މޫސާގެފާނުގެ މައިކަނބަލުންގެ ވާހަކަ 3: ހަދިޔާ އާ އުޖޫރައާވެސް އެކު ދަރިކަލުން އަނބުރާ އެކަމަނާއަށް ރައްދުކޮށްދެއްވެވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 45ސ
މޫސާގެފާނުގެ މައިކަނބަލުންގެ ވާހަކަ 3: ހަދިޔާ އާ އުޖޫރައާވެސް އެކު ދަރިކަލުން އަނބުރާ އެކަމަނާއަށް ރައްދުކޮށްދެއްވެވުން

ދަރިކަލުން އަނބުރާ އެކަމަނާއަށް ރައްދުކޮށްދެއްވެވުން: 

އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ ލިޔުއްވައިފައިވެއެވެ. [موسى ގެފާނުގެ ކޯރުން ނަގައިގެން ފިރުޢައުނުގެ ގަނޑުވަރަށް ގެންގޮސް އެކަލޭގެފާނުގެ ޤަތުލު ނުކުރައްވާނެކަމަށް ފިރުޢައުނު ބުނުމުން موسى ގެފާނަށް ކިރުފޮދު އަރުވާނެ ކިރުމައިން، އެބައިމީހުން ގެންނަންފެށިއެވެ. ތަފާތު އެތައް ކިރުމައިން ގެނެސްގެންވެސް އެއިން އެކެއްގެ ގާތުންވެސް موسى ގެފާނު ކިރުފޮދެއް ނުހިއްޕެވިއެވެ. ދެން އެބައިމީހުން އެކަލޭގެފާނު އުރުވަޑުވައިގެން ބާޒާރު މައްޗަށް ދިޔައެވެ. އެތަނުން އެކަލޭގެފާނަށް ކިރުފޮދު އަރުވާނެ ރަނގަޅު ކިރުމަޔަކު ފެނޭތޯއެވެ. އެބައިމީހުންގެ މި މަންޒަރު موسى ގެފާނުގެ އުޚްތު ދެކެވަޑައިގެންނެވިއެވެ. އެއްވެސް ކިރުމައެއްގެ ގާތުން ކިރުފޮދު ހިއްޕެވުން، މާތް اللّـه سبحانه وتعالى، موسى ގެފާނަށް ވަނީ ޙަރާމް ކުރައްވައިފައެވެ. އެކަލޭގެފާނުގެ މައިކަނބަލުން މެނުވީއެވެ.

{ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން ހަތްވަނަ ޖިލްދުގެ  382 އަދި 383 ވަނަ ޞަފްޙާ} 

މިދެންނެވި ވާހަކައަށް އިޝާރާތް ކުރައްވައި، ޤަޞަޞު ސޫރަތުގެ 12 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ. 

وَحَرَّمْنَا عَلَيْهِ الْمَرَاضِعَ مِن قَبْلُ فَقَالَتْ هَلْ أَدُلُّكُمْ عَلَىٰ أَهْلِ بَيْتٍ يَكْفُلُونَهُ لَكُمْ وَهُمْ لَهُ نَاصِحُونَ ﴿١٢

މާނައީ: [އަދި އޭގެކުރިން ތިމަންރަސްކަލާނގެ އެކަލޭގެފާނަށް (އެކަލޭގެފާނުގެ މައިކަމަނާ މެނުވީ) އެހެން ކިރުމައިން حرام ކުރެއްވީމެވެ. ދެން އެކަލޭގެފާނުގެ أخت ބުންޏެވެ. ތިޔަބައިމީހުންނަށްޓަކައި، އޭނާ ބަލަހައްޓައިދޭނެ ގެއެއްގެ أهل ވެރިން ތިޔަބައިމީހުންނަށް ތިމަން ދައްކަންހެއްޔެވެ؟ އަދި އެއުރެން އޭނާ ރަނގަޅަށް ބަލަހައްޓާނެތެވެ.] 

ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މިދެންނެވި އާޔަތުގައިވާ ފަދައިން، موسى ގެފާނުގެ އުޚްތު ވިދާޅުވުމުން އެބައިމީހުން އެކަމަނާއަށް ޝައްކު ކުރަންފެށިއެވެ. އެބައިމީހުން އެކަމަނާއަށް ބުންޏެވެ. [އެގޭގެ އަހުލުވެރިން، އެކުއްޖާފުޅު ރަނގަޅަށް ބަލަހައްޓައިދޭނެކަން ކަނބުލޭގެއަށް އެނގެނީ ކިހިނެތް ހެއްޔެވެ؟] އެކަމަނާ ޖަވާބު ދެއްވިއެވެ. [އެއީ އެބައިމީހުންނަކީ ރަސްގެފާނު އުފާފުޅުވާގޮތަށް ކަންތަށް ކުރާބަޔަކަށް ވާތީއެވެ. އަދި އެކަލޭގެފާނަށް ކިރުފޮދު އެރުވުމުގެ ސަބަބުން އުޖޫރައެއް ލިބޭނެކަމުގެ އުއްމީދުގައެވެ.] 

ދެން އެބައިމީހުން އެކަމަނާ ދޫކޮށްލިއެވެ. އެކަމަނާގެ މައިކަނބަލުން ރަސްގެފާނުގެ ގަނޑުވަރަށް ގެނެސް އެ ދަރިކަލުންނަށް ކިރުފޮދު އަރުވާގޮތުގެ މަތީންނެވެ. ދެން އެކަމަނާ ވަޑައިގެން އެވާހަކަ އެކަމަނާގެ މައިކަނބަލުންނަށް ދަންނަވައި އެ ދަރިކަލުންނަށް ކިރުފޮދު އެރުވުމަށް ރަސްގެފާނުގެ ގަނޑުވަރަށް ވަޑައިގެންނެވުމަށް ދެންނެވިއެވެ. އެކަމަނާ ވަޑައިގެން موسى ގެފާނަށް ކިރުފޮދު އެރުވުމުން އެކަލޭގެފާނު ކިރުފޮދު ހިތްޕަވަން ފެއްޓެވިއެވެ. ދެން އެ އުފާވެރި ޚަބަރު އާސިޔަތުގެފާނު ގެ ބާނދީން އެކަމަނާއަށް ފޮނުއްވިއެވެ. 

ދެން އާސިޔަތުގެފާނު موسى ގެފާނުގެ މައިކަނބަލުން ގެންނަވައި އެކަމަނާއަށް ވަރަށް ގިނަ ވެދުން ބަރުތީލާ ކުރެއްވިއެވެ. އޭރު އެކަމަނާއަށްވެސް އެދަރިކަނބަލުންގެ މަންމާފުޅަކީ އެއީ ކަމެއް އެނގިވަޑައިގެންފައެއްނުވެއެވެ. ދެން އާސިޔަތުގެފާނު ގެ އަރިހުގައިން އެދަރިކަލުންގެ ބެއްލެވުމަށްޓަކައި ގަނޑުވަރުގައި އިންނެވުމަށް އެކަމަނާގެ އަރިހުން އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަނާ އުޛުރުވެރިވެވަޑައިގެން ވިދާޅުވިއެވެ. [އަޅުގަނޑުގެ ފިރިއަކު އެބަހުއްޓެވެ. ބަލާނެ ދަރިންތަކެއް އެބަތިއްބެވެ. މިހެންވެ ކަމަނާގެ އަރިހުގައި ހުންނެވުން އަޅުގަނޑަށް ވާނީ ވަރަށް ދަތިކަމަކަށެވެ. އަޅުގަނޑުގެ ގޭގައި އެދަރިކަލުންނަށް ކިރުފޮދު އަރުވަން ކަމަނާ ރުހިވަޑައިގަންނަވާ ކަމުގައިވާނަމަ އަޅުގަނޑު އެކަން ކުރަން ތައްޔާރެވެ.] ދެން އާސިޔަތުގެފާނު އެކަމަށް ހުއްދަދެވިއެވެ. އެކަމަނާއަށް މަހު މުސާރައެއްވެސް ކަނޑައެޅުއްވިއެވެ. ހަދިޔާގެ ގޮތުގައި ހެދުމާއި މިނޫންވެސް ތަކެތި ދެއްވިއެވެ.

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު އިންގްލިޝް އެޑިޝަން، ހަތްވަނަ ޖިލްދުގެ 383 ވަނަ ޞަފްޙާ} 

މިދެންނެވި ބީދައިން، موسى ގެފާނު އެކަލޭގެފާނުގެ މައިކަނބަލުންގެ ފުރިހަމަ އިނާޔަތާއި ބެއްލެވުމުގެ ދަށުން ބޮޑުފުޅުވާނެ ގޮތް މިންވަރު ކުރެއްވިއެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން ޙާޞިލު ކުރެއްވުމަށްޓަކައެވެ. އެކަމަނާ އެދަރިކަލުންނާމެދު ހިތާމަފުޅު ނުކުރެއްވުމަށްޓަކައެވެ. މާތް ގެ ވަޢުދުފުޅަކީ ތެދު އެއްޗެއްކަން އެކަމަނާއަށް ހާމަކޮށް ދެއްވުމަށްޓަކައިމެއެވެ. ޤަޞަޞު ސޫރަތުގެ 13 ވަނަ އާޔަތުގައި މި ވާހަކަތައް ބަޔާން ކުރައްވައިފައިވަނީ މި ދަންނަވާ ޢިބާރާތުންނެވެ. 

فَرَدَدْنَاهُ إِلَىٰ أُمِّهِ كَيْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَلِتَعْلَمَ أَنَّ وَعْدَ اللَّـهِ حَقٌّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴿١٣

މާނައީ: [ފަހެ، ތިމަންރަސްކަލާނގެ، އެކަލޭގެފާނުގެ މައިކަމަނާއަށް އެކަލޭގެފާނު ރައްދުކުރެއްވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން حاصل ވުމަށްޓަކައެވެ. އަދި އެކަމަނާ ހިތާމަ ނުކުރެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ، حق ތެދުކަން އެކަމަނާ ދެނެގަތުމަށްޓަކައެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް އެކަމެއް ނޭނގެތެވެ.] 

موسى ގެފާނު މައިކަނބަލުން އެދަރިކަލުންނަށް ކިރުފޮދު އެރުވުމަށް ގެކޮޅަށް ވަޑައިގެންނެވި ނަމަވެސް ވަރަށް ގިނައިން އެދަރިކަލުންނާއެކުގައި މިޞްރުގެ ރަސްގެފާނުގެ ގަނޑުވަރަށް ވަޑައިގެން އުޅުއްވައެވެ. މިދަންނަވައިލެވުނީ ކީރިތި ޤުރްއާނުގައި އުއްމު މޫސާ ނުވަތަ މޫސާގެފާނުގެ މައިކަނބަލުންގެ ވާހަކަ ބަޔާން ކުރައްވައިފައިވާ ގޮތެވެ.

 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް 

މިއަދު އޮންލައިން