ޤުރްއާނުގައިވާ ކަނބަލުންގެ ވާހަކަތަކުން ސާރާގެފާނު-: ދުނިޔޭގަ ހުންނެވިއިރުވެސް މަލާއިކަތުން އުފާވެރި ޚަބަރުތައްގެނެސް ދެއްވެވި!

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 10ސ
ޤުރްއާނުގައިވާ ކަނބަލުންގެ ވާހަކަތަކުން ސާރާގެފާނު-: ދުނިޔޭގަ ހުންނެވިއިރުވެސް މަލާއިކަތުން އުފާވެރި ޚަބަރުތައްގެނެސް ދެއްވެވި!

ސާރާގެފާނު

ސާރާގެފާނަކީ، ނަބީބޭކަލުންގެ ބަފައިކަލުން ކަމުގައި ހިމެނިވަޑައިގެންނެވި إبْراهِيمُ عَلَيْهِ السَّلامُ ގެ އަނބިކަނބަލުންނެވެ. މާތްﷲ ގެ ނަބިއްޔާ إِسْحَاقُ عَلَيْهِ السَّلامُ  ގެ މައިކަނބަލުންނެވެ. މާތްﷲ ގެ ނަބިއްޔާ ޔަޢުޤޫބުގެފާނުގެ މާމާފުޅެވެ. މާތްﷲ ގެ ނަބިއްޔާ يُوسُفُ عَلَيْهِ السَّلامُ ގެ މުނިމާމާފުޅެވެ. ސާރާގެފާނު ވެވަޑައިގެންނެވީ މާތްﷲ ގެ ޚަލީލު إبْراهِيمُ عَلَيْهِ السَّلامُ ގެ ގެންނެވި އިސްލާމީ ހިދާޔަތަށް އެންމެ ފުރަތަމަ އީމާންވެވަޑައިގެންނެވި ބޭކައުކަނބަލުންގެ ތެރެއިންނެވެ.

ސާރާގެފާނުގެ ވާހަކަ ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 71 ވަނަ އާޔަތުން ފެށިގެން 73 ވަނަ އާޔަތުގެ ނިޔަލަށް އަރަހުށި މާތްﷲ ބަޔާން ކުރައްވައިފައިވެއެވެ. އެއީ އިބްރާހީމުގެފާނަށާއި އެކަމަނާއަށް އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރިކަމުގެ ޚަބަރު މަލާއިކަތްބޭކަލުން އެދެކަނބަލުންނަށް ދެއްވި ވާހަކަ ބަޔާންކުރެއްވި އާޔަތްތަކުގައެވެ.

ހިޖުރަކުރެއްވުން: 

إبراهيم عليه السّلام މާތްالله سبحانه وتعالى ގެ ދީނަށް ގޮވައިލެއްވުމުގައި ވަރަށް ދިގު މުއްދަތެއް ވަންދެން ބާބިލުގައި ހޭދަކުރެއްވިއެވެ. އެއަށްފަހު، އިލާހީ ޢަމުރުފުޅާ އެއްގޮތަށް، ބަރަކާތްލެއްވިގެންވާ ޝާމުކަރައިގެ ބިމަށް ހިޖުރައަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ މި ބަރަކާތްތެރި ހިޖުރައިގެ ދަތުރުފުޅުގައި، އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާއާއި، لوط عليه السّلام ބައިވެރިވެވަޑައިގަތެވެ. ކީރިތި ޤުރްއާނުގެ އަންކަބޫތު ސޫރަތުގެ 26 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

فَآمَنَ لَهُ لُوطٌ ۘ وَقَالَ إِنِّي مُهَاجِرٌ إِلَىٰ رَبِّي ۖ إِنَّهُ هُوَ الْعَزِيزُ الْحَكِيمُ ﴿٢٦﴾ 

މާނައީ: "ފަހެ، لوط ގެފާނު، އެކަލޭގެފާނުގެ (އެބަހީ: إبراهيم ގެފާނުގެ) ބަސްފުޅު ތެދުކުރެއްވިއެވެ. އަދި އެކަލޭގެފާނު (އެބަހީ: إبراهيم ގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ އެންގެވިފަރާތަށް ތިމަން، هجرة އަށް މިދަނީއެވެ." 

މިދެންނެވި ބަރަކާތްތެރި ހިޖުރައިގެ ވާހަކަ އަންބިޔާއު ސޫރަތުގެ 71 ވަނަ އާޔަތުގައި މާތްﷲ ބަޔާންކުރައްވައިފައިވަނީ މިދަންނަވާ ލަފްޒުތަކުންނެވެ.

وَنَجَّيْنَاهُ وَلُوطًا إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا لِلْعَالَمِينَ ﴿٧١﴾ 

މާނައީ: "އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، لوط ގެފާނު ސަލާމަތްކުރައްވައި، عالم ތަކަށްޓަކައި، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ބިމަށް ފޮނުއްވީމެވެ."

ބައެއް ރިވާޔަތްތަކުގައި ވާގޮތުން إبراهيم عليه السّلام ގެ އަރިހުގައި އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާ އާއި لُوطٌ عليه السّلام ގެ އިތުރުން  إبراهيم عليه السّلام ގެ ބައްޕާފުޅުވެސް ހިޖުރައަށް ވަޑައިގެންނެވިއެވެ. إبراهيم عليه السّلام ގެ ބައްޕާފުޅު އާޒަރު މަރުވީ އެކަލޭގެފާނުގެ އަރިހުގައި ހިޖުރައަށް ގޮސް އުޅެނިކޮށެވެ. ކުރިންވެސް ދެންނެވިފައިވާނޭ ފަދައިން މަރުދުވަހަށް ދާންދެން އޭނާ ހުރީ ކާފިރުކަމުގައެވެ. 

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ޞަފްޙާ 347}

ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން