موسى عليه السّلام ގެ މައިކަނބަލުން އެކަލޭގެފާނާއިގެން އާލާސްވެއިންނެވިއިރު އެކަމަނާގެ ފަރާތްޕުޅުން އާލާސްވެއިންނެވިކަމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އެކަމަނާ އާލާސްވެއިންނެވިކަން ޤިބްތީންގެ އެއްވެސް ފޫޅުމައަކަށް ފާހަގައެއް ނުކުރެވުނެނެވެ. ކޮންމެއަކަސް موسى عليه السّلام ގެ މައިކަނބަލުން އެކަލޭގެފާނާއިގެން ރައްކައުވެވަޑައިގެންނެވުމަށްފަހު ވަރަށް ކަންބޮޑުވެ ވަޑައިގެންނެވިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން، ހަތްވަނަ ޖިލްދު، 379 ވަނަ ޞަފްޙާ}
ކޮންމެއަކަސް موسى عليه السّلام ގެ މައިކަނބަލުން އެކަލޭގެފާނާ މެދު ކަންބޮޑުވެ ވަޑައިގެންނެވުމުން، މާތްﷲ އެކަލޭގެފާނާމެދު ކަންތައް ކުރާންވީ ގޮތް އެކަމަނާއަށް އެންގެވިއެވެ. އިލްހާމުގެ ޒަރީޢާއިންނެވެ. އެއީ، އެކަލޭގެފާނަށް ދެރަގޮތެއް މެދުވެރި ކުރައްވަފާނެ ކަމަށް އެކަމަނާއަށް ބިރުފުޅު ހީވެއްޖެނަމަ، އެކަލޭގެފާނަށް ކިރުފޮދު އެރުވުމަށްފަހު ފޮށިކޮޅަކަށް ލައްވައި ނީލަކޯރުގެ ތެރެއަށް ދޫކޮށްލެއްވުމެވެ. މިކަމަށް އިޝާރާތް ކުރައްވައި، ޤަޞަޞު ސޫރަތުގެ 7 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَأَوْحَيْنَا إِلَىٰ أُمِّ مُوسَىٰ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِي الْيَمِّ وَلَا تَخَافِي وَلَا تَحْزَنِي ۖ إِنَّا رَادُّوهُ إِلَيْكِ وَجَاعِلُوهُ مِنَ الْمُرْسَلِينَ ﴿٧﴾
މާނައީ: [އަދި ތިމަންރަސްކަލާނގެ موسى ގެފާނުގެ މަންމައަށް إلهام ކުރެއްވީމެވެ. ކަމަނާ އެކަލޭގެފާނަށް ކިރުފޮދު އަރުވާހުށިކަމެވެ! ފަހެ، ކަމަނާ އެކަލޭގެފާނުގެ މައްޗަށް ބިރުފުޅުގެންފިނަމަ، އެކަލޭގެފާނު (ފޮށްޓަކަށް ލައްވައިފައި) ކޯރުގެ ތެރެއަށް އެއްލަވާހުށިކަމެވެ! އަދި ކަމަނާ ބިރުފުޅު ނުގަންނާށެވެ! އަދި ހިތާމަވެސް ނުކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަލޭގެފާނު ކަމަނާއަށް ރައްދުކުރައްވާހުށީމެވެ. އަދި އެކަލޭގެފާނު رسول ންގެ ތެރެއިން ލައްވާހުށީމެވެ.]
موسى ގެފާނުގެ މައިކަނބަލުންގެ ނަންފުޅާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހިނގައިފައިވެއެވެ. ޤުރްޠުބީގެ ތަފްސީރުގައި ލިޔެވިގެންވެއެވެ. އެކަމަނާގެ ނަންފުޅަކީ، أَيَارْخَتْ ކަމަށާއި أَيَارْخَا ކަމަށް ސުހައިލީ ރިވާ ކުރައްވައިފައިވެއެވެ. ثعلبي ވިދާޅުވެފައިވެއެވެ. موسى ގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ، لَوْحَا بِنْتُ هَانِدَ بْنِ لَاوَى بْنِ يَعْقُوب އެވެ. {ތަފްސީރުލް ޤުރްޠުބީ، ޢަރަބި އެޑިޝަންގެ 16 ވަނަ ޖިލްދުގެ 232 ވަނަ ޞަފްޙާ}
އިމާމު އާލޫސީ ގެންނަވައިފައިވާ ރިވާޔަތެއްގައިވަނީ މޫސާގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ مَحْيانَةُ بِنْتُ يَصْهُرَ بْنِ لاوى ކަމަށެވެ. އޭނާގެ އެހެން ރިވާޔަތެއްގައިވަނީ يُوخابِذُ ކަމަށެވެ. އިމާމު ބަޣަވީ ލިޔުއްވައިފައިވަނީ މޫސާގެފާނުގެ މައިކަނބަލުންގެ ނަންފުޅަކީ يُوخَابِذُ بِنْتُ لَاوِي ކަމަށެވެ. ކޮންމެއަކަށް މިފަދަ ނަންތަކުގައި ޚިލާފު އުފެދިފައިވަނީ ޞައްޙަ ޙަދީޘަކުން ނުވަތަ ޤުރްއާނުގެ އާޔަތަކުން އެކަމަނާގެ ނަންފުޅު ޞަރީޙުކޮށް އައިސްފައި ނުވާތީއެވެ.
موسى ގެފާނަށް "މޫސާ" ގެ ނަންފުޅުން ނަން ކިޔިގެންވާ ގޮތާއި މެދު އިބްނު ޖަރީރުއް ޠަބަރީ ވިދާޅުވެފައިވެއެވެ. "ތިމަންކަލޭގެފާނަށް، ޚަބަރު ލިބިފައިވާ ގޮތުގައި، އެއީ ޤިބްޠީ ބަހުގެ ދެ ކަލިމައެވެ. مو ގެ މާނައަކީ ފެނެވެ. سا ގެ މާނައަކީ ގަހެވެ. {ކީރިތި ޤުރްއާނުގެ ތަފްސީރު ޑރ. ޢަބްދުއް ސައްތާރު ޢަބްދުއް ރަޙްމާން، ދަރުމަ މަޖައްލާ މެއި 2007}
موسى ގެފާނުގެ މައިކަނބަލުންގެ ގެކޮޅު ހުންނަނީ ނީލަކޯރުގެ އައްސޭރީގައެވެ. އެކަމަނާ އެކަލޭގެފާނަށް ކިރުފޮދު އެރުމަށްފަހު، އެކަލޭގެފާނު އެ ފޮށިކޮޅުގެ ތެރެއަށް ލައްވައެވެ. އެކަމަނާގެ ގެކޮޅަށް ފިރުޢައުނުގެ އައުވާނުންގެ ތެރެއިން މީހަކު ނުވަތަ ޝައްކުކުރެވޭ ފަދަ މީހަކު އައިސްފިނަމަ، موسى ގެފާނު ފޮށިކޮޅުގެ ތެރެއަށް ލައްވައި އެ ފޮށިކޮޅު ނީލަކޯރުގެ އައްސޭރިއަށް ދޫކޮށްލައްވައެވެ. އަދި ފޮށިކޮޅުގައި ވާގަނޑެއް އައްސަވައި، އެވާގަނޑު ގަހެއްގައި ބަނދެލައްވައެވެ.
އެއްދުވަހަކު، އެކަމަނާގެ ގެކޮޅަށް އެފަދަ މީހަކު އައުމުން، ކުރިންދެނެވި ފަދައިން موسى ގެފާނުގެ ފޮށިކޮޅުގެ ތެރެއަށް ލައްވައި އެ ފޮށިކޮޅު ނީލަކޯރުގެ އައްސޭރިއަށް ދޫކޮށްލެއްވިއެވެ. ނަމަވެސް، އެފަހަރު އެކަމަނާ، އެފޮށިކޮޅުގެ ވާގަނޑު ގަހުގައި ބެންނެވުމަކަށް ހަނދުމަފުޅެއްނެތެވެ. ދެން އެފޮށިކޮޅު ކޯރުގެ އޮއިގައި ހިރެމުން ފިރެމުން ގޮސް، ލައްވީ ފިރުޢައުނުގެ ގަނޑުވަރު ކައިރިއަށެވެ. އެތަނުން ފިރުޢައުނުގެ އަނބިކަނބަލުންގެ ޚާދިމުންގެ ބަޔަކު، އެ ފޮށިކޮޅު ނަގައިގެން ގެންގޮސް، ފިރުޢައުނުގެ އަނބިކަނބަލުންގެ އަތްޕުޅަށް އެރުވިއެވެ. އެބައިމީހުން އެފޮށިކޮޅު ކަނޑައި ބެލުމުން ފެނުނީ ވަރަށް ރީތި ތުއްޕުޅު ފިރިހެން ބޭފުޅެކެވެ. މާތްﷲ ފިރުޢައުނުގެ އަނބިކަނބަލުންގެ ހިތްޕުޅުގައި، موسى ގެފާނުގެ މައްޗަށް ލޯތްބާއި ކުލުނުވެރިކަން އުފެއްދެވިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން، ހަތްވަނަ ޖިލްދުގެ 380 ވަނަ ޞަފްޙާ}
މިދެންނެވި ކަންތައްތަކުގެ ވާހަކަ ބަޔާން ކުރައްވައި ޤަޞަޞު ސޫރަތުގެ 8 ވަނަ އާޔަތާއި 9 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
فَالْتَقَطَهُ آلُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗإِنَّ فِرْعَوْنَ وَهَامَانَ وَجُنُودَهُمَا كَانُوا خَاطِئِينَ ﴿٨﴾ وَقَالَتِ امْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّي وَلَكَ ۖ لَا تَقْتُلُوهُ عَسَىٰ أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا وَهُمْ لَا يَشْعُرُونَ ﴿٩﴾
މާނައީ: "ފަހެ، فرعون ގެ أهل ވެރިން، އެކަލޭގެފާނު (އޮޔާދަނިކޮށް) ހޮވައި ނެގިއެވެ. އެއީ އެކަލޭގޭފާނު އެއުރެންނަށްހުރި عدوّ އަކަށް، އަދި ހިތާމައަކަށް ވުމަށްޓަކައެވެ. ހަމަކަށަވަރުން، فرعون އާއި، هامان އާއި، އެ ދެމީހުންގެ لشكر ވީ ކުށްވެރިން ކަމުގައެވެ.އަދި فرعون ގެ އަނބިކަމަނާ ވިދާޅުވިއެވެ. (އޭނާއަކީ) ތިމަންނާއަށާއި، ކަލެޔަށްވާ ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ قتل ނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ. ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ. އަދި އެއުރެންނަކަށް (އޭގެ ނަތީޖާއެއް) ނޭނގެތެވެ."
މިދެންނެވި ބީދައިން موسى ގެފާނާމެދު ކަންތައް ހިނގަމުން ދިޔަ އިރު އެކަލޭގެފާނުގެ މައިކަނބަލުންގެ ހިތްޕުޅުވަނީ މުޅިން ބޭގަރާރުވެފައެވެ. موسى ގެފާނާ ވަކިވެވަޑައިގެންނެވުމަކީ އެކަމަނާއަށް ބަރުދާސްތު ކުރަން ދަތިފުޅު ހިތާމައެކެވެ. އެކަމަނާގެ ހިތްޕުޅުގައި ވަނީ މުޅިންވެސް، موسى ގެފާނުގެ ހަނދާންތަކެވެ. އެދަރިކަލުންނަށްވާ ލޯތްބާއި ކުލުނުވެރިކަމެވެ. އެދަރިކަލުންނަށް ދެން ވާނެ ގޮތަކާމެދު އެކަމަނާ އިންނެވީ ނުހަނު ކަންބޮޑުވެވަޑައިގެންނެވެ. ނަމަވެސް އެކަމަނާގެ ހިތްޕުޅަށް މާތްﷲ ގަދަކަން ދެއްވިއެވެ. ސާބިތުކަން ދެއްވިއެވެ. އެހެންނޫންނަމަ، އެކަމަނާއަށް موسى ގެފާނާމެދު ކަންތައް ކުރެވުނު ގޮތް މީސްތަކުންގެ ގާތުގައި ފާޅުކުރެވުނީހެވެ. މިކަމަށް އިޝާރާތް ކުރައްވައި ޤަޞަޞު ސޫރަތުގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވައި ފަދައިންނެވެ.
وَأَصْبَحَ فُؤَادُ أُمِّ مُوسَىٰ فَارِغًا ۖ إِن كَادَتْ لَتُبْدِي بِهِ لَوْلَا أَن رَّبَطْنَا عَلَىٰ قَلْبِهَا لِتَكُونَ مِنَ الْمُؤْمِنِينَ ﴿١٠﴾
މާނައީ: "އަދި موسى ގެފާނުގެ މައިކަމަނާގެ ހިތްޕުޅު (موسى ގެފާނު ފިޔަވައި އެހެން ހުރިހާ ކަމަކުން) ހުސްވެގެންވެއެވެ. ތިމަންރަސްކަލާނގެ އެކަމަނާގެ ހިތްޕުޅަށް ގަދަކަން ނުދެއްވިނަމަ، އެ ދަރިކަލުންގެ ކަންތައް އެކަމަނާ ފާޅުކުރައްވައިފީހެވެ. (އެއީ ހަރުދަނާ) مؤمن ންގެ ތެރެއިން އެކަމަނާ ވެވަޑައިގަތުމަށްޓަކައެވެ."
ކުރިންވެސް ދެންނެވި ފަދައިން، موسى ގެފާނުގެ މައިކަނބަލުން އިންނެވީ އެކަލޭގެފާނަށް ވެވަޑައިގެންނަވާނެ ގޮތަކާމެދު ނުހަނު ފިކުރުފުޅު ބޮޑުވެފައެވެ. އެހެންކަމުން، موسى ގެފާނު އޮންނެވި ފޮށިކޮޅު އޮޔާދާތަން ބެއްލެވުމަށްޓަކައި، އެކަލޭގެފާނުގެ އުޚްތު ފޮނުއްވިއެވެ. އެކަމަނާ ވަޑައިގެން، މީސްތަކުންނަށް ނޭނގޭނެހެން އެ ފޮށިކޮޅު އޮޔާގޮސް ލައްގާތަން ބައްލަވަމުން ގެންދެވިއެވެ. މިދެންނެވި ވާހަކައަށް އިޝާރާތް ކުރައްވައި، ޤަޞަޞު ސޫރަތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَقَالَتْ لِأُخْتِهِ قُصِّيهِ ۖ فَبَصُرَتْ بِهِ عَن جُنُبٍ وَهُمْ لَا يَشْعُرُونَ﴿١١﴾
މާނައީ: [އަދި އެކަމަނާ موسى ގެފާނުގެ أخت އަށް ވިދާޅުވިއެވެ. އޭނާ (އޮޔާދާތަން ބަލަމުން) ފަހަތުންގޮސް ބަލާށެވެ! ފަހެ، އޭނާ ދުރުގައި ހުރެގެން އެހެންމީހުންނަށް ނޭނގޭގޮތުން އެކަލޭގެފާނަށް ބަލަމުންދިޔައެވެ.]
ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް