ދުލުން ނުބައި ބަސްތައް ބުނުމަކީ އެއްވެސް ދުވަހަކު ކުރުން ހުއްދަ ކަމެއް ނޫނެވެ. ކަން މިހެން އޮތް ނަމަވެސް ރޯދަވެރިޔާ މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ. އެހެނީ ރޯދަ އަށް ހުންނަ މީހާ ރުޅި ގަދަވެ ދުލުން ނުބައި ބަސްތައް ބުނާނަމަ ރޯދަ ހިފުމުގެ ބޭނުމުގައި އެމީހަކު ނުކައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ޞަޙީޙް ޙަދީޘްފުޅުގައި ބަޔާންވެ އެކަން އެނގެން އޮތުމުންނެވެ.
ރޯދަ މަސް ފޭށުމުގެ ކުރިންވެސް މިކަން ހަނދާންކޮށް ދިނީމެވެ. ލޭމައްޗަށް ދިއުން ފަދަ މައްސަލަތައް ހުންނަނަމަ ޑޮކްޓަރަކަށް ދައްކައި ފަރުވާ ހޯދަން ހަނދާންކޮށް ދިނީމެވެ. ނަމަވެސް އެފަދަ ކަންކަމަށް ސަމާލުކަން ދެނީ ވަރަށް މަދު މީހެކެވެ. ނަތީޖާއަކަށް ވަނީ ބައެއް މީހުން ޜޯދަ އަށް ހުންނަ ވަގުތު ތަކުގައި އެމީހަކީ އަނބިދަރިންނަށާއި ޢާއިލާއަށް ބޮޑު ބިރަކަށްވެފައިވުމެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއީ އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް ރުޅި ގަދަވެ ދުލުން ނުބައި ބަސްތައް ބުނާ މީހާ ރޯދައަށް ހުރުމެއް ނެތެވެ. އެފަދަ ކަންކަން ކުރާ މީހަކު ޜޯދަ ހިފުމުގެ ނަމުގައި ނުކައި ނުބޮއި ހުރެ ހަށިގަނޑަށް ބުރަތައް ޖެއްސުވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހެނީ ކުރިން ބުނި ފަދައިން އެމީހަކީ ރޯދަވެރިއަކަށް ނުވާނެއެވެ.
އެހެން މީހަކު ތިމާއަށް ނުބައި ބަސްތައް ބުނެ ރުޅި ގަދަކުރުވަން މަސައްކަތް ކުރި ނަމަވެސް، ކިތަންމެ ނިބައި ބަސްތަކެއް ބުނި ނަމަވެސް ރައްދު ދިނުމެއްވެސް ނެތެވެ. އޮތީ ތިމާ މިހުރީ ރޯދައަށް ކަމަސް ބުނުމަށްވުރެ އިތުރަށް އެއްވެސް ބަހެއް ނުބުނުމެވެ. ވީމާ ކޮންމެ ރޯދަވެރިއަކު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ. ދުވާލު ހަތަރުދަމު ނުކައި ނުބޮއި ހުރެގެން ހިފާ ރޯދައަކީ އެއްވެސް އަގެއް ނެތް ބޭކާރު އެއްޗަކަށް ނުހަދާށެވެ. ހިފާ ރާދައަކީ ތިމާއަށް މަންފާ ކުރާ އެއްޗަކަށް ހެދުމަށްޓަކައި މިކަންކަމަށް ޚާއްޞަ ސަމާލުކްމެއް ދޭށެވެ! ހިފާ ރޯދަ ރޯދައަކަށް ހަދަން ގަދައަޅައި މަސައްކަތް ކުރާށެވެ!
ރޯދަ މަހު މި ތަމްރީނުތައް ލިބިގެންފި މީހަކަށް މުޅި އުމުރުގައިވެސް އެކަމުގެ ފައިދާ ކުރާނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން