މާޔޫސްވެ ގޮތް ހުސްވުމަކީ މުސްލިމުންގެ ސިފައެއް ނޫން! އެއިރުން އެމީހާ އެހެރީ ޝައިޠޯނާގެ ކަސްތޮޅުގަ!: ޑރ. ބިލާލް ފިލިޕްސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
މާޔޫސްވެ ގޮތް ހުސްވުމަކީ މުސްލިމުންގެ ސިފައެއް ނޫން! އެއިރުން އެމީހާ އެހެރީ ޝައިޠޯނާގެ ކަސްތޮޅުގަ!: ޑރ. ބިލާލް ފިލިޕްސް

އިންސާނާއަށް ދުނިޔޭގައި އޮތީ ދެ ހާލަތެކެވެ. އުފާވެރިކަމާއި ހިތްހަމަނުޖެހުމެވެ. "މިންވަރަށް" އީމާންވުމަކީ މި ދެ ހާލަތަށް އީމާންވެ ކެތްތެރިވުމެވެ. ދެ ހާލަތަށް އަބަދުވެސް ތައްޔާރަށް ހުރުމެވެ.، ދުނިޔޭގައި އަބަދު އުފަލުގަ ހުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ހަމަ އެފަދައިން އަބަދު ހިތާމައިގަ އުޅެންޖެހޭނެ ކަމަށް ޤަބޫލުކުރުމެއްވެސް ނެތެވެ. އެހެނީ ހިތާމައިގަ އުޅެންވެސް މުއްދަތެއް ވެއެވެ. އެމުއްދަތު އަހަރެމެންނަށް ނުއެނގޭތީ ކަންބޮޑުވެވެނީއެވެ. އެހަނަސް ﷲ ތަޢާލާ އެކަން ދެނެވޮޑިގެންވާކަމާއި ހިތްދަތިޙާލަތުން ސަލާމަތްކުރައްވަވާނެކަން ޔަޤީންކުރީމާ ހުރިހާ މައްސަލަތަކެއް ޙައްލުވީއެވެ.

ކުރަން ބޭނުންވާ ކަމެއް ކުރަން މަސައްކަތް ކުރުމުން ވެސް އެކަން ކާމިޔާބު ނުވުން ލަސްވާނަމަ މާޔޫސްކަން އިތުރުވެ ބައެއް މީހުންނަށް ވިސްނެނީ އެމީހަކަށް ގޮތް ހުސްވީ ކަމަށެވެ. މިއީ ވަރަށް ނުރައްކައުތޔެރި ކަމެކެވެ. އިންސާނުންނަށް ކުރިމަތިވާ މައްސަލަތަކާއި ގުޅިގެން ގޮތް ހުސްވެއްޖެ ކަމަށް ބުނެދެނީ ޝައިޠާނާއެވެ. ދެން ތިމާއަށް ސަލާމަތްކަމެއް، ރަނގަޅު އެއްވެސް ގޮތެއް ނެތްކަމަށް ވިސްނައިދެނީ ޝައިޠާނާއެވެ. އެފަދަ ވިސްނުންތައް ވިސްނެނީ އެމީހެއްގެ ސިކުނޑި ޝައިޠާނާ ހިސޯރުކުރުމުންނެވެ. މުސްލިމުންނަށް އޮތީ ޝައިޠާނާގެ ކިބައިން ސަލާމަތްވާން ގަދައަޅައި މަސައްކަތްކުރުމެވެ.

ޑިޕްރެޝަންގެ ވާހަކައަކީ މިހާރު ވަރަށް ޢާންމު ވާހަކައެކެވެ. ޑިޕްރެޝަނަށް ފަރުވާކުރަންޖެހޭ މީހުންގެ އަދަދުވެސް އެހައިމެ ގިނައެވެ. ނަމަވެސް މިންވަރަށް އީމާންވެގެން ހުންނަ މީހާއަށް ޑޕްރެޝަނަކީ މައްސަލައަކަށް ނުވާނެއެވެ. އޭނާއަށް އެބަލި ނުޖެހޭނެތީއެވެ. މާތްﷲ މިންވަރު ކުރެއްވެވި ކޮންމެ ހާލަތަކަށްވެސް އޭނާ ހުންނާނީ ތައްޔާރަށެވެ.

"ޝައިޠާނާ އަހަރެމެންގެ ލޯތައް ކަނުކޮށްލަނީ. އަމިއްލައަށް މީހުން މަރުވަނީ އެހާލަތަށް ދިއުމުން. އެހާލަތުން ސަލާމަތް ކުރެއްވެވުން އެދިވަޑައިގެން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަބަދުވެސް ދުޢާ ކުރެއްވެވި. އެ ދުޢާ ކުރުންމަތީގައި ދެމިތިބޭނަމަ ޑިޕްރެޝަންގެ މައްސަލަ ކުރިމައްޗެއް ނުވާނެ".

"ޤްރްއާނަކީ ޝިފާއެއް. އެކަން ޔަޤީންކުރަންވީ. އެކަން ޔަޤީންކޮށްގެން ހުންނަ މީހާ ޑިޕްރެޝަނަކަށް ނުދާނެ. ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތް ކުރައްވަވާނެ. އޮތީ ކެތްތެރިވާން ދަސްކުރުން. ކެތްތެރިކަން ހޯދޭނީ އީމާންކަން ހަރުދަނާކޮށްގެން."

އިންސާނާ އިންނާ ލިﷲ ވައިންނާއިލައިހި ރާޖިޢޫން އަކީ ހަމައެކަނި މީހަކު މަރުވުމުން ކިޔަން އޮތް ދުޢާއެއް ނޫނެވެ. މުޞީބާތުގެ ވަގުތުތަކުގައި ކިޔަން އޮތް ދުޢާ އެކެވެ. ކޮންމެ ފަދަ މުޞީބާތެއްގެ ވަގުތުގައި ނަމަވެސް މެއެވެ.

ކޮންމެ ކަމެއްގައިވެސް އަދި ކޮންމެ ހާލަތެއްގައިވެސް މާތްﷲއަށް އިތުބާރުކުރާށެވެ. އިޚްލާޞްތެރިކަމާއިއެކު އަމަލުތައް ކުރަމުން މާތްﷲއަށް ވަކީލުކުރާ މީހާއަށް އެއްވެސް ކަންބޮޑުވުމެއް ނުވެއެވެ. "ކަމެއް ދިމާވުމުން ކެތްތެރި ނުވެވޭނެ ކަމަށް ޤަބުލުކުރާނަމަ އެ ޤަބޫލުކުރެވެނީ މާތްﷲ އެންގެވި ގޮތާއި ޚިލާފަށް. މާތްﷲ އަންގަވާފައިވަނީ ސުވަރުގެ ވަނީ ކެތްތެރިންނަށް ކަމަށް. މީސްތަކުން އުފެއްދެވީ ކެތްތެރިވުމަށް. އެކަން ޤަބޫލުނުކުރެވޭނަމަ އެމީހާއަށް އެ ޤަބޫލުކުރެވެނީ މާތްﷲ އެންގެވި ގޮތާ ޚިލާފަށް".

ކެތްތެރި ނުވެވޭނެކަމަށް ޤަބޫލުކުރުމަކީ މުނާފިޤުންގެ ސިފައެކެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ހަދީޘްފުޅު ކުރައްވަވާފައިވަނީ ކެތްތެރިވާން މަސައްކަތްކުރާމީހާއަށް މާތްﷲ ކެތްތެރިކަން ދެއްވަވާނެ ކަމަށެވެ. އެކަން ޔަޤީންކޮށްގެންނަށް ހުންނަ މީހާއަށް ކެތްތެރިވެވޭނެ ކަމަށެވެ.

އެކަމަކު ބުނަން ހެއްޔެވެ! މައްސަލައަކީ ބޭރުފުށުން ކެތްތެރިކަން ދައްކަން އުޅެވޭކަމެވެ. އެތެރެއިން ކެތްތެރި ނުވެވޭކަމެވެ. ނަތީޖާއަކަށް ވެގެންދަނީ އެތެރޭގެ ކެތްތެރިކަން ކުޑަވަމުން ކުޑަވަމުން ގޮސް ކެތްތެރިކަން އެކުގައި ނެތިގެން ދިއުމެވެ. ހަތަރެސްފައިން ގޯސް ހެދެނީ އެހިސާބުންނެވެ. އެހިސާބުން ސިކުނޑި ބޮމެއް ފަދައިން ގޮވަނީއެވެ.

ކަމެއް ކުރިމަތިވުމުން އަބަދުވެސް ވިސްނަންވީ ތިމާއަށް ކުރެވިފައިވާ ކުށްތަކަށެވެ. މަސައްކަތް ކުރަންވީ ކުށްތަކަށް ތައުބާވެ އަމަލުތައް އިޞްލާޙްކުރުމަށެވެ. ކުށް ޤަބޫލު ނުކުރެވޭ މީހާއަސް ދުވަހަކުވެސް އިޞްލާހެއް ނުވެވޭނެއެވެ.

މާދަމާ ނޫނީ ފަހުން ތައުބާވާން ލަސް ނުކުރާށެވެ. ހަމަ ވަގުތުން ތައުބާވާށެވެ. ތައުބާވާން މަސައްކަތްކުރަން ފެށުމުން ޝައިޠާނާ އައިސް ބުނާނެ އެވެ. ކަލެއަކަށް ތައުބާއެއް ނުވެއެވެ. ކޫށް މާބޮޑެވެ. އެއީ ވެސް ކަލޭގެ މާޔޫސްކަން އިތުރުކޮށް ހަލާކުގެ ތެރެއަށް ވައްޓައިލުމަށެވެ.

--ޑރ. ބިލާލް ފިލިޕްގެ ދަރުސަކުން

މިއަދު އޮންލައިން