ތަމާޢަތުގައި ކުރާ ނަމާދާއި ތަރާވީޙް ނަމާދުގެ އަޑު އިވުމަކީ ނަމާދުކުރަން ޝައުޤުވެރިކަން އިތުރުވާ ކަމެކެވެ. އަދި ނަމާދުގެ އަޑު އިވުމަކީ މުސްލިމުންގެ ހިތަށް ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ނަމަވެސް މިއަދު މިފެންނަނީ މިސްކިތްތަކުގެ އަޑު މަޑުކުރެވިގެންދާތަނެވެ. ބައެއް މިސްކިތްތަކުން ތާޅަފިލީގެ އަޑު ކަނޑައިވެސް ލަނީއެވެ.
އިސްލާމީ މަރުކަޒުގެ ތާޅަފިލީގެ އަޑަށްވެސް މި އަސަރުކޮށްފިއެވެ. ކުރިން އިވެމުން އައި ތަރާވީޙް ނަމާދުގެ އަޑެއް މިހާރަކު ނީވެއެވެ. ވީމާ ރާއްޖޭގައި ވެސް އިސްލާމް ދީނުގެ ކަންކަމަށް ކުރިމަތިވަމުން އަންނަ ޙާލަތަށް ބަލާއިރު މިފެންނަނީ ހަމަ ޝައިޚް ވިދާޅުވެފައިވާ ފަދައިން އުޅަކަކުން އުޅަކަކުން ބިނދެމުން އަންނަތަނެވެ. ބިންދައި ހުސްކުރަމުން ގެންދާ ތަނެވެ.
ވިސްނުންތެރިކަމާއެކު ވިދާޅުވެލައްވާށެވެ!
އިސްލާމް ދީން ފުނޑުފުނޑުވެގެންދާނީ ޖާހިލިއްޔަތު ނުދަންނަ މުސްލިމުންގެ ތެރެއިން އުފަންވާ ބައެއްގެ ސަބަބުން ކަމަށް ކައުއިތުރު ރަސޫލާ މުޙައްމަދު (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު )ﷺ) ދުނިޔެ ދޫކުރެއްވެވިއިރު އިސްލާމް ދީން އޮތީ ހަމައެކަނި އަރަބި ކަރައިގެ ތެރޭގައެވެ. އެހެންނަމަވެސް ޢުމަރުގެފާނުގެ ޚިލާފަތުގައި މިޞުރާއި ފާރިސްކަރަ ފަދަ ޤައުމުތައް މުސްލިމުންގެދަށަށް ދިއައެވެ. އަދި އެކަންކަން އެގޮތަށް ވާނެ ކަމުގެ ޚަބަރު ކައު އިތުރު ރަސޫލާ މުޙައްމަދު )ﷺ) ވަނީ ދެއްވަވަވައިފައެވެ.
މިފަދަ އުފާވެރިކަމުގެ ޚަބަރުތައް ދެއްވެވުމަށްފަހުގައިވެސް ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ޚަބަރުތަކެއްވެސް އިތުރު އެކަލޭގެފާނު ވަނީ ދެއްވަވައިފައެވެ.
ކައު އިތރު ރަސޫލާ ﷺ ގެ ހަދީޘްފުޅެއްގައި ވެއެވެ. "އިސްލާމް ދީނުގެ އުޅައްތައް އުޅަކަކުން ބިނދިގެން ދާނެ ދުވަސް އެބަ ކައިރިވެއެވެ. އެއީ އިސްލާމްދީނުގައި އުފަންވެ، ޖާހިލިއްޔަ ޒަމާން ނުދަންނަ، މިދީނުގައި އުޅެ ބޮޑުވާ ބައެއްގެ އަތުންނެވެ!"
އިސްލާމް ދީން ފިޔަވައި އެހެން ހުރިހާ އެއްޗަކީ ނުވަތަ ދީންތަކަކީ ޖާހިލިއްޔަތެވެ. "އިސްލާމް ދީނަކީ މާތް ﷲ ގެ ވަހީ. އެހެން ހުރިހާ އެއްޗަކީ ޖާހިލިއްޔަތު! މިދީން ހަލާކުވާނީ ޖާހިލިއްޔަތު ނުދަންނަ ބައެއްގެ ސަބަބުންނެވެ."
އިސްލާމް ދީނަކީ އެންމެ މަތިވެރި، އެންމެ މާތް ދީނެވެ. އެހެން ނަމަވެސް އެކަން އެނގޭނީ ޖާހިލިއްޔަތު އެނގުމުންނެވެ. ޖާހިލިއްޔަ ޒަމާނުގައި ކަންކަން ހިނގައިދިއަ ގޮތް ވެސް އެނގުމުންނެވެ.
--އިޙްޔާ ފޯރަމެއްގައި ޝައިޚް އާދަމް ޝަމީމް ދައްކަވާފައިވާ ވާހަކަފުޅަކުން