވެ. އާދަމްގެފާނަކީ އެންމެ ފުރަތަމަ މުސްލިމަށްވީފަދައިން، حَوَّاءُ ގެފާނު ވެވަޑައިގެންނެވީ އެންމެ ފުރަތަމަ މުސްލިމާކަމުގައެވެ. 

آدَمُ عَلَيْهِ السَّلَامُ އަކީ، މިދުނިޔެއަށް އެންމެ ފުރަތަމަ ޚަލްޤުކުރެއްވި އިންސާނާއެވެ. ހަމައެހެންމެ އެކަލޭގެފާނަކީ އެންމެ ފުރަތަމަ މިބިންމައްޗަށް ފޮނުއްވުނު ނަބިއްޔާވެސް މެއެވެ. މި ދުނިޔެ މައްޗަށް ފޮނުއްވުނު އެންމެ ފުރަތަމަ ނަބިއްޔާގެ އަނބިކަނބަލަކަށް ވެވަޑައިގެންނެވުމުގެ ޝަރަފު حَوَّاءُ ގެފާނަށް ލިބިވަޑައިގެންނެވިއެވެ.

آدَمُ عَلَيْهِ السَّلَامُ ޚަލްޤުކުރެއްވުމަށްފަހު، އަރަހުށި މާތްﷲ އެކަލޭގެފާނު ވަޒަންވެރި ކުރެއްވީ ސުވަރުގޭގައެވެ. އެކަލޭގެފާނު ސުވަރުގޭގައި ދުވަސްކޮޅަކު ވޭތު ކުރެއްވިފަހުން، އެކަލޭގެފާނަށްޓަކައި، حَوَّاءُ ގެފާނު ޚަލްޤުކުރެއްވިއެވެ. އެކަމަށް އިޝާރާތްކުރައްވައި ނިސާ ސޫރަތުގެ 1 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވާފައިވެއެވެ. 

يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّـهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّـهَ كَانَ عَلَيْكُمْ رَقِيبًا ﴿١ 

މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އެކަލާނގެއީ، އެންމެ نفس އަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ نفس ގެ ކިބައިން އޭގެ އަނެއް جنس ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އެކަލާނގެއީ، އެކަލާނގެ މެދުވެރިކޮށް ތިޔަބައިމީހުން އެކަކު އަނެކަކާ سؤال ކޮށް، ކަންކަމަށް އެދިއުޅޭ ރަސްކަލާނގެއެވެ. އަދި، ތިމާގެކަމުގެ ގުޅުންތަކަށް ތިޔަބައިމީހުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކަންތައް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައި، اللَّه ވޮޑިގެންވެއެވެ." 

الإمام القرطبي އޭނާ ލިޔުއްވި ތަފްސީރު ކަމުގައިވާ الجامع لأحكام القرآن ގައި ބަޔާން ކުރައްވައިފައިވެއެވެ.  آدَمُ عَلَيْهِ السَّلَامُ ގެ އަނބިކަނބަލުންނަކީ ޙައްވާގެފާނެވެ.  މިނަމުން އެންމެ ފުރަތަމަ ނަންދެވުނީވެސް حَوَّاءُ ގެފާނަށެވެ. އެކަމަނާއަށް އެނަންދެވުނީ އާދަމުގެފާނަށް އެއްވެސް ތަދެއް ނުވަތަ ވޭނެއް އިހްސާސްވެވަޑައިގެންނެވުމަކާ ނުލައި އެކަލޭގެފާނުގެ އަރިކަށީގެ ކަށިކޮޅަކުން އެކަމަނާ ހެއްދެވުމުގެ ސަބަބުންނެވެ. حَوَّاءُ ގެފާނު ހެއްދެވުނު އިރު އާދަމުގެފާނަށް ތަދު އިހްސާސްވެވަޑައިގެންނެވިނަމަ، އެއްވެސް ފިރިހެނަކު އަންހެނަކަށް އޯގާތެރި ނުވީހެވެ. 

حَوَّاءُ ގެފާނު ހެއްދެވުމަށްފަހު މަލާއިކަތްބޭކަލުން آدم عليه السّلام އަށް ދެންނެވިއެވެ. [ކަލޭގެފާނު އެކަމަނާ ދެކެ ލޯބިފުޅުވެވަޑައިގަންނަވަންތޯއެވެ؟] އާދަމްގެފާނު ވިދާޅުވިއެވެ. [އާދެހެވެ. ލޯބިފުޅުވަމެވެ.] ދެން މަލާއިކަތްބޭކަލުން ޙައްވާގެފާނުގެ އަރިހަށް ވަޑައިގެން އެކަމަނާއަށް ސުވާލު ދެންނެވިއެވެ. [ކަމަނާ آدم عليه السّلام ދެކެ ލޯބިފުޅުވަންތޯއެވެ؟] އެކަމަނާ ޖަވާބުދެއްވިއެވެ. [ނޫނެކެވެ.] ނަމަވެސް آدم عليه السّلام، حَوَّاءُ ގެފާނުދެކެ ލޯބިފުޅުވެވަޑައިގަންނަވާ ވަރަށް ވުރެ އެތައް ދަރަޖައެއް ބޮޑަށް حَوَّاءُ ގެފާނު އާދަމުގެފާނުދެކެ ލޯބިފުޅުވެވަޑައިގަންނަވައެވެ.

މަލާއިކަތްބޭކަލުން ވިދާޅުވެފައިވެއެވެ. [އަންހެނަކު އޭނާގެ ފިރިމީހާދެކެ ވާލޯބި ހާމަކުރުމުގަ ތެދުވެރިވާނެނަމަ حَوَّاءُ ގެފާނު ތެދު ވިދާޅުވީހެވެ.]

{ތަފްސީރުލް ޤުރްޠަބީ، ތަރުޖަމާ ޑރ.ޢާއިޝާ ބިވްލީ، ފުރަތަމަ ޖިލްދު، ޞަފްޙާ 182} 

އަދި ނުނިމޭ 

ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

 

މިއަދު އޮންލައިން