ޢަޒީޒުގެ އަނބިކަނބަލުންނާއި އަތްތައް ކޮށިގެން ދިޔަ މިޞްރުގެ އަންހެނުންތަކުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 22ސ
ޢަޒީޒުގެ އަނބިކަނބަލުންނާއި އަތްތައް ކޮށިގެން ދިޔަ މިޞްރުގެ އަންހެނުންތަކުގެ ވާހަކަ-

ޔޫސުފުގެފާނު ވަރަށް ތުއްޕުޅުއިރު އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނު ވަޅަކަށް ވައްޓަވައިލެއްވިއެވެ. އެވަޅު ކައިރިން ދަތުރު ކުރަމުން ދިޔަ ވިޔަފާރި ޤާފިލާއަށް ޔޫސުފުގެފާނު ފެނިގެން އެކަލޭގެފާނު އެވަޅުން ނަގައިގެން ގެންގޮސް މިޞްރުގެ ބާޒާރުގައި ވިއްކައިލިއެވެ. އެތަނުން ޔޫސުފުގެފާނު ބައްލަވައިގަތީ، މިޞްރުގެ ޢިއްޒަތްތެރި ވަޒީރެކެވެ. އިމާމު ސުހައިލީ ބަޔާން ކުރައްވާ ގޮތުގައި، އޭނާގެ ނަންފުޅަކީ، قِطْفِيرُ އެވެ. 

މުޙައްމަދު ބިން އިސްޙާޤު ބަޔާން ކުރައްވާ ގޮތުގައި، އޭނާގެ ނަންފުޅަކީ،  إِطْفِيرُ بْنُ رُوَيْحِب އެވެ.

އޭނާގެ ލަޤަބުފުޅަކީ، ޢަޒީޒެވެ. އޭނާއަކީ އެޒަމާނުގައި މިޞްރުގެ ޚަޒާނާތަކާ ޙަވާލުވެގެން ހުންނަ މީހާއެވެ. އޭރު މިޞްރުގައި ރެނދަލި ކުރައްވައިގެން ހުންނެވި ރަސްގެފާނުގެ ނަމަކީ الرَّيَّانُ بْنُ الْوَلِيدُ އެވެ. އެހެން ރިވާޔަތެއްގައިވަނީ، الْوَلِيدُ بْنُ الرَّيَّانُ ކަމަށެވެ. އޭނާއަކީ ޢަމާލިޤުންގެ ތެރެއިން ހިމެނޭ މީހެކެވެ.{އިމާމު ޤުރުޠުބީ، ތަފްސީރުލް ޤުރްޠުބީ، 11 ވަނަ ޖިލްދު، ޞަފްޙާ 299} 

މިޞްރުގެ ޢަޒީޒު ނުވަތަ قِطْفِيرُ ކާވެނި ބައްލަވައިގެން އުޅުއްވީ ވަރަށް ރީތި އަންހެން ބޭފުޅަކާއެވެ. މުޙައްމަދު ބިން އިސްޙާޤު ވިދާޅުވާ ގޮތުގައި އެކަމަނާގެ ނަންފުޅަކީ، راعيل އެވެ. އިމާމު الْمَاوَرْدِي ރަޙިމަހުﷲ، ވިދާޅުވެފައިވަނީ، އެކަމަނާގެ ނަންފުޅަކީ، زليخا ކަމަށެވެ. {އިމާމު ޤުރުޠުބީ، ތަފްސީރުލް ޤުރްޠުބީ، 11 ވަނަ ޖިލްދު، ޞަފްޙާ 299} 

މިޞްރުގެ ޢިއްޒަތްތެރި ޢަޒީޒު، ޔޫސުފުގެފާނު ބައްލަވައިގެން އެމަނިކުފާނުގެ ގަނޑުވަރަށް ވަޑައިގެން، އަނބިކަނބަލުންނާ މުޚާބަތު ކުރައްވައި ވިދާޅުވިއެވެ. 

وَقَالَ الَّذِي اشْتَرَاهُ مِن مِّصْرَ لِامْرَأَتِهِ أَكْرِمِي مَثْوَاهُ عَسَىٰ أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا ﴿٢١﴾‏

[ކަނބުލޭގެ، އެކަލޭގެފާނުގެ ހުންނެވުން ރަނގަޅުގޮތަކަށް ހަމަޖައްސާށެވެ! އެއީ އެކަލޭގެފާނު، ތިމަންމެންނަށް މަންފާއެއް ކުރޭތޯއެވެ. ނުވަތަ ތިމަންމެން އެކަލޭގެފާނު ދަރިއެއްކަމުގައި ހަދާނީއެވެ.] {ޔޫސުފު 21} 

ޔޫސުފުގެފާނު ބޮޑުފުޅުވަމުން ދިޔަ ދިޔަހެން، އެކަލޭގެފާނުގެ ފިރިހެންވަންތަކަމާއި، ބަނިޔާދަކަން، ދިޔާއީ އިތުރަށް އުއްތި ފުރިހަމަވަމުންނެވެ. ފުރިހަމަ ފިރިހެނެއްގައި، ކޮންމެހެން ހުންނަންޖެހޭ އެންމެހައި، ހިތްގައިމުކަމަކާއި، ސާއްބަކަމެއް އެކަލޭގެފާނަށް ދެއްވުމުގައި، އަރަހުށި މާތްﷲ، ވަނީ ދީލަތިވެވޮޑިގެންފައެވެ. އެކަލޭގެފާނު މިދެންނެވި ރުޖޫލިއްޔަތުގެ ފުރިހަމަކަން ފެނިވަޑައިގެން ޢަޒީޒުގެ އަނބިކަނބަލުންގެ ހިތްޕުޅުގައިވަނީ، އެދުންނެވިކަމުގެ ޝުޢޫރުތައް ހިނގައިފައެވެ. 

ޢަޒީޒުގެ އަނބިކަނބަލުންގެ ފިތުނަވެރިކަން: 

ކޮންމެއަކަސް ޔޫސުފުގެފާނު ފުރާފުރިހަމަވެ، ބޮޑުފުޅުވީ ހިނދު، ޢަޒީޒުގެ އަނބިކަނބަލުން ފިތުންވެރިކަމާ ކުރިމަތި ލައްވަން ޖެހިވަޑައިގެންފިއެވެ. އެކަމަނާ އެކަލޭގެފާނާއެކު ފާޙިޝް ޢަމަލު ކުރުމަށް ޤަޞްތުކޮށް އެކަލޭގެފާނު އެކަމަނާގެ މަޅީގައި ޖައްސާލެވޭތޯ މަސައްކަތްކުރަން ފެށިއެވެ. މިވާހަކައިގެ ތަފްޞީލު ޤުރްއާނުގެ ޔޫސުފް ސޫރަތުގެ 23 ވަނަ އާޔަތުން ފެށިގެން 25 ވަނަ އާޔަތުގެ ނިޔަލަށް ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތްތަކުންނެވެ.

وَرَاوَدَتْهُ الَّتِي هُوَ فِي بَيْتِهَا عَن نَّفْسِهِ وَغَلَّقَتِ الْأَبْوَابَ وَقَالَتْ هَيْتَ لَكَ ۚ قَالَ مَعَاذَ اللَّـهِ ۖ إِنَّهُ رَبِّي أَحْسَنَ مَثْوَايَ ۖ إِنَّهُ لَا يُفْلِحُ الظَّالِمُونَ ﴿٢٣﴾ وَلَقَدْ هَمَّتْ بِهِ ۖ وَهَمَّ بِهَا لَوْلَا أَن رَّأَىٰ بُرْهَانَ رَبِّهِ ۚ كَذَٰلِكَ لِنَصْرِفَ عَنْهُ السُّوءَ وَالْفَحْشَاءَ ۚ إِنَّهُ مِنْ عِبَادِنَا الْمُخْلَصِينَ ﴿٢٤﴾ وَاسْتَبَقَا الْبَابَ وَقَدَّتْ قَمِيصَهُ مِن دُبُرٍ وَأَلْفَيَا سَيِّدَهَا لَدَى الْبَابِ ۚ قَالَتْ مَا جَزَاءُ مَنْ أَرَادَ بِأَهْلِكَ سُوءًا إِلَّا أَن يُسْجَنَ أَوْ عَذَابٌ أَلِيمٌ ﴿٢٥ 

މާނައީ: [އަދި އެކަލޭގެފާނު އެކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ އަރިހުން ނުބައި ކަމަކަށް އެދުނެވެ. އަދި ދޮރުލައްޕައި، އެކަނބުލޭގެ ދެންނެވިއެވެ. ކަލޭގެފާނު (ތިމަންނާގެ ގާތަށް) ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. [معاذ اللَّه] އެވެ. (އެބަހީ: اللَّه ގެ ރައްކާތެރިކަމަށް އެދެމެވެ. خيانة ތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން، ތިމަންގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓާފައިވަނީ، މާތް ރަނގަޅުގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރިން ނުދިނޭނެތެވެ. އަދި ހަމަކަށަވަރުން (އެދުމާއެކު) އެކަނބުލޭގެ އެކަލޭގެފާނާ ކުރިމަތިލިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ دليل ފެނިވަޑައިނުގެންނެވިނަމަ، އެކަލޭގެފާނުގެ ހިތްޕުޅުވެސް އެކަނބުލޭގެ ފަރާތަށް ލެނބުނީހެވެ. އެފަދައިން (އެ دليل ދެއްކެވީ) ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ ކިބައިން ނުބައި عمل އާއި، ހުތުރުކަންބޮޑު ފާފަ ދުރުކުރެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކަލާނގެ خيار ކުރެއްވި އަޅުންގެ ތެރެއިންނެވެ. އަދި އެ ދެމީހުންމެ ދޮރާ ދިމާއަށް އަވަސްވެގެންފޫއެވެ. އަދި އެކަނބުލޭގެ އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން (ހިފައި) ވީދައިލިއެވެ. އަދި ދޮރުކައިރިން އެކަނބުލޭގެ ފިރިމީހާ އެ ދެމީހުންނަށް ފެނުނެވެ. އެކަނބުލޭގެ ބުންޏެވެ. ތިބާގެ އަނބިމީހާއަށް ނުބައިކަމެއްކުރަން އުޅުނުމީހަކަށް، އެމީހާ ޖަލުގައި ހައްޔަރުކުރުން، ނުވަތަ ވޭންދެނިވި عقوبات ދިނުން ފިޔަވައި އޮތީ ކޮން ޖަޒާއެއް ހެއްޔެވެ؟.] 

ޢަޒީޒުގެ އަނބިކަނބަލުންގެ މިދެންނެވި ފަދައިން ވިދާޅުވުމުން، ޔޫސުފުގެފާނުވެސް އެކަލޭގެފާނުގެ ދިފާޢުގައި ވާހަކަފުޅު ދެއްކެވިއެވެ. އެންމެ ފުރަތަމައަށް ކަންތައް ހިނގައި ދިޔަގޮތުގެ ވާހަކަ ވިދާޅުވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [ނުބައިކަންތަކަށް ތިމަންކަލޭގެފާނުގެ ކިބައިން އެދުނީ، އެކަނބުލޭގެއެވެ.]

ހަމަ އެ ވަގުތުމެ، ޢަޒީޒުގެ އަނބިކަނބަލުންގެ ތިމާގެ މީހުންގެ ތެރެއިން ހެކިވެރިއަކު ބުންޏެވެ. [އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ކުރިމަތިންނަމަ، އެކަނބުލޭގެ އެބުނީ ތެދެވެ. އަދި އެކަލޭގެފާނު ވަނީ ދޮގުވެރިންގެ ތެރެއިންނެވެ. އަދި އެކަލޭގެފާނުގެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންނަމަ، އެކަނބުލޭގެ އެހެދީ ދޮގެވެ. އަދި އެކަލޭގެފާނު އެވަނީ ތެދުވެރިންގެ ތެރެއިންނެވެ.] {ޔޫސުފު 26 އަދި 27} 

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. [އެ އާޔަތުގައި ބަޔާން ކުރެވިފައިވާ ހެކިވެރިއަކީ، ޅަފަތުގެ ދާނުގައިވާ ތުއްޕުޅު ބޭފުޅެކެވެ.] ޞަޙާބީންގެ ތެރެއިން އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުވެސް ދެކެވަޑައިގަންނަވާ ގޮތަކީ މިއީއެވެ. ޠާބިޢީންގެ ތެރެއިން ސަޢީދު ބިން ޖުބައިރު ރަޙިމަހުﷲ ވެސް ދެކެވަޑައިގަންނަވަނީ މިގޮތަށެވެ. އިމާމު އިބްނު ޖަރީރުއް ޠަބަރީ އެންމެ ރާޖިޙު ކަމުގައި ދެކެވަޑައިގަންނަވަނީވެސް މިދެންނެވި ރިވާޔަތަށެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ފަސްވަނަ ޖިލްދު 147 ވަނަ ޞަފްޙާ} 

ދެން އެބައިމީހުން ޔޫސުފުގެފާނުގެ ގަމީސްކޮޅު ބެލިބެލުމުން އެ ގަމީސްކޮޅު ވީދިފައިވަނީ، ފުރަގަހުންކަން އެނގުނެވެ. އެހިނދު މިޞްރުގެ ޢިއްޒަތްތެރި ޢަޒީޒު ވިދާޅުވިއެވެ. [ހަމަކަށަވަރުން، އެއީ ތިޔަކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ކަމެކެވެ. ހަމަކަށަވަރުން، ތިޔަކަނބަލުންގެ މަކަރުވެރިކަމަކީ، ބޮޑުވެގެންވާ ކަމެކެވެ. يوسف ގެފާނެވެ! މިކަންތަކުން ދުރުހެލިވެވަޑައިގަންނަވާށެވެ! އަދި ކަނބުލޭގެ ކުރި ކުށަށް މާފު އެދޭށެވެ! ހަމަކަށަވަރުން، ކަނބުލޭގެވަނީ، ކުށްވެރިންގެ ތެރެއިންނެވެ." {ޔޫސުފު 28 އަދި 29} 

ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން