ޙައްވާގެފާނު ވާހަކަ: އިބިލީހުގެ ވަސްވާސްތަކަށް ހެއްލިވަޑައިގަތުމާ ބިމަށް ފޮނުއްވެވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 53ސ
ޙައްވާގެފާނު ވާހަކަ: އިބިލީހުގެ ވަސްވާސްތަކަށް ހެއްލިވަޑައިގަތުމާ ބިމަށް ފޮނުއްވެވުން

حَوَّاءُ ގެފާނު ހެއްދެވުމަށްފަހު، އާދަމުގެފާނާއި، حَوَّاءُ ގެފާނު ނުހަނު އުފާ ފާގަތިކަމުގައި ސުވަރުގޭގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. އޭގެ ދެކަނބަލުން ސުވަރުގެ އެންމެހައި ނިޢުމަތްތަކުން އުފާ ހާޞިލުކުރުމަށް މާތް އަމުރުފުޅު ދެއްވި ނަމަވެސް ވަކިގަހަކުން ފަރީއްނުކުޅުއްވުމަށް އަމުރު ކުރެއްވިއެވެ. އަދި އިބިލީހުގެ ނުބައި ރޭވުމާއި ވަސްވާހުން ސަލާމަތްވެ ތިއްބެވުމަށް އާދަމްގެފާނާއި، حَوَّاءُ ގެފާނަށް އަރަހުށި މާތް އެންގެވިއެވެ. އެކަމަށް އިޝާރާތް ކުރައްވައި އަލް އަޢުރާފު ސޫރަތުގެ 19 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވާފައިވެއެވެ.

وَيَا آدَمُ اسْكُنْ أَنتَ وَزَوْجُكَ الْجَنَّةَ فَكُلَا مِنْ حَيْثُ شِئْتُمَا وَلَا تَقْرَبَا هَـٰذِهِ الشَّجَرَةَ فَتَكُونَا مِنَ الظَّالِمِينَ ﴿١٩ 

މާނައީ: "އޭ آدم ގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި އުޅުއްވާށެވެ! ފަހެ، ތިޔަ ދެކަނބަލުން ބޭނުން އެއްޗަކުން ފަރިއްކުޅުއްވާށެވެ! (އެކަމަކު) ތިޔަ ދެކަނބަލުން، މިހިރަ ގަހާ ކައިރިވެވަޑައިނުގަންނަވާހުށިކަމެވެ! ފަހެ، (ކައިރިވެވަޑައިގެންފިނަމަ) އޭރުން ތިޔަ ދެކަނބަލުން ވާހުށީ، އަނިޔާވެރިންގެ ތެރެއިންނެވެ." 

ދެން، އިބިލީސް ހިންމަތާއި މިންނަތް ކުރަންފެށީ، އެދެބޭކަނބަލުންނަށް މާތް الله سبحانه وتعالى، ފަރީއްކުޅުއްވުން މަނާކުރެއްވި ގަހުން، އެދެބޭކަނބަލުން ފަރީކުޅުއްވާތޯ އެކި ގޮތްގޮތުން މަސައްކަތްކުރުމެވެ. އެކިއެކި ބަހަނާތައް ދައްކައިގެން އެދެބޭކަނބަލުން މަގުފުރައްދަވައިލުމަށެވެ. ނަތީޖާއެއްގެ ގޮތުން އެދެބޭކަނބަލުން އިބިލީހުގެ ވަސްވާހުގައި ޖެހިގެން އެގަހުން ފަރީއްކުޅުއްވިއެވެ. މިކަންތައް ހިނގައިދިޔަ ގޮތުގެ ތަފްސީލު ޤުރުއާނުގެ އަލް އަޢުރާފު ސޫރަތުގެ 20 ވަނަ އާޔަތުން ފެށިގެން 22 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ. 

فَوَسْوَسَ لَهُمَا الشَّيْطَانُ لِيُبْدِيَ لَهُمَا مَا وُورِيَ عَنْهُمَا مِن سَوْآتِهِمَا وَقَالَ مَا نَهَاكُمَا رَبُّكُمَا عَنْ هَـٰذِهِ الشَّجَرَةِ إِلَّا أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ ﴿٢٠﴾ وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ ﴿٢١﴾فَدَلَّاهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْآتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ ۖ وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَن تِلْكُمَا الشَّجَرَةِ وَأَقُل لَّكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُّبِينٌ ﴿٢٢

މާނައީ: "ދެންފަހެ، އެ ދެކަނބަލުންގެ عورة އިން އެ ދެކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށްޓަކައި، އެ ދެކަނބަލުންނަށް شيطان އާ ވަސްވާސްދިނެވެ. އަދި އެކަލޭގެ ދެންނެވިއެވެ. ތިޔަ ދެކަނބަލުން ދެ ملائكة ން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން منع އެއް ނުކުރައްވަތެވެ.އަދި އެކަލޭގެ ހުވާކޮށް، އެ ދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންނާވަނީ، ތިޔަ ދެކަނބަލުންނަށް ހެޔޮ نصيحة ދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ.މަކަރުވެރިކަމުން އެކަލޭގެ އެ ދެކަނބަލުން ހަލާކުގެ ތެރެޔަށް ވައްޓާލިއެވެ. ދެންފަހެ، އެ ދެކަނބަލުން، އެ ގަހުން ރަހަބެއްލެވިހިނދު، އެ ދެކަނބަލުންގެ عورة އެ ދެކަނބަލުންނަށް ފާޅުވެއްޖެއެވެ. އަދި އެ ދެކަނބަލުން ސުވަރުގޭގެ (ގަހުގެ) ފަތްތަކުން (عورة) ނިވާކުރެއްވުމަށް އަވަސްވެވަޑައިގަތެވެ. އަދި އެ ދެކަނބަލުންގެ ވެރިރަސްކަލާނގެ، އެ ދެކަނބަލުންނަށް ނިދާ އިއްވެވިއެވެ. އެގަހާ ކައިރިވެވަޑައިގަތުން ތިމަންރަސްކަލާނގެ ތިޔަ ދެކަނބަލުންނަށް ނަހީ ނުކުރައްވަން ހެއްޔެވެ؟ އަދި ހަމަކަށަވަރުން، شيطان އާއީ، ތިޔަ ދެކަނބަލުންނަށް بيان ވެގެންހުރި عداوة ތެރިއެއް ކަމަށް وحى ނުކުރައްވަން ހެއްޔެވެ؟" 

آدم عليه السّلام އާއި ޙައްވާގެފާނަށް އެބޭކަނބަލުންނަށް ކުރެއްވުނު ކުށުގެ ބޮޑުކަން އެނގިވަޑައިގެން ތަޢުބާވެވަޑައިގެންނެވިއެވެ. ދެން، މާތް الله سبحانه وتعالى، އެދެބޭކަނބަލުންނަށް ތަޢުބާލައްވައި ދުނިޔޭގެ ބިމަށްބޭލުއްވިއެވެ. މިކަމަށް އިޝާރާތްކުރައްވައި އަލް އަޢުރާފު ސޫރަތުގެ 23 ވަނަ އާޔަތާއި 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ ﴿٢٣﴾ قَالَ اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ ﴿٢٤ 

މާނައީ: "އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرار ވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ." 

ޞައްޙަ ޙަދީޘުން ސާބިތުވާ ގޮތުގައި آدم عليه السّلام އާއި ޙައްވާގެފާނު ސުވަރުގެއިން ބޭރުކުރައްވައި ދުނިޔޭގެ ބިމަށް ފޮނުއްވީ ހުކުރު ދުވަހެއްގައެވެ. أبو هريرة رضى اللّـه عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ.

" خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُخْرِجَ مِنْهَا "{صحيح مسلم/ كتاب الجمعة/ باب فَضْلِ يَوْمِ الْجُمُعَةِ/ ޙަދީޘް ނަންބަރު 854}

މާނައީ: "އެދުވަހެއްގައި އިރުއެރި އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެދުވަހު އާދަމުގެފާނު ޚަލްޤުކުރެވުނެވެ. އަދި އެދުވަހު އެކަލޭގެފާނު ސުވަރުގެ ވެއްދުނެވެ. އަދި އެދުވަހު އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނެވެ." 

آدم عليه السّلام ޙައްވާގެފާނުގެ ޙަޔާތްޕުޅުގައި ހިނގައިދިޔަ ފާހަގަކޮށްލެވޭކަމަކީ، އެކަލޭގެފާނުގެ ދެ ދަރިކަލުންގެ ދެމެދުގައި ހިނގައި ދިޔަ ފިތުނަވެރިކަމެވެ. އެކަމުގެ ތެރޭގައި އެތަނުން އެއްބޭފުޅަކު އަނެއް ބޭފުޅަކު ޤަތުލުކުރެއްވުމެވެ. މިވާހަކައިގެ އަޅުގަނޑުވަނީ آدم عليه السّلام ގެ ސީރަތުގައި ބަޔާންކޮށްފައެވެ.

ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި، ޙައްވާގެފާނުގެ މަޤުބަރާ ކަމަށް ބުނާތަނެއްވާ ކަމަށް ތިޛްކާރެ ޞާލިޙާތު މި ފޮތުގައި ޠާލިބުލް ޙާޝިމީ ލިޔުއްވައިފައިވެއެވެ.

އަރަހުށި މާތްﷲ، ޙައްވާގެފާނަށް ސަލާމްލައްވާށިއެވެ!

ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

 

 

 

މިއަދު އޮންލައިން