މިހާރަކަށް އައިސް އިސްލާމް ދީނަށް އަމަލުކުރުމުގެ ވާހަކަ ދައްކާއިރަށް އިސްލާމް ދީނަކީ މެދުމިނުގެ ދީންކަމަސް އެބަ ބުނެއެވެ. މެދުމިން އެމީހުން މާނަކުރަނީ ކޮންގޮތަކަށް ކަމެއް ނޭނގެއެވެ. އަޅުގަނޑުގެ ސުވާލަކީ އިސްލާމް ދީނުގައި މެދުމިނަކީ ކޮބައިތޯއެވެ؟
ކިޔުންތެރިޔާ ކުރައްވާފައިވާ ސުވާލުގެ ޖަވާބަކީ: މެދުމިނަކީ އިސްލާމް ދީނުގައި ޢަމަލުކުރަން އޮތް ގޮތެވެ! ހުއްދަ ކޮންމެ ކަމެއް ކުރުމަކީ މެދުމިނެވެ. ހުއްދަ ނޫން ކޮންމެ ކަމަކުން ދުރުހެލިވުމަކީ މެދުމިނެވެ. ﷲ ތަޢާލާ ބާވައިލެއްވެވި ޙުކުމްފުޅުތައް ތަންފީޒުކުރުމަކީ މެދުމިނެވެ. ތަންފީޒުނުކުރުމަކީ ހައްދުފަހަނައަޅައިދިއުމެވެ.
އެކަން ބަޔާންކުރައްވައި ޝައިޚް ޢަލީ ޒައިދު ވިދާޅުވެފައިވަނީ މިފަދައިންނެވެ.
"މެދުމިނުގެ މާނަ ނުބައިކޮށް ނުނަންގަވާށެވެ. މެދުމިނަކީ އިސްލާމް ދީނުގައި ކަންކަން އައިސްފައިވާ ގޮތެވެ. ދުވާލަކު 1 ނަމާދުކުރުމާއި، ބަނގުރާ ބުއިމާއި، ޑީޖޭއަށް ގޮސްލުން ފަދަ ކަންކަމަކީ މެދުމިނަކަށް ނުވާނެއެވެ. މީގެ އަނެއްކޮޅު ކަމުގައިވާ ފެންނަހައި މީހަކު ކާފަރުކޮށްފައި ގެއްލުން ދިނުމަކީވެސް މެދުމިނަކަށް ނުވާނެއެވެ. މި ހުރިހާ ކަންކަމަކީ މެދުމިނާ ޚިލާފް ބާޠިލް ކަންތައްތަކެވެ." --ޝައިޚް ޢަލީ ޒައިދު
ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި އިސްލާމް ދީނަކީ މެދުމިނުގެ ދީން ކަމަށް ބުނެވެނީ އެއްވެސް ކަމެއްގައި ހައްދުފަހަނައަޅައި ދިއުން ނެތީމައެވެ. އެގޮތުން މިސާލުދައްކަވަމުން ވިދާޅުވެފައިވަނީ ބައެއް ދީންތަކުގައި އަޅުވެރިކަން ދެއްކުމަށްޓަކައި ކައިވެނި ނުކޮށް ތިބެން އޮންނައިރު އިސްލާމް ދީނަކީ އެމީހެއްގެ ކިބައިގައި ކުޅަދާނަކަން ހުރި ނަމަ އެންމެންވެސް ކައިވެނިކޮށްގެން އުޅުމަށް ބާރުއަޅާ ދީން ކަމަށެވެ.
https://twitter.com/alizaid1000/status/1122417953327030272