ނިޔަފަތިކަނޑާއިރު ސަމާލުކަންދޭންވީ ބައެއް ކަންކަން-

ކިޔުމަށް ހޭދަވާނީ 2މ 30ސ
ނިޔަފަތިކަނޑާއިރު ސަމާލުކަންދޭންވީ ބައެއް ކަންކަން-

އިންސާނާ ހެއްދެވުމުގައި ހަށިގަނޑުގައި ލައްވާފައިވާ ބައެއް ގުނަވަނާ އަދި ބައެއް ތަންތަނާމެދު ކޮންމެ އިންސާނަކު ފަރުވާތެރިވާން އަންގަވައިފައިވާ ކަންތައްތައް:

5 قَصُّ الأَظْفَارِ: (ނިޔަފަތި ކެނޑުން)

ނިޔަފަތި ކެނޑުމަކީވެސް ފިޠުރަތުގެ ތެރެއިން ހިމެނޭ ކަމެކެވެ.

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދެކެވެ. އަލްއިމާމުއްނަވަވީ ޞަޙީހު މުސްލިމުގެ ޝަރަހައިގައި ލިޔުއްވާފައިވެއެވެ.

ނިޔަފަތި ކަނޑަން ފަށާނީ ފުރަތަމަ ކަނާތްފަރާތުންނެވެ.

ފުރަތަމަ ކަނާތުގެ ޝަހާދަތް އިނގިލިން ފަށައިގެން މެދުއިނގިލިން ކަނޑައި ކަށިއިނގިލިން ކަނޑައި ކުޑައިނގިލިން ކަނޑައިފައި ދެން ބޮނޑުއިނގިލިން ކަނޑާނީއެވެ.

ދެން ވައަތުން ފަށާނީއެވެ.

ވައަތުން ފަށާނީ ކުޑައިނގިލިންނެވެ.

ކުޑައިނގިލިން ފަށައިގެން ތަރުތީބުން ކަނޑަމުން އައިސް ބޮޑު އިނގިއްޔަށް ނިންމާނީއެވެ.

ދެން ފައިން ފަށާނީއެވެ.

ފާށާނީ ކަނާތުގެ ކުޑައިނގިލިންނެވެ.

ބޮޑުއިނގިއްޔަށް ނިންމާފައި ދެން ވައަތު ފައިގެ ބޮޑުއިނގިލިން ފަށައިގެން ކުޑައިނގިއްޔަށް ނިންމާނީއެވެ. މިއެވެ.

މިޒަމާނަކަށް އައިސް ބައެއް މުސްލިމު ކުދިންވެސް ޚާއްޞަކޮށް އަންހެން ކުދިން އެކުދިންގެ އިނގިލިތަކުގެ ނިޔަފަތި ވަރަށް ދިގުކޮށް ވަކިގަނޑުން ޝިކާރަކުރާ ޖަނަވާރު ފަދައިން އޫތަކެއްހެން ނުވަތަ ވަކިތަކެއްހެން ދިގުކޮށް ހުންނަތަން ފެނެއެވެ.

އެކިކުދިން މިގޮތަށް ދިގުކޮށްފައި ހުންނަނީ އެކިވަރަށެވެ.

ބައެއްކުދިން ދެއަތުގެ އިނގިލިތަކާއި ދެފައިގެ އިނގިލިތަކުގެ ނިޔަފަތި ވަރަށް ދިގުކޮށްފައި އެބަހުރެއެވެ.

އަނެއްބަޔަކު އެއްއަތުގެ އިނގިލީގެ ނިޔަފަތި އަދި އަނެއްބަޔަކު އެއްނިޔަފަތިގަނޑު މިގޮތަށް އެކިވަރުވަރަށް ދިގުކޮށްފައި ހުންނާތީ ފެނެއެވެ.

އަދި ބައެއް ފިރިހެން ކުދިންގެ ކިބައިންވެސް މިކަން ހިސާބަކަށް ފެނެއެވެ.

ނަމަވެސް ޝައްކެއްވެސް ނެތި އެނގޭގޮތުގައި އެއީ ފިޠުރަތުގެ ސާފުގޮތާ އިދިކޮޅު ކަމެކެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެ މޮޅު ރަނގަޅު އަދި ރީތި ނަމޫނާގައިވާގޮތާ މުޅިން ތަފާތު ގޮތެކެވެ.

އެކަލޭގެފާުނުންގެ އަމުރުފުޅާ މުޅިން ޚިލާފުކަމެކެވެ.

އަދި އެއާއެކު އެކަމަކީ މުސްލިމު ނޫން މީހުންގެ ކިބައިން ދަސްކޮށްގެން އެމީހުންނާ އެއްގޮތްވާންވެގެން ކުރާކަމެއް ނަމަ ދެން މާބޮޑަށް ނުބައިވީއެވެ.

އިސްލާމްދީނުގައި ކުރަން އަންގަވާފައި ނެތްކަމެއްވެސް މުސްލިމު ނޫން މީހުންނާ މުސްލިމުން އެއްގޮތް ކުރުމުގެ ނިޔަތުގައި ކުރުމަކީ ހުއްދަކަމެއް ނޫނެވެ.

މިހެން ވީއިރު ދީނުގައި ވަކިގޮތަކަށް ކުރުމަށް އަންގަވާފައިވާ ކަމެއް އެގޮތަށް ނުކުރުމަކީ ކުށެކެވެ.

އަދި މުސްލިމު ނޫން މީހުންނާ އެއްގޮަތްވުމުގެ މާނައިގައި ކޮށްފިނަމަ ދެކުށް އޮންނާނެކަން ކޮންމެ މީހަކަށްވެސް އެނގެން ވާނެއެވެ.

ވީމާ ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ ސަލާމަތް އެކުއްޖަކު ހޯދުމަކީ ބުއްދިވެރި ކަމެކެވެ.

وَفَّقَنَا للهُ وَإِيَّاكُمْ لِمَايُحِبُّ وَيَرْضَاهُ

 

މަސްދަރު: حياتنا مع الله أجمل

މިއަދު އޮންލައިން