ސާރާގެފާނު ވާހަކަ: ޖައްބާރު ރަސްގެފާނުގެ އަތް 3 ވަނަ ފަހަރު މާބޮޑަށް ވާކުރައްވައި އޭނާގެ ކިބައިން ސަލާމަތްކުރެއްވެވި ގޮތުގެ ވާހަކަ-

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 27ސ
ސާރާގެފާނު ވާހަކަ: ޖައްބާރު ރަސްގެފާނުގެ އަތް 3 ވަނަ ފަހަރު މާބޮޑަށް ވާކުރައްވައި އޭނާގެ ކިބައިން ސަލާމަތްކުރެއްވެވި ގޮތުގެ ވާހަކަ-

ތާރީޚު ފޮތްތަކުގައި ލިޔެވިގެންވެއެވެ. إبراهيم عليه السّلام ޝާމުކަރާގައި އުޅުއްވަމުން ގެންދަވަނިކޮށް ޝާމުކަރައަށް ވަރަށް ބޮޑު ތަދުމަޑުކަމަކާއި ހަނަފަސްކަމެއް އައިސް ލައިގަތެވެ. އެހެންކަމުން އެކަލޭގެފާނު އަނބިކަނބަލުންނާއި ލޫޠުގެފާނާއެކު މިޞްރުގެ ބިމަށް ދަތުރުފުޅު ފެއްޓެވިއެވެ. އެ ދަތުރުފުޅުގައި إبراهيم عليه السّلام މިޞްރުގެ ރަށްބޭރުގައި މަޑުކުރެއްވިއެވެ. އެތަނުން ޖައްބާރު ރަސްކަލަކާ ބައްދަލުވެވަޑައިގެންނެވިއެވެ.

{އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ޞަފްޙާ 347 އަދި 348}

މިދެންނެވި ވާހަކަ ތަފްޞީލުކޮށް އިމާމުލް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ގެންނަވައިފައިވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 

"إبراهيم عليه السّلام ތިންފަހަރަކު މެނުވީ އިތުރުފުޅެއް ނަހައްދަވައެވެ. އޭގެ ތެރެއިން ދެފަހަރު އިތުރުފުޅު ވިދާޅުވީ މާތްالله سبحانه وتعالى އަށް ޓަކައެވެ. އެގޮތުން އެކަލޭގެފާނުގެ އެންމެފުރަތަމަ އިތުރުފުޅަކީ، { إِنِّي سَقِيمٌ‏} ތިމަން މިއަދު މިއުޅެނީ ބަލިވެއޭ ވިދާޅުވުމެވެ. (އެއީ އެބައިމީހުންގެ ޢީދެއްގައި ބައިވެރިވެ ވަޑައިނުގަންނަވަންވެގެން ވިދާޅުވި ބަސްފުޅެކެވެ.) ދެވަނައަށް ވިދާޅުވި އިތުރުފުޅަކީ، ބުދުތައް ތަޅުއްވައިލެއްވުމަށްފަހު، { بَلْ فَعَلَهُ كَبِيرُهُمْ هَذَا‏} އެންކަންތަށް (އެބުދުތައް ތަޅާލީ) މިތާމިހިރަ އެންމެ ބޮޑުބުދެވެ. މިހެން ވިދާޅުވުމެވެ.

ތިންވަނައަކީ إبراهيم عليه السّلام އާއި ސާރާ ޖައްބާރުންގެ ތެރެއިން ޖައްބާރެއްގެ  ބިމުން ވަޑައިގަތެވެ. ސާރާއަކީ ވަރަށް ރީތި އަންހެން ބޭކަނބަލެކެވެ. إبراهيم عليه السّلام ސާރައަށް ވިދާޅުވިއެވެ. "އެބައިމީހުންނަށް ކަމަނާއަކީ ތިމަންކަލޭގެފާނުގެ އަނބިކަނބަލުންކަން އެނގިއްޖެނަމަ އެބައިމީހުން ކަމަނާ ފޭރިގެން ގެންދާނެއެވެ. އެބައިމީހުން ކަމަނާ ކުރެން ސުވާލުކޮށްފިނަމަ ވިދާޅުވާށެވެ. ތިމަންކަމަނާއަކީ އެކަލޭގެފާނުގެ އުޚްތެކެވެ. އެހެނީ މިބިމުގައި ކަމަނާއާއި ތިމަންކަލޭގެފާނު މެނުވީ އެއްވެސް މުސްލިމަކު ވާކަމެއް ތިމަންކަލޭގެފާނު ނުދެނެހުރީމެވެ."

ދެން، އޭގެ ދެކަނބަލުން އެރަށަށް ވަދެވަޑައިގެންނެވި ހިނދު އެޖައްބާރު ރަސްގެފާނަށް މީހަކު ޚަބަރުދިނެވެ. މިރަށަށް ވަރަށް ރީތި އަންހެނަކު އައިސްފިއެވެ. އޭނާ އެންމެ ޙައްޤުކަން ބޮޑީ ރަސްގެފާނަށް ކަމަށްވިދާޅުވެ އެރަސްގެފާނު ސާރާ ބަލައި ފޮނުއްވައިގެންގެންދެވިއެވެ. އޭރު إبراهيم عليه السّلام ހުންނެވީ ނަމާދުކުރައްވާށެވެ! 

ދެން، އެރަސްގެފާނު އެކަމަނާގެ ގައިކޮޅުގައި އަތްލުމަށް މަސައްކަތް ކުރުމުން އޭނާގެ އަތް ވާވެއްޖެއެވެ. ދެން އެ ރަސްގެފާނު ބުންޏެވެ. "ކަމަނާގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ތިމަންގެ އަތް ރަނގަޅުކޮށްދެއްވާތޯ އެދި ދުޢާ ދަންނަވައިދެއްވާށެވެ. އޭރުން ކަމަނާއަށް  އެއްވެސް ގޯނައެއްނުކޮށް ދޫކޮށްލާނަމެވެ." ދެން އެކަމަނާ މާތްالله سبحانه وتعالى ގެ ޙަޟްރަތަށް ދުޢާ ދެންނެވުމުން އޭނާގެ އަތް ރަނގަޅުވެއްޖެއެވެ. ހަމަ ރަނގަޅުވުމާއެކު އޭނާ އެކަމަނާގެ ގައިކޮޅުގައި އަތްލުމަށް މަސައްކަތްކުރިއެވެ. މި ފަހަރުވެސް ކުރިން ވީގޮތަށް އޭނާގެ އަތްވާވެއްޖެއެވެ. 

ދެން، އޭނާ ސާރާ އަރިހު ދަންނަވައިގެން އެކަމަނާ ދުޢާ ކުރެއްވުމުން ރަނގަޅުވެއްޖެއެވެ. އަނެއްކާވެސް އޭނާ އެކަމަނާގައިގައި އަތްލުމަށް މަސައްކަތްކުރުމުން، ކުރިން ވި ވަރަށް ވުރެ ބޮޑަށް އޭނާގެ އަތް ވާވެއްޖެއެވެ. މިފަހަރުވެސް، ރަސްގެފާނު އެކަމާނާގާތު އޭނާގެ އަތް ރަނގަޅުކޮށްދެއްވުން އެދި ދެންނެވިއެވެ. އަދި ބުންޏެވެ. ރަނގަޅުކޮށްދެއްވައިފިނަމަ ކަމަނާއަށް އެއްވެސް ގޯނާއެއްނުކުރާނަމެވެ. ދެން އެކަމަނާ މާތްالله سبحانه وتعالى އަށް ދުޢާ ދެންނެވުމުން އޭނާގެ އަތް ރަނގަޅުވެއްޖެއެވެ.

ދެން، ރަސްގެފާނު އެކަމަނާ ރަސްގެފާނު އަރިހަށް ގެނެދިއަ މީހައަށް ގޮވައިގެން ގެނެސް ބުންޏެވެ. [ކަލޭ ތިޔަގެނައީ އިންސާނެއްނޫނެވެ. އަދި ކީއްހެއްޔެވެ؟ ޝައިޠާނުންކުރެ ޝައިޠާނަކެވެ. އެބައިމީހުން މިރަށުން ފޮނުވާލާށެވެ.] 

ދެން އެރަސްގެފާނު އެކަމަނާއަށް ވެދުމަކަށް އޭނާގެ ޖާރިޔާއެއްކަމުގައިވާ ހާޖަރު ދެއްވިއެވެ. ހާޖަރާއިއެކު އެކަމަނާ އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަތުމުން އިބްރާހީމްގެފާނު ވިދާޅުވިއެވެ. [ކަމަނާ ތިޔަ ވަޑައިގަތީތޯއެވެ؟] އެކަމަނާ ވިދާޅުވިއެވެ. [ފުރިހަމަ ރައްކާތެރިކަމާއެކުއެވެ. މާތްالله سبحانه وتعالى އެޖައްބާރު ރަސްގެފާނުގެ އަތް ހިފަހެއްޓެވިއެވެ. އޭނާ ތިމަންކަމަނާއަށް ޚާދިމެއް ދެއްވިއެވެ.] މިވާހަކަ ރިވާ ކޮށްދެއްވުމަށްފަހު އަޑުއައްސަވަން ތިއްބެވި ބޭކަލުންނަށް މުޚާތަބު ކުރައްވައި، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. يَا بَنِي مَاءِ السَّمَاءِ ! ތިޔަބައިމީހުންގެ މަންމާފުޅަކީ އެއީއެވެ. (އެބަހީ: ހާޖަރުއެވެ)"

{އިމާމު ބުޚާރީ ޞަޙީހުލް ބުޚާރީ، ޙަދީޘް ނަންބަރު، 3358} 

ޢައްލާމާ އިބްނު ކަޘީރު ރަޙިމަހުއް ވިދާޅުވެފައިވެއެވެ. [ބުނެވޭ ގޮތުގައި ޙައްވާގެފާނަށްފަހު إبراهيم عليه السّلام ގެ ޒަމާނާ ހަމައަށް ސާރާއަށްވުރެ ވަކިން ރީތި އަންހެނަކު ދުނިޔެ މައްޗަކަށް އުފަންވެފައެއް ނުވެއެވެ.] {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 352}

މިދެންނެވި ޙާދިޘާއަށްފަހު، إبراهيم عليه السّلام މިސްރުން އެނބުރިވަޑައިގެންނެވީ ޝާމުކަރައިގެ ބިމަށެވެ. އެކަލޭގެފާނު ވަރަށް ގިނަ ޚާދިމުންނާއި ނަޢަމުސޫފީގެ ބާވަތްތައް ގެންދެވިއެވެ. ވަރަށް ގިނަ މުދަލާ ފައިސާވެސް ގެންދެވިއެވެ. އެކަލޭގެފާނުގެ މިދަތުރުފުޅުގައި، ވަކި ހިސާބަކުން ލޫޠުގެފާނު ވަޑައިގެންނެވީ ސަދޫމަށެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 352}

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

 

މިއަދު އޮންލައިން