ރަމަޟާން މަސް ލައިގަތުމާއެކު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވައިދެއްވެވުމަކީ ކޮބާ؟ އަދި ނަރަކައިގެ ދޮރުތައް ބަންދުކުރައްވަވަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ރަމަޟާން މަސް ލައިގަތުމާއެކު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވައިދެއްވެވުމަކީ ކޮބާ؟ އަދި ނަރަކައިގެ ދޮރުތައް ބަންދުކުރައްވަވަނީ ކީއްވެ؟

ބަރަކާތްތެރި ރަމަޟާން މަސް ލައިބަތުމާއިއެކު ﷲ ތަޢާލާ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވާލައްވަވައެވެ. އަދި ރަމަޟާން މަސް ނިމެންދެން ހުޅުއްވަވާފައި ބަހައްޓެވެ. 

ދެން ބަލައިލަންވީ އެކަން ހިނގާ ގޮތަށެވެ. އެހެންވެ ބައެއް ޢިލްމްވެރިން ބަޔާންކުރައްވަވާގޮތުގައި އެއިގެ މާނައަކީ މީސްތަކުން ދެކެ ﷲ ތަޢާލާ ލޯބިފުޅުވެވަޑައިގަންނަވާ ލެއް ބޮޑުކަމުން ސުވަރުގެ ވަދެވޭނެ ފުރުޞަތުތައް މާބޮޑަށް އިތުރުކުރައްވަވައި ފަސޭހަކުރައްވަވައި ދެއްވަވާކަމެވެ. 

މިސާލަކަށް ސުވަރުގޭގައި ދޮރުކޮޅެއް ހުޅުއްވަވައި ދެއްވެވި ނަމަވެސް އެދޮރުކޮޅުން މީހަކަށް ވަދެވޭނީ ހެޔޮ ޢަމަލުތައް ކޮށްގެން ނޫންހެއްޔެވެ؟ އެހެންވެ ހެޔޮ ޢަމަލުތައް ކުރެވޭނެ މަގުތައް ﷲ ތަޢާލާ ތަނަވަސްކޮށް ދެއްވަވަނީއެވެ. މިސާލަކަށް ބޮޑެތި ޝައިޠޯނުންތައް ކަސްތޮޅު އަޅުއްވަވަނީވެސްހަމަ އެސަބަބަށްޓަކައެވެ. އެއެއްޗެތީގެ ވަސްވާސްތަކުން ސަލާމަތްވެވިގެން ނޫނީ ތެދުމަގުގައި ސާބިތު ނުވެވޭނެތީއެވެ. ހެޔޮ ޢަމަލުތައް ނުކުރެވޭނެތީއެވެ. 

ނަރަކައިގެ ދޮރުތައް ބަންދުކުރެއްވެވުމުގެ ސަބަބަކީވެސް ހަމައެއީއެވެ. ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ މީސްތަކުން ނަރަކައިން ސަލާމަތްވުމެވެ. އެއްވެސް މީހަކު ނަރަކަށް ވަންނާކަށް ﷲ ތަޢާލ ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. އެހެންކަމާއިއެކުވެސް މީސްތަކުން ވިސްނައިނުލާ ތިބެ ސިއްރިޔާތުގައި ފައުޅުގައިވެސް ފާފަތައް ކުރަނީއެވެ. ބޮޑެތި ފާފަތަކަށް އަރައިގަންނަނީއެވެ. 

މީސްތަކުންނޭވެ! މިކަންކަމަށް އަމިއްލައަށް ވިސްނައިލާށެވެ. އެކަނިހުރެ ފިކުރުކޮށްލާށެވެ! ﷲ ތަޢާލާ މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވާ މީންވަރެވެ. ސުވަރުގެ ވައްދަވަން ބޭނުންފުޅުވެވޮޑިގަންނަވާ މިންވަރެވެ. އެކަމަށްޓަކައި މަސައްކަތްކުރަން މަގުފަހިކުރައްވަވައި ދެއްވްވާ މިންވަރެވެ. ވީމާ ހެޔޮ ޢަމަލުތައްކުރުން ގިނަކުރާށެވެ! ކޮންމެ ގޮތަކުން ނަމަވެސް ރަމަޟާން މަސް ނިމެންވާއިރަށް ނަރައިން މިންޖުވެވި ސުވަރުގެ ވައްދަވާ އަޅުންގެތެރޭގައި ހިމެނެން އެމީހަކަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާށެވެ! ކާމިޔާބުވާނެއެވެ! އިން ޝާ ﷲ 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން