ޙައްވާގެފާނު ވާހަކަ: އެކަށިގަނޑު ގަދަބާރުން ތެދުކުރަން އުޅެފިނަމަ ދާނީ ބިންދައިގެން- ގަދަބާރުން އިޞްލާޙްކުރުމަކީ ކުރެވޭނެ ކަމެއް ނޫން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 2ސ
ޙައްވާގެފާނު ވާހަކަ: އެކަށިގަނޑު ގަދަބާރުން ތެދުކުރަން އުޅެފިނަމަ ދާނީ ބިންދައިގެން- ގަދަބާރުން އިޞްލާޙްކުރުމަކީ ކުރެވޭނެ ކަމެއް ނޫން

حبرالأمّة عبد اللّـه بن عبّاس رضى اللّـه عنه އާއި ابن مسعود رضى اللّـه عنه ވިދާޅުވެފައި ވާކަމަށް އިމާމު ޤުރްޠަބީ ބަޔާން ކުރައްވައިފައިވެއެވެ.

آدم عليه السّلام ސުވަރުގޭގައި ވަޒަންވެރި ކުރެއްވެވުމުން އެކަލޭގެފާނަށް އެކަނިވެރިކަން އިހްސާސްވެވަޑައިގެންނެވިއެވެ. حَوَّاءُ ގެފާނު ހެއްދެވުނީ آدم عليه السّلام އަވަހާރަފުޅަށް އޮންނަވަނިކޮށް އެކަލޭގެފާނުގެ ވާއަތު އަރިކަށީގެ އެންމެ ކުރު ކަށިކޮޅުންނެވެ. އެއީ އެކަލޭގެފާނުގެ އެކަނިވެރިކަން ފިއްލެވުމަށާއި، އެކަމަނާގެ ފަރާތުން ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ. 

آدم عليه السّلام ހޭފުޅު ލެއްވުމަށްފަހު حَوَّاءُ ގެފާނު ފެނިވަޑައިގެން ސުވާލުކުރެއްވިއެވެ. [ތިޔައީ ކާކު ހެއްޔެވެ؟] އެކަމަނާ ޖަވާބު ދެއްވިއެވެ. [އަންހެނެކެވެ. އަޅުގަނޑު ހެއްދެވުނީ ކަލޭގެފާނުގެ އަރިކަށީގެ ކަށިކޮޅަކުންނެވެ. އެއީ އަޅުގަނޑުގެ ފަރާތުން ކަލޭގެފާނު ހިތްހަމަޖެހުމާއި ހަމަހިމޭންކަން ލިބިގަތުމަށެވެ.]

{ތަފްސީރުލް ޤުރްޠަބީ، ތަރުޖަމާ ޑރ.ޢާއިޝާ ބިވްލީ، ފުރަތަމަ ޖިލްދު، ޞަފްޙާ 182} 

حَوَّاءُ ގެފާނު ޚަލްޤުކުރައްވާފައިވަނީ آدم عليه السّلام ގެ އަރިކަށީގެ ކަށިކޮޅަކުންކަން މިދެންނެވި ދެ ތާރީޚީ ރިވާޔަތުގެ އިތުރަށް ޞައްޙަ ޙަދީޘުންވެސް ސާބިތުވެއެވެ. أبو هريرة رضى اللّـه عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

" اسْتَوْصُوا بِالنِّسَاءِ، فَإِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ، وَإِنَّ أَعْوَجَ شَىْءٍ فِي الضِّلَعِ أَعْلاَهُ، فَإِنْ ذَهَبْتَ تُقِيمُهُ كَسَرْتَهُ، وَإِنْ تَرَكْتَهُ لَمْ يَزَلْ أَعْوَجَ، فَاسْتَوْصُوا بِالنِّسَاءِ "{صحيح البخاري/ كتاب أحاديث الأنبياء/ بَابُ خَلْقِ آدَمَ صَلَوَاتُ اللَّهِ عَلَيْهِ وَذُرِّيَّتِهِ/ޙަދީޘް ނަންބަރު 3331} 

މާނައީ: "އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތް ކުރާހުށިކަމެވެ. ފަހެ ހަމަކަށަވަރުން އަންހެނުން ހެއްދެވުނީ އަރިކަށީގެ ކަށިގަނޑަކުންނެވެ. އަދި ހަމަކަށަވަރުން އަރިކަށީގެ ކަށިތަކުގެ ތެރެއިން އެންމެ ގުދުކަންބޮޑު ކަށިގަނޑަކީ އެންމެ މަތީ ކަށިގަނޑެވެ. ފަހެ ތިބާ ގަދަކަމުން އެކަށިގަނޑު ސީދާކުރުމަށް މަސައްކަތްކޮށްފިނަމަ ތިބާ އެކަށިގަނޑު ބިންދާލާނޫއެވެ. އަދި ތިބާ އެކަށިގަނޑު އޮތްގޮތަށް ދޫކޮށްލާނަމަ އަބަދުވެސް އޮންނާނީ ގުދުކަން މަތީގައެވެ. ފަހެ އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތް ކުރާހުށިކަމެވެ." 

އަދި ނުނިމޭ 

ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން