ހިފާ ރޯދަ، ރޯދައަކަށް ހަދަން އެދޭމީހާ އޭނާގެ އަނގަ ބަންދުކުރާށާ އަދި އަނގަ ހުޅުވަންޖެހޭކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ހިފާ ރޯދަ، ރޯދައަކަށް ހަދަން އެދޭމީހާ އޭނާގެ އަނގަ ބަންދުކުރާށާ އަދި އަނގަ ހުޅުވަންޖެހޭކަން އެނގޭހެއްޔެވެ؟

ރޯދަ ހިފުމަކީ އަނގަ އާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ. އެހެނީ އަހަރެމެން ކައިބޮއި ހަދަނީ އަނގައިން ކަމަށްވާތީއެވެ. ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ނުކައި ނުބޮއި އެކަންކަމަށް އަނގަ ބަންދުކޮށްގެން ހުރުމުން ރޯދަ ހިފުނީ ކަމަށެވެ. ނަމަވެސް ރޯދަ ވަނީ އެއަށްވުރެ މާބޮޑަށް އަނގަ ޢާއި ގުޅިފައެވެ.

މިސާލަކަށް ދުލުން ނުބައި ބަސްތައް ބުނާނަމަ އެމީހާގެ ރޯދަ ފުރިހަމައެއް ނުވާނެއެވެ. ވީމާ ކެއުން ބުއިމަށް އަނގަ ބަންދުކޮށް ތަޅުލި ފަދައިން ދުލުން ނުބައި ބަސްތައް ބުނުމަށްވެސް އަނގަ ބަންދުކޮށް ތަޅުލަން އެބަ ޖެހެއެވެ. ފިތުނަވެރި ވާހަކަތަކާއި ބޭކާރު ވާހަކަތައް ދެއްކުމަށްވެސް އަނގަ ބަންދުކޮށް ތަޅުލަން އެބަ ޖެހެއެވެ.

ހަމަ އެއާއިއެކު ކީރިތި ޤްރްއާން ކިޔެވުމަށާއި ހެޔޮ ބަސްތައް ބުނުމަށާއި ދުޢާކުރުން ގިނަ ކުރުމަށް އަނގަހުޅުވުން އިތުރުކުރަން އެބަޖެހެއެވެ. ހިފާ ރޯދަ ރޯދައަކަށްވާނީ އަނގަ، އެއިގެ ދައުރު މިބުނި ގޮތަށް ފުރިހަމަކޮށްގެންނެވެ. ވީމާ ރޯދައަށް ހުންނަ މީހާ އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ އަނގަ ބަނދުކުރަން ޖެހޭ ކަންކަމަށް އަނގަ ބަންދުކުރުމަށާއި އަނގަހުޅުވަން ޖެހޭ ކަންކަމަށް އަނގަ ހުޅުވުމަށެވެ.

އުންމީދަކީ މި ރަމަޟާންމަހު ހުރިހާ މުސްލިމުންވެސް އަނގައަށް ދޭ ސަމާލުކަން އިތުރުކޮށް ފުރިހަމަ ގޮތުގައި ރޯދަ ހިފަން ގަދައަޅައި މަސައްކަތްކުރާ ބައަކަށްވުމެވެ. ނުކައި ނުބޮއި ހުންނަން ޢަޒުމް ކަނޑައަޅައި މަސައްކަތްކުރާ ފަދައިން ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެންމެ ބަހެއްވެސް ދުލުން ނުބުނަން މަސައްކަތްކުރާ ބައަކަށްވުމެވެ. އަދި ހަމަ އެފަދައިން ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ބަސްތައް ވީހައި ގިނައިން ދުލުން ބުނާ ބައަކަށް ވުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން