ޢާންމު މަސްތަކުގެ ވާހަކަ އިހަށް ބާއްވާށެވެ! ރަމަމާން މަހުގައިވެސް ދެމީހުން އެކުގައި ނިދަން ނޯށޯންނަ ދެމަފިރިން ބައިވަރެވެ. އެއީ ތަރާވީޙް ނަމާދުކޮށްގެން ވެސް ގޭގައި މަޑުނުވެ ކޮންމެވެސް ކަމަކު ގެއަށް ބޭރަށްދާން ދެވިހިފާފައި ތިބޭ ބައަކަށް ބޭރަށް ނުގޮސް ގޭގައި މަޑުކޮށްލަން އުނދަގުވާތީއެވެ.
ދެމަފިރިން އެކުގައި ނިދަން އޮށޯތުމުގެ ބޭނުމަކަށްވާންޖެހޭނީ ތިމާ ބޭނުންވާ ވަކި މަޤްޞަދެއް ޙާޞިލުކުރުމެއް ނޫނެވެ. އެހެނީ އެއީ ދެމަފިރިން ލޯބިން ވާހަކަދައްކާލައި ކަންކަމަށް މަޝްވަރާކޮށްލަން އެންމެ ރަނގަޅު އެއް ވަގުތެވެ.
ޚާއްޞަކޮށް ރަމަޟާން މަހު ދެމަފިރިންގެ މަޤްޞަދަކަށްވެސަ ހަދަންޖެހޭނީ އަވަހަށް ނިދައި އަވަހަށް ހޭލައި ދެމީހުން އެކުގައި ޛިކުރުކުރުމެވެ. ދަމުނަމާދުކުރުމެވެ. އިތުރު ރަޙްމަތަށް އެދި ދުޢާކުރުމެވެ. ދަރިން ތިބިނަމަ ގޭތެރޭގެ ހަލަބޮލިކަންވެސް އެންމެ ކުޑަވާނީ ދަރިން ނިދާފައި ތިބޭ ވަގުތުގައެވެ.
ރަމަމާން މަސް އައުމަކީ ދެމީހުން އެކުގައި ނިދަން އޮށޯތުން ދޫކޮށްލައިގެންވާނެ ކަމެއް ނޫނެވެ. އެކުގައި ނިދަން އޮށޯތުމުގެ އެންމެ ބޮޑު ބޭނުމަކަށް ހަދަންޖެހޭނީ ދެމީހުންގެ ގުޅުން ތާޒާކުރުމެވެ. އެކަން ނުކުރާނަމަ ވަރިފަށަށް އެރުން ކައިރިވާނެއެވެ. މިއީ ތަޖުރިބާއިން އެނގޭ ކަމެކެވެ. އެކަންކަން ކުރިމަތިވީމާ ދެން ޙައްލު ހޯދަން އުލުނަސް ގިނަ ފަހަރު އޮންނާނީ ކާމިޔާބު ނުކުރެވިފައެވެ.
ރަނގަޅަށް ހަނދާންކުރާށެވެ! ރަމަޟާން މަސް އައުމަކީ އެއްވެސް ޙާލެއްގައި ރޭގަނޑުގެ ވަގުތުތަކުގައި ދެމަފިރިން ދުރުހެލިވާންޖެހެންވީ ސަބަބެއް ނޫނެވެ. އެއަށްވުރެ ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑެވެ! އަހަރެމެންނަށް ބާނުންވާނެ ކަންކަން އެކަލާނގެ މާމޮޅަށް ދެނެވޮޑިގެންވެއެވެ.
ދެން މިވާހަކަކޮޅު މިރޭވެސް ހަނދުމަކޮށްލައިދޭނަމެވެ.
ނިދުމަކީ އިންސާނާއަށް ކޮންމެހެން ބޭނުނަވާ ކަމެކެވެ. ފުރިހަމައަށް ނިދި ނުލިބޭނަމަ ޞިއްޙީ މައްސަލަތައް ކުރިމަތިވެއެވެ. ބޮލުގައި ރިހުމާއި ކަންނެތްވުމާއި މިނޫންވެސް ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. އެހެންކަމުން ރަސޫލް (ﷺ) ވަނީ ނިދުމުގައި އަމަލުކުރަން ޖެހޭ ގޮތް ވެސް ބަޔާންކޮށް ދެއްވަވައިފައެވެ. އެހެންކަމުން ރަސޫލް (ﷺ)ގެ ސުންނަތުން ފެންނަން ހުރި ބައެއް ކަންކަން މިތަނުގައި ހާމަކޮށްލާނަމެވެ.
ފުރަތަމަ ކަމަކީ ޢިޝާ ނަމާދުގެ ކުރިން ނިދުމާއި ޢިޝާ ނަމާދަށްފަހު ވީ އެންމެ އަވަހަކަށް ނިދުމެވެ. މިސުންނަތަށް މިއަދުގެ ސައިންސްވެރިންނާއި ޑޮކްޓަރުންވެސް ތާއީދުކުރެއެވެ. އެމީހުންވެސް އެކަން ޤަބޫލުކުރެއެވެ. "އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ" ކަމެއް ކަމަށް ބުނެވެނީ މި ސުންނަތަށް އަމަލުކުރުމުން ލިބޭ ފައިދާތައް ގިނަކަމުންނެވެ. މި ޢިބާރާތް އެންމެ ފުރިހަމަވާނީ ""އަވަހަށް ނިދާފައި ހޭލުމަކީ ޞިއްހަތަށް ފައިދާކުރާ، ތަނަވަސްކަން އިތުރުވާ، އަދި ސިކުނޑި ތަނަވަސްވާ، އިޖުތިމާޢީ ގުޅުން ބަދަހިވެ ދިރިއުޅުން އުފާވެރިވާ، އަދި ތަޤްވާވެރިކަން އިތުރުވާ" ވެސް އިބާރާތުގައި އޮތުމުންނެވެ.
ޢިޝާ ނަމާދުކޮށް، ރޭގަނޑު ކެއުމަށްފަހު އަވަހަށް ނިދާނަމަ އިޖުތިމާޢީ ގުޅުން ބަދަހިވެ ދިރިއުޅުން އުފާވެރިވާކަން އެއީ އެނެގެން އޮތް ކަމެކެވެ. ޢާންމު ދިރިއުޅުމަށް ބަލައިފިނަމަ ރޭގަނޑޫ ކައިގެން ނުނިދައި ގެއިން ބޭރުގައި ނުއުޅޭނަމަ ދެމަފިރިންގެ މެދުގައި މައްސަލަތައް މަދުވާނެއެވެ. މައްސަލަ ޖެހެނީ، ކައިވެނިތައް ރޫޅެނީ ތަންތަނަށް ގޮސް ވަގުތު ބޭކާރުކުރާތީއެވެ. އެގޮތަށް ގޮސް ތިބޭ ތިބުމުގައި ގުޅުން އުފައްދަން ނުޖެހޭ މީހުންނާއިއެކު އުފައްދާ ގުޅުންތަކުގެ ސަބަބުންނެވެ. ވީމާ އެގޮތަށް ނުތިބޭނަމަ އެފަދަ ކަންކަން ހިނގުން މަދުވާނެއެވެ.
އިސްލާމް ދީނުގައި އެންމެ ބޮޑަށް ބާރުއަޅާފައިވަނީ ކުށެއް ކުރެވިދާނެ އެންމެހައި ކަންކަމުން ދުރުހެލިވުމަށެވެ. ވީމާ އަވަހަށް ނިދުމަށް ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިއެވަނީ އެފަދަ ހުރިހާ މައްސަލަތަކުން މީސްތަކުން ސަލާމަތްކޮށްދެއްވެވުމަށްޓަކައެވެ. ޢާއިލީ ގުޅުންތައް ބަދަހިވެފައި އޮތުމަށް މަގުފަހިކޮށްދެއްވެވުމުގެ ގޮތުންނެވެ. ހަމައެއާއިއެކު އިސްލާމް ދީނަށް އަމަލުކުރުމަށް މަގުފަހިކޮށް ދެއްވެވުމަށެވެ. ދަމުނަމާދަށާއި ފަތިސް ނަމާދަށް ހޭލުމަށް މަގުފަހިކޮށްދެއްވެވުމަށެވެ. އައު ދުވަހުގެ މަސައްކަތް ތާޒާކަމާއިއެކު ފެށުމަށް މަގުފަހިކޮށްދެއްވެވުމަށެވެ.
އިސްލާމް ދީނުގައި އަޅުކަމެވެ ބުނެވޭ ބަހުގެ މާނައަކީ ހަމައެކަނި ފަރުޟު ކުރެއްވެވި ކަންކަން ކުރުމެއް ނޫނެވެ. ދެމަފިރިން އުފަލުގައި ލޯބިން ދިރިއުޅުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީވެސް އަޅުކަމެކެވެ. ދެމަފިރިން ގުޅިގެން އުފަލުގައި ދިރިއުޅުމަކީވެސް ހަމަ އަޅުކަމެކެވެ. ހަމަ ސަވާބު ދެއްވަވާނެ އަޅުކަމެކެވެ. ކައިވެނި ކުރުމަށްފަހު ދެމަފިރިން އެކުވެރިކަމާއިއެކު ލޯބިން ދިރިއުޅުމަށް ރަސޫލް (ﷺ) ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވަވައިފައެވެ. ވީމާ އެމަތިވެރި ސުންނަތް އަދާކުރުމަކީ އާޚިރަތުގައިވެސް އެކަމުން ފައިދާކުރާނެ ކަމެކެވެ.
ވީމާ އަހަރެމެންގެ ކައިވެނި އުފާވެރިކަމާއިއެކު ދެމެހެއްޓުމަށްޓަކައިވެސް އަވަހަށް ނިދާބައަކަށްވާނެ އެބަޖެހެއެވެ. ޔަޤީންކުރާށެވެ! އިސްލާމް ދީނުގައި އެއްވެސް ކަމެއް ކުރުމަށް ބަޔާން ވެގެންވާނަމަ އެކަމެއް ބަޔާންވެގެންވާނީ އިންސާނުންނަށް އެކަމަކުން ފައިދާ ކުރާނެތީއެވެ. ދުނިޔެއާއި ޢާޚިރަތުގައިވެސް ފައިދާ ނުކުރާނެ އެއްވެސް ކަމެއް އިސްލާމް ދިނުގައި ބަޔާންވެގެނެއް ނުވެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން