ސިހުރިވެރިން ގެންގުޅޭ ޖިންނި ފިތުނަ އުފެއްދުން ނޫންކަމެއް ނުކުރާނެއެވެ! ބުނާބަސް ޤަބޫލުކޮށް އެއްވެސް މީހަކާ ޙަސަދަވެރި ނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ސިހުރިވެރިން ގެންގުޅޭ ޖިންނި ފިތުނަ އުފެއްދުން ނޫންކަމެއް ނުކުރާނެއެވެ! ބުނާބަސް ޤަބޫލުކޮށް އެއްވެސް މީހަކާ ޙަސަދަވެރި ނުވާށެވެ!

ޢާއިލާތެރޭގައި ކިރިޔާ ކަމެއް ހިނގިނަމަވެސް ބައެއް މީޙުން އަވަސްވެގަންނަނީ ކޮންމެ ސިހުރިވެރިއެއްގެ ގާތަށް ދިއުމަށެވެ. ނޫނީ ފާލުބަލާ މީހެއްގެ ގާތަށް ދިއުމަށެވެ. ގޮސް މިވެނި އެވެނި ކަމެއް ކުރީ ކާކުތޯ އެބަ ސުވާލު ކުރެއެވެ. ހަމަ ސުވާލުކުރާއިރަށް އެކަންކުރީ މިވެނި އެވެނި ސިފައަކަށް ހުންނަ މީހަކު ކަމަށް އެބަ ބުނެއެވެ. 

އެސިފަތައް ކިޔައިދެނީ ސިހުރުވެރިޔާ އާއި ގުޅިފައިވާ ޖިންނިއެވެ. ޖިންނި އެކިޔައިދެނީ ތެދަކަސް ނޫނެވެ. ޖިންނި އަށް އޭނާގެ ޢާއިލާގެ މީހުން އެނގޭތީ އާއި ޢާއިލާގެ ތެރޭގައި ހިނގާ ފިތުނަތައް އެނގޭތީ އެ ފިތުނަތައް އިތުރަށް ހޫނުކުރުވަން ދޮގުހަދަނީއެވެ. 

ޖިންނިއަކަށްވުމަކީ މީހަކު ކުރާ ހުރިހާ ކަންކަން އެނގޭނެ ސަބަބެއް ނޫނެވެ. ނަމަވެސް ޖިންނިންނަށް ބައެއްކަންކަން ކޮންމެވެސް ވަރަށް އޮޅުންފިލުވިދާނެއެވެ. އެހެނީ ކޮންމެ މީހަކާއިއެކުގައިވެސް ޝައިޠޯނެއްވެއެވެ. ވީމާ އެ ޝައިޠޯނާގެ ކިބައިން އަހައިގެން ބައެއްކަންކަން  އޮޅުންފިލުވިދާނެއެވެ. ނަމަވެސް އެ ސިހުރުވެރިޔާ އާއި ގުޅިފައިވާ ޖިންނި ހަދަނީ ތެދުކަން ޔަޤީންކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ވީމާ ސިހުރުވެރިން ދައްކާ މިބާވަތުގެ ވާހަކަތައް އެއްގޮތަކަށްވެސް ޤަބޫލުނުކުރާށެވެ. 

މިއީ އަހަރެން ވަރަށް ގިނައިން ދޭ ނަޞޭޙަތެކެވެ. މި ނަޞޭޙަތް މިހާ ގިނައިން ދޭންޖެހެނީ ވަރަށް ބޮޑު ސަބަބެއް އޮތުމުންނެވެ. އެއީ ސިހުރިވެރިންގެ ހަދާ ދޮގުތައް އެއީ ތެދުކަމަށް ޤަބޫލުކުރެވި ޢާއިލާގެ ތެރޭގައި ފިތުނަވެރިކަން އުފެދޭތީއެވެ. ކައިވެނިތައް ރޫޅޭތީއެވެ. ހެޔޮ އެދޭ މައިދައިތައިންނާއި ޅިޔަން ފަހަރިންނަކީ ހަތުރުން ކަމުގައި ޤަބޫލުކުރެވޭތީއެވެ. ރަޙިމުގެ ގުޅުން ކަނޑައި އެކަކު އަނެކަކަށް މޫނު ދިމާނުކޮށް ތިބޭތީއެވެ. 

ކުރިއަސް މިދަނީ ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތަކެވެ. އެހެންވެ އާދޭސްކޮށްފައި ބުނަމެވެ. އެއްވެސް މީހަކާއިމެދު ހިތުގައި އެއްވެސް މިންވަރަކަށް ޙަސަދަވެރިކަން ނުބާއްވާށެވެ. ފަހަރެއްގައި މީހަކު ތިބާއަށް ދެރަކޮށް ކަމެއްކޮށްފައިވެސް އޮވެދާނެއެވެ. އެކަމަށް ކަންބޮޑުނުވެ ﷲ ތަޢާލާއަށް ވަކީލްކޮށްލާފައި އެމީހަކަށް މާފުކޮށް ޙިތް ޙަލާލުކޮށްލާށެވެ. އެއިރުން ތިބާއަށް އެކަލާނގެ ލައްވަވާ ރަހްމަތް މާބޮޑުވާނެއެވެ. 

ޔަޤިންކުރަންވީ ކަމަކީ ދުނިޔޭގެ އެންމެން އެކުވެގެން ތިބާއަށް ގެއްލުމެއް ދޭން މަސައްކަތްކުރި ނަމަވެސް މިންވަރުފުޅުގައި ނުވާ ކަމެއް ނުކުރެވޭނެ ކަމެވެ. ވީމާ ބުއްދިވެރިންގެ ގޮތަކަށްވާންޖެހޭނީ އެހެން މީހަކު ކޮށްފާެ ކަމަކަށް ކަންބޮޑު ނުވުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާތްގާއި ރައްކައުތެރިކަން އެދިއެދި ހުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން