ރޯދަ ވީއްލާ ވަގުތު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ރޯދަ ވީއްލާ ވަގުތު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން: މުފްތީ މެންކް

ރަމަމާން މަހު މަޣްރިބް ނަމާދަށް ގޮވުމުގެ ކުރިން މިސްކިތަށް ގޮސް ތިބޭ ބައެއް މީހުންވެސް ބަންގިގޮވުމުން ގިނައިން ކާން އުޅެންހަދައިގެން ސުންނަތް ނަމާދުވެސް އެބަ ގެއްލެއެވެ. އަނެއްބައަކު ކާނެވަރަކަށް ކައިނިންމާފަ މާފަހުން ސުންނަތްކުރަންފަށާތީ އިމާމް މީހާ ޤަމަތްދޭއިރުވެސް ސުންނަތްކޮށް ނުނިމިގެން އެބައުޅެއެވެ.

އަނެއް ބައަކު މިސްކިތާއި ޖެހިގެން ގެ ހުންނައިރުވެސް ގެއިން ރޯދަވީއްލާއިރު ކާމިންވަރު ގިނަވުމުން ނަމާދަށްފަށާއިރުވެސް މިސްކިތަށް ދެވޭކަމަކަށް ނުވެއެވެ.  

މިފަދަ އެތައް ކަމެއް މެދުވެރިވަމުން އަންނައިރު މުފްތީ މެންކުގެ މިބަސްފުޅު ވިދާޅުވުމުން ފައިދާކުރާނެ ކަމަށް ބެލެވެއެވެ.

ރޯދަ ވީއްލަން ސުންނަތުގައި އޮތީ ކަދުރު އޮށަކުންނެވެ. ނުވަތަ ފެންފޮދަކުންނެވެ. ނުވަތަ ފެންފޮދަކާއި ކަދުރުއޮށަކުންނެވެ. މާގިނަ ތަކެތި ކައި ބަނޑު ފުރައިލުމެއް ނެތެވެ. ނަމަވެސް ވަރަށް ގިނަ ބައަކު ރޯދަވީއްލުމާއިއެކު ތަފާތު ޖޫސްތައް ބޮއި މީރުހައި ކާތަކެތި ކައި ބަނޑުފުރާލަން ބޭނުންވެއެވެ.

ރޯދަވީއްލާވަގުތު ގިނައިން ކާން ބޭނުންވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ އެވަގުތު ދުޢާ ނުކުރެވޭތީއެވެ. އެވަގުތު ދުޢާކުރާނަމަ ކަދުރު އޮށަކާއި ފެންފޮދަކުން ބަނޑުފުރިގެންދާނެއެވެ. ހިތާމައަކީ ބައެއް މީހުން ގިނައިން ކާން ހަދައިގެން މަޣްރިބް ނަމާދުގެ އިހު ސުންނަތްވެސް ދޫކޮށްލެވޭތީއެވެ.  

ރޯދަވީއްލާ ވަގުތު ގިނައިން ހަކުރު ބޭނުން ނުކުރާށެވެ! ތަފާތު ޖޫސްތައް ނުބޯށެވެ. ޚާއްޞަކޮށް ތެލުލި ތަކެތި ބޭނުން ނުކުރާށެވެ! މިހެން މިބުނަނީ ދީނުގައި އެކަން މަނާކުރާތީއެއް ނޫނެވެ. އެއީ ޞިއްހަތަށް ވަރަށް ގެއްލުން ހުރި ކަންކަން ކަމުގައިވާތީއެވެ.

ރަމަޟާން މަހު ބައެއް މީހުން ރޯދަވީއްލުމަށްފަހު ކާ މިންވަރު ގިނަވުމުގެ ސަބަބުން ބަރުހެލިވެ ތަރާވީޙް ނަމާދުކުރަންވެސް އެބަ އުނދަގޫވެއެވެ. ޢިޝާ ނަމާދު ވަގުތު ޖެހޭއިރު އޮންނަނީ ނުތެދުވެވޭވަރުވެފައެވެ. އެފަދަ މީހުންގެ ބަނޑު ރޯދަމަހު ބޮޑުވެގެންދެއެވެ. ފަލަވެސް ވެއެވެ. އެއީ ދުވާލު ނުކައި ހުރެފައި ރޭގަނޑު ދެ ގުނައަށް ކާތީއެވެ.  

މީސްތަކުންނޭވެ! ކާންވާނީ އަބަދުވެސް އެއް މިންގަނޑަކަށެވެ. އެއީ ރަސޫލް (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވާ މިންގަނޑަށެވެ. ގޮހޮރު 3 ބައަށް ބަހައިގެންނެވެ. ގޮހޮރުގެ ތިންބައިކުޅަ އެއްބައަށެވެ. އަނެއް ބައި ފެނުން ފުރާށެވެ. އަނެއްބައި ނޭވާލުމަށްޓަކައި ހުހަށް ބަހައްޓާށެވެ! ވިސްނާށެވެ! އޮޅިގެން މިއުޅެނީ ދިރިއުޅޭ ސަބަބެވެ. ދިރިއުޅެނީ ކާކަށް ނޫނެވެ. ނަމަވެސް ކަނީ ދިރިއުޅުމަށެވެ. މިކަން އެއްވެސް މީހަކު އޮޅުވާލައިގެން ނުވާނެއެވެ.

ގެރިމަސްކޮޅެއް ކެއުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ގެރިއެއްގެ މަސް އެކުގައި ކާލައިފިނަމަ ބޮޑު މައްސަލައަކަށް ވާނެ ނޫން ހެއްޔެވެ؟  

މީރު ތަކެތި ކެއުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ކާންވީ ލިމިޓުކޮށްގެންނެވެ. ލިމިޓެއް ނެތި ކުރަން އޮތް ކަމަކީ ﷲ ތަޢާލާއަށް ޝުކުރުވެރިވުމެވެ. އަޅުކަން ކުރުމެވެ.   

އެންމެ ބުއްދިވެރި ގޮތަކީ ރަމަޟާން މަސް ކައިރިވަމުން އަންނަ ވަރަކަށް ކެއުން މަދުކުރުމެވެ. އެއިރުން ރަމަޟާން މަސް އަންނައިރު މީހާ ހުންނާނީ މަދުން ކެއުމަށް ހޭނިފައެވެ. އަޅުކަން ކުރަން ފުރުޞަތު އިތުރުވާނީވެސް އެއިރުންނެވެ.  

ސުންނަތް ރޯދަ ހިފާ މީހުންވެސް މި ނަޞޭޙަތް ޤަބޫލުކުރާށެވެ! ޞިއްހަތަށްވެސް އެކަމުގެ ފައިދާކުރާނެއެވެ!  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން