ދެނަމާދު ދޭތެރޭގަ ގޭމްކުޅުމާ މުނިފޫހި ފިލުވުމުގެ ކަންކަން ޓީވީން ބެލުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ދެނަމާދު ދޭތެރޭގަ ގޭމްކުޅުމާ މުނިފޫހި ފިލުވުމުގެ ކަންކަން ޓީވީން ބެލުމަކީ ކޮންކަހަލަ ކަމެއްތޯ؟

ދެނަމާދު ދޭތެރޭގަ ގޭމްކުޅުމާ މުނިފޫހި ފިލުވުމުގެ ކަންކަން ޓީވީން ބެލުމަކީ ކޮންކަހަލަ ކަމެއްތޯ؟

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ މިކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅެކެވެ.

ފާފަވެރިނުވާނެ ކަމެއް ކުރުމަކީ މަނާކަމެއް ނޫނެވެ. ނަމަވެސް ފާފަވެރިނުވުމުގެ މާނަ ރަނގަޅުގޮތުގައި ކުރަންޖެހޭނެއެވެ. އެކަމެއް ކުރުމުން ތިމާ ދެންކުރަންހުރި އަޅުކަން ކުރުމާއި ދުރުހެލިވާނެ ކަމެއް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

ދެން ތިރީގައި އެވާ ލިޔުމުން ތިއަ ހޯއްދަވަން އުޅުއްވާ ޖަވާބު ލިބިވަދައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.

ބައެއް މީހުން ރޯދަ ވީއްލަނީ މިސްކިތުގައެވެ. ބައެއް އަންހެނުން ގޭގައި ލުއި ގޮތަކަށް ރޯދަވީއްލުމަށްފަހު އަވަސް އަވަހަށް މަޣްރިބް ނަމާދު ކުރެއެވެ. އެއީ އެކަން ކުރަން އޮތް އެންމެ ރަނގަޅުގޮތެވެ. ނަމަވެސް މިފަދައިން ޢަމަލުކުރާ ބައެއް މީހުން ވެސް ދެން އަމަލުކުރަނީ ރަނގަޅަކަށް ނޫނެވެ. އެހެނީ ކާމޭޒުދޮށުގައި އިށީންނަ ވަގުތުން ފެށިގެން ދެން ކުރެވޭ ކަންކަމުގެ ސަބަބުން ތަޤްވާވެރިކަމާއި ދުރަށް ދެވޭތީއެވެ.

މަޣްރިބް ނަމާދުން ފައިބައިގެން ގެއަށް ވަނުމަށްފަހު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމަތައް ބަލާ މީހަކަށް ވެގެން ޢިޞާ ނަމާދުކުރަން ދަތިތައް ހުންނާނެއެވެ. މިބުނި ފަދަ ޕްރޮގްރާމްތައް ބެލުމުން އެމީހެއްގެ ހިތަށް ވަންނާނީ އެޕްރޮގްރާމްތަކުން ފެނުނު ކަންކަމެވެ. ގިނަ މީހުންގެ ސިކުނޑީގައި އަބަދުވެސް އެންމެ ފަހުން ހަރުލާފައި ހުންނާނީ ތިމާއަށް އެންމެ ފަހުން ފެނުނު ކަމެކެވެ. މަނަޒަރުތަކެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ވީމާ ދާދި ދެންމެ ބެލި ޓީވީ ޕްރޮގްރާމްތަކުން ފެނުނު ކަންކަން ސިކުނޑީގައި ބަހައްޓައިގެން ޢިޝާ ނަމާދުކުރަން އުޅުމުން ފަސޭހައެއް ނުވާނެއެވެ.\

މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދު އެންމެ ރަނގަޅީ ކީރިތި ޤްރްއާން ކިޔެވުމުގައި ހޭދަކުރުމެވެ. އަހަރެންގެ އަމިއްލަ ތަޖުރިބާއިން ބުނެފާނަމެވެ. މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދެމެދުގައި ލިބޭ ވަގުތުކޮޅުގެ ބޭނުން އަހަރެން ހިފަނީ ކީރިތި ޤްރްއާން ކިޔެވުމަށެވެ. ހަމަޖެހިލައިގެން އިނދެ ސަޖިދަ ސޫރަތާއި އައްރަޙްމާން ސޫރަތާއި ވާޤިޢާ ސޫރަތާއި ތަބާރަ ސޫރަތް ކިޔަވައިލެވެއެވެ. މި ސޫރަތްތައް ކިޔެވުމުން ރޭގަނޑު ކިޔަވަންޖެހޭ ގިނަ ސޫރަތްތަކެއް ކިޔެވުނީއެވެ. ޢާންމުކޮށް ގިނަ ބައަކު ކިޔަވައި އުޅޭ ސޫރަތްތައް ކިޔެވުނީއެވެ. މިސޫރަތްތައް ކިޔެވުމުގެ ފައިދާގެ ވާހަކަތައް އަބަދުވެސް މިގެންދަނީ ދައްކަމުންނެވެ.

ބައެއް މީހުން ސޫރަތްތައް ކިޔަވަނީ ޢިޝާ ނަމާދަށްފަހުގައެވެ. އެއީވެސް މައްސަލައެއް ނޫނެވެ. ޢިޝާ ނަމާދުގެ ކުރިން ސޫރަތްތައް ކިޔަވައިފިނަމަ ޢިޝާ ނަމާދަށްފަހު އަވަހަށް ނިމޭނެއެވެ. އެކަމުގައި އެމީހަކު ބޭނުން ގޮތެއް އިޚްތިޔާރުކުރުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މުހިންމު ކަމަކީ ސޫރަތްތައް ކިޔެވުމެވެ.

މައުޟޫޢުގައި ބުނަން މި މަސައްކަތްކުރަނީ ދެ ނަމާދު ދޭތެރޭގައި ޓީވީ ބެލި ނަމަވެސް ބޭކާރު ޕްރޮގްރާމްތައް ބެލުމުގެ ބަދަލުގައި ދީނީ ކޮންމެވެސް ޕްރޮގަރާމެއް ބެލުމުގެ މުހިންމު ވާހަކައެވެ. އެއިރުން ޢިޝާ ނަމާދަށް މީހާ ތާޒާވާނެ ވާހަކައެވެ. ނަމަވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ބަލާނަމަ އެ ތާޒާކަން ނުލިބޭނެ ވާހަކައެވެ.

ކުރިއަށް މިއޮތީ ބަރަކާތްތެރި ރަމަޟާންމަހެވެ. ވީމާ މިއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. ޚާއްޞަކޮށް ރަމަޟާން މަހުގައެވެ. މިބުނި ކަންތައްތަކަށް ސަމާލުކަން ދީފިނަމަ ރަމަޟާން މަސް ނިމެންވާއިރު މީހާ ހުންނާނީ އެގޮތަށް ހޭނިފައެވެ. ދަރިންވެސް ތިބޭނީ ހޭނިފައެވެ. ރަމަޟާން މަހުން ޙާޞިލުކުރަން ޖެހޭ އެންމެ ބޮޑު އެއް ފައިދާއަކީވެސް ތިމާގެ ނަފްސް ތަރުބިއްޔަތުކުރުމެވެ. ވީމާ އެ މަޤްޞަދު ޙާޞިލުކުރަން ކޮންމެ މީހަކު ވެސް ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން