ﷲ އަށް ޝުކުރުވެރިވާކަމަށް ބުނާއިރު ޝުކުރުވެރިވާން ތިމާ ކުރާކަމެއް ނިކަން ބުނެބަލަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
ﷲ އަށް ޝުކުރުވެރިވާކަމަށް ބުނާއިރު ޝުކުރުވެރިވާން ތިމާ ކުރާކަމެއް ނިކަން ބުނެބަލަ!: މުފްތީ މެންކް

މީހަކު ކަމެއް ކޮށްދީފިނަމަ ޝުކުރުވެރިވަމުއެވެ. ހެވިފައި ހުރެގެން 2،3 ފަހަރު ޝުކުރިއްޔާއެވެ. ބުނެފިނަމަ އެމީހަކު ހުންނާނީ އުފަލުންނެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން ހިނގަނީ މުޅިން ތަފާތު ގޮތަކަށެވެ. ފުރަތަމަ ކަމަކީ ޝުކުރިއްޔާއެވެ ކިތަންމެ ގިނައިން ބުނުމަކުން އަދި ނުފުދޭކަމެވެ. ޝުކުރުވެރިވާކަން އަމަލުން ދައްކަން ޖެހެއެވެ. އަމަލުން ދައްކަން ކުރަން ޖެހޭ ކަމަކީ ފަރުޟު 5 ނަމާދު ފުރިހަމައަށް ކުރަމުން ގެންދިއުމެވެ.

ހަމައެޢާއިއެކު މީހަކަށް ޝުކުރުވެރިވުމުން އެމީހަކު ވެސް ޝުކުރިއްޔާއެވެ. ބުނާ ހިސާބުން އެކަން އޮންނަނީ ނިމިފައެވެ. ނަމަވެސް ﷲ ތަޢާލާގެ ހަޟްރަތުގައި އެކަންވެސް ތަފާތެވެ. މީހަކު ﷲ ތަޢާލާއަށް ޝުކުރުވެރިވެއްޖެ ނަމަ އެމީހަކަށްޓަކައި އެތައް ގިނަ ނިޢްމަތްތަކެއް މިންވަރު ކުރައްވަވަތެވެ.

މިކަންކަން އެންމެންނަށް އެނގޭއިރުވެސް ބައެއް މީހުން ބުނާ ގޮތުން އެމީހުންނަށް ފަރުޟު 5 ނަމާދު ނުކުރެވެނީ، ޚާއްޞަކޮށް ޖަމާއަތަށް ނަމާދަށް ނުދެވެނީ ހަމަ "ބިޒީ" ކަމުންނެވެ. އެފަދައިން ބުނާ ކޮންމެ މީހަކާއިވެސް ކުރަން އޮތް ސުވާލަކީ އެހައި "ބިޒީވެގެން" ތެޅި ފޮޅޭތީ ކުރަން އުޅޭ ހުރިހާ ކަމެއް ކުރެވިއްޖެ ހެއްޔެވެ؟

ދުނިޔެއިން ޙާޞިލުކުރަން ބޭނުންވެގެން ތިއަ އުޅޭ ހުރިހާ އުފާތަކެއް ޙާޞިލުކުރެވިއްޖެ ހެއްޔެވެ؟ ޖަވާބުގައި އާނއެކެވެ ބުނެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ ހަމަ އެކަކުވެސް އެބަހުރި ހެއްޔެވެ؟ ނެތް ކަމާއި ނުހުންނާނެކަން ކަށްވަރެވެ. އެއީ ދުނިޔެ ޙާޞިލުކުރަން ބޭނުންވެގެން އުޅޭ އެއްވެސް މީހެއްގެ ހިތް ނުފުރޭނެތީއެވެ.

މީސްތަކުންނޭވެ! މިސްކިތަށް އަރަމުން އަހަރެމެންގެ ފައިވާން ބާލައި ބޭރުގައި ބަހައްޓަމު ނޫން ހެއްޔެވެ؟ އެހިސާބުން ދުނިޔޭގެ ބޭނުންތައްވެސް ހިތާއި ވަކިކޮށް މިސްކިތުން ބޭރުގައި ބަހައްޓާށެވެ. ދުނިޔޭގެ ބޭނުންތައް ހިފައިގެން މިސްކިތަށް އަރާ މީހާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެއީ މިދުނިޔެވެސް އެދުނިޔެވެސް ނުލިބޭނެތީއެވެ. މާނައަކީ އެފަދަ މީހަކަށް ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ނަމާދު ނުކުރެވޭނެ ކަމެވެ.

ޝުކުރުވެރިވުމުގެ ވާހަކަ ދައްކާއިރު ނިކަން ބުނެބަލާށެވެ. ނަމާދުން ބޭރުގައި މިއަދު ކިތައް މީހުން ﷲ ތައާލާއަށް ޛިކްރު ކުރިންހެއްޔެވެ؟ ﷲ ތައާލާގެ މަތިން ގިނަގިނައިން ހަނދުމަކޮށް ޛިކްރް ނުކުރާ މީހަކު ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ ޛިކްރް ކުރުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. މިސާލަކަށް سُبْحَانَ اللَّهِ وبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ މިދެކަލިމައަށް ވިސްނައިލާށެވެ. ދޫމައްޗަށް ކިހައި ފަސޭހަ ހެއްޔެވެ؟ ނަމަވެސް މިއީ މީޒާނުގައި އިންތިހާއަށް ބުރަ ދެ ކަލިކަމަށް ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

ކުއްޖާ ދުނިޔެއަށް އުފަންވުމާއިއެކު ކަންތައްތަކަށް ބޭނުންވާން ފަށައެވެ. ފުރަތަމަ ކޮޅު ހަމައެކަނި ބަނޑު ފުރިފައި ނިދައިލެވުމުން ފުދެއެވެ. ނަމަވެސް ބޮޑުވާވަރަކަށް ބޭނުންތައް ބޮޑެތިވެ ބޭނުންވާ ކަންތައްތައް އިތުރުވެއެވެ. މިއީ އިންސާނީ ޠަބީޢަތެވެ.

އެއްވެސް މީހަކު އެދޭ ހުރިހާ ކަމެއް މިދުނިޔޭގައި ފުއްދަވައި ދެއްވަވާނެ ކަމަށް ﷲ ތަޢާލާ ވައުދުވެވޮޑިގެންފައެއް ނުވެއެވެ. ނަމަވެސް ﷲ ތަޢާލާ އެންގެވި ގޮތުގައި ހަޔާތް ވޭތިކޮށް ސުވަރުގެ ހޯދައިފި މީހަކަށް ސުވަރުގެ ވަދެވުމުން އެމީހަކު އެދޭ ހުރިހާ ކަމެއް ޙާޞިލުވެގެންދާނެކަން ﷲ ތަޢާލާ ވަނީ ވަޢުދުވެ ވޮޑިގެންފައެވެ. މީސްތަކުންނަށް މިއަދު އޮޅިގެން މިއުޅެނީ އެކަމެވެ. ސުވަރުގެ ބޭނުން ކަމަށް ބުނަމުން އެމީހުން މަސައްކަތްކުރަނީ ދުނިޔެ ހޯދާށެވެ. "ބިޒީ"ވަނީ ސުވަރުގެ ހޯދުމަކަށް ނޫނެވެ. ދުނިޔެ ހޯދުމަށެވެ. ހީކުރެވިގެން އުޅެނީ އެދޭ ހުރިހާ އުފާތަކާއި ބޭނުންތައް ދުނިޔެއިން ހޯދޭނެ ކަމަށެވެ. ކިތަންމެ ވަރަކަށް ތެޅިފޮޅުނު ނަމަވެސް އެކަމެއް ނުވާނެއެވެ. އަބަދުވެސް ކޮންމެވެސް އެހެން މީހަކު ދާނީ ކުރިއަރަމުންނެވެ. އެމީހާ ފަހަތުން ދުވަމުން ގޮސް އަރައިހަމަކުރާތަނުން އެހެން މީހަކު މާކުރިއަށް އަރާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ.

ވީމާ ދުނިޔެ ފަހައި ދުވުން އަވަހަށް ހުއްޓައިލާށެވެ! އެއްވެސް އިތުރު މަސައްކަތެއް ކުރުމަކާއި ނުލައި ހިތަށް އަރުވައިލުމުން ހުރިހާ ނިޢްމަތްތަކެއް ލިބޭނެ ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުކުރާށެވެ. މި ފެށޭ ރަމަޟާން މަހަކީ އެކަމަށް އޮތް ރަނުގެ ފުރުޞަތެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން