ސާރާގެފާނު ވާހަކަ: ދަރިކަލަކު ލިބިވަޑައިގަންނަވާނެ ޚަބަރު ދެއްވެވީ މަލާއިކަތުން އިންސާނުންގެ ސިފައިގަ ވަޑައިގެން!

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 41ސ
ސާރާގެފާނު ވާހަކަ: ދަރިކަލަކު ލިބިވަޑައިގަންނަވާނެ ޚަބަރު ދެއްވެވީ މަލާއިކަތުން އިންސާނުންގެ ސިފައިގަ ވަޑައިގެން!

 

ޢަލީ އިޙްޞާން ފިރާޤް

 

إبراهيم عليه السّلام އާއި ސާރާ ކައިވެނީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވާތާ އެތައް ދުވަހެއް ވީއިރުވެސް އެދެކަނބަލުންނަށް ބޭފުޅަކު ލިބިވަޑައެއް ނުގަންނަވައެވެ. އެދެބޭކަނބަލުންވެސް ހިތްޕުޅުގެ އަޑީން ދުޢާކުރައްވަމުން ގެންދެވީ ޞާލިޙު ދަރިކަލަކު ދެއްވުން އެދިވަޑައިގެންނެވެ. އެންމެފަހުން ސާރާގެފާނު ނުހަނު މުސްކުޅިފުޅުވެވަޑައިގެންނެވިފަހުން އަރަހުށި މާތްﷲ އެކަމަނާއަށް އިޞްޙާޤުގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވިއެވެ. މި ޚަބަރު އެކަމަނާއަށް ދެއްވީ ޚުދު މަލާއިކަތްބޭކަލުންނެވެ. އެހެންކަމުން އެކަމަނާވަނީ މަލާއިކަތްބޭކަލުންނާ ވާހަކަފުޅު ދެއްކެވުމުގެ ޝަރަފުވެސް ހާސިލު ކުރައްވައިފައެވެ. 

އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވީ ލޫޠުގެފާނުގެ ޤައުމު ހަލާކު ކުރެއްވުމަށް އަރަހުށި މާތް ފޮނުއްވެވި މަލާއިކަތް ބޭކަލުންނެވެ. ސާރާގެފާނު އެހާ މުސްކުޅިފުޅުވެވަޑައިގެންފައި ހުންނަވަނިކޮށް ދަރިކަލަކު ލިބިވަޑައިގަންވާނެ ކަމުގެ ޚަބަރު ލިބިވަޑައިގަތުމުން އެކަމަނަ ވަރަށް ޢަޖާއިބުވެވަޑައިގެންނެވިއެވެ. އެކަމަނާއާ މަލާއިކަތްބޭކަލުންނާ ދެމެދުގައި ދެކެވުނު ވާހަކަތައް ޤުރްއާނުގެ ހޫދު ސޫރަތުގެ 69 ވަނަ އާޔަތާއި 73 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

وَامْرَأَتُهُ قَائِمَةٌ فَضَحِكَتْ فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَاءِ إِسْحَاقَ يَعْقُوبَ ﴿٧١ قَالَتْ يَا وَيْلَتَىٰ أَأَلِدُ وَأَنَا عَجُوزٌ وَهَـٰذَا بَعْلِي شَيْخًا ۖ إِنَّ هَـٰذَا لَشَيْءٌ عَجِيبٌ ﴿٧٢﴾ قَالُوا أَتَعْجَبِينَ مِنْ أَمْرِ اللَّـهِ ۖ رَحْمَتُ اللَّـهِ وَبَرَكَاتُهُ عَلَيْكُمْ أَهْلَ الْبَيْتِ ۚ إِنَّهُ حَمِيدٌ مَّجِيدٌ ﴿٧٣ 

މާނައީ: [އަދި އެކަލޭގެފާނުގެ އަނބިކަނބަލުން (އެ ހިނދު އެތާނގައި) ހުންނެވިއެވެ. ދެން (އެބޭކަލުން އެހެން ވިދާޅުވުމުން، އެކަމާ އުފާފުޅުވެގެން) އެކަމަނާ ހިނިފުޅުވެޑުވިއެވެ. ފަހެ، އެކަމަނާއަށް إسحاق ގެފާނު ލިބިވަޑައިގަންނަވާނެކަމާއި، إسحاق ގެފާނުގެ ފަހަތްޕުޅުން يعقوب ގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر، ތިމަންރަސްކަލާނގެ އެކަމަނާއަށް ދެއްވީމެވެ. އެކަމަނާ ވިދާޅުވިއެވެ.  އޭހުރި عجائب އެއްގެ ބޮޑުކަމާއެވެ! ތިމަންނާ މުސްކުޅިޔަކު ކަމުގައިވާއިރުވެސް، ތިމަން ވިހާނޭ ހެއްޔެވެ؟ އަދި ތިމަންގެ ފިރިކަލުން މިހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން، މިއީ عجائب ވެގެންވާ ކަމެކެވެ. އެބޭކަލުން ދެންނެވޫއެވެ. اللَّه ގެ أمر ފުޅާމެދު، ކަމަނާ عجائب ވެ ވަޑައިގަންނަވަނީތޯއެވެ؟ ގޭގެ أهل ވެރިންނޭވެ! ތިޔަބޭކަލުންގެ މައްޗަށް اللَّه ގެ رحمة އާއި، އެކަލާނގެ بركات ހުށްޓެވެ. ހަމަކަށަވަރުން، އެކަލާނގެއީ حمد ލިބިވޮޑިގެންވާ، މާތް، ދީލަތިވަންތަ ރަސްކަލާނގެއެވެ.] 

މިދެންނެވި އާޔަތުގައިވާ މަލާއިކަތްބޭކަލުން އިބްރާހީމުގެފާނާއި ސާރާގެފާނުގެ އަރިހަށް ވަޑައިގެންނެވީ އިންސާނުންގެ ސިފައިގައެވެ. ޢައްލާމާ އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތުގައި، ލިޔުއްވައިފައިވެއެވެ. އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގެންނެވީ ތިން މަލާއިކަތް ބޭކަލުންނެވެ. އެއީ ޖިބްރީލުގެފާނާއި، މީކާއީލުގެފާނާއި، އިސްރާފީލުގެފާނެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު ޞަފްޙާ 372} 

إِسْحَاقُ عَلَيْهِ السَّلامُ  އުފަންވެވަޑައިގެންނެވީ ބައްޕާފުޅު إبْراهِيمُ عَلَيْهِ السَّلامُ ގެ އުމުރުފުޅުން 100 އަހަރުފުޅުގައެވެ. އެކަލޭގެފާނުގެ މަންމާފުޅު سَارَةُ އަށް މަލާއިކަތް ބޭކަލުން އެކަލޭގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދެއްވިއިރު އުމުރުފުޅަކީ 90 އަހަރުފުޅެވެ. އޭރު އެކަލޭގެފާނުގެ އެއްބައްޕާފުޅު ބޭބޭފުޅު إسْماعِيلُ عَلَيْهِ السَّلامُ ގެ އުމުރުފުޅަކީ ސާދަ އަހަރުފުޅެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު}

އަވަހާރަވުން:

އަލްބިދާޔަތު ވައްނިހާޔަތުގައި، އިބްނު ކަޡީރު ލިޔުއްވައިފައިވެއެވެ. سارَةُ ގެފާނު އަވަހާރަވީ އިބްރާހީމުގެފާނު އަވަހާރަވުމުގެ ކުރީންނެވެ.  އެކަމަނާ އަވަހާރަވީއިރު އުމުރުފުޅަކީ 127 އަހަރުފުޅެވެ. އެކަމަނާ އަވަހާރަވީ ޙަބްރޫންގައެވެ. އިބްރާހީމުގެފާނު އަވަހާރަވީ، سَارَةُ އަވަހާރަވުމަށްފަހުއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުން 175 އަހަރުފުޅުކަމަށާއި، 200 އަހަރުފުޅުކަމަށާއި، އަދި މި ނޫންވެސް އިތުރު ގޮތްގޮތަށް ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ފަސްދާނުވެޑުވިފައިވަނީ، އަނބިކަނބަލުން سارَةُ ގެ އަރިހުގައި، ޙަބްރޫންގައެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 403 އަދި 402}

 

 

މިއަދު އޮންލައިން